26 ސެޕްޓެންބަރު 2025 - 14:36 0
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު.--- ފޮޓޯ: އަދަދު ސްޕޯޓްސް
26 ސެޕްޓެންބަރު 2025 - 14:36 0
ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ލިބޭ ގޮތަށް ލުއިތަކެއް ދޭން ނިންމުމަކީ ރާއްޖޭގެ އެތުލީޓުންނަށް ލިބިގެންދިޔަ ބޭނުންތެރި ފުރުސަތެއް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް، މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކް ކޮމިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޑިސެމްބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ މުބާރާތްތަކުގައި ކުޅުމުގެ ހުއްދަ ރާއްޖޭގެ ކުޅުންތެރިންނަށް ލިބިފައިވާ ކަމަށެވެ. އަދި، މިއާ އެކު، އަންނަ މަހު، ބަހްރޭންގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރަން ހުރަހެއްނެތް ކަމަށް ވެސް އޮލިމްޕިކް ކޮމިޓީން ވަނީ ބުނެފަ އެވެ.
ސައްތާރު ވިދާޅުވީ، ބީޑަބްލިއުއެފްގެ މި ނިންމުމާ އެކު، ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖެ ތަމްސީލްކޮށް ވަނަ ހޯދަން މަސައްކަތްކުރަމުން އަންނަ އެތުލީޓުންނަށް މި ލިބިގެންދިޔައީ ފުރުސަތު ކަމަށެވެ.
"އަހަރެމެން މި ދަނީ، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރިފޯމް މަސައްކަތުގެ ތެރެއިން ވެދެވުނު ހުރިހާ އެހީތެރިކަމެއް ދެމުން، ރަނގަޅު ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން، އެސޯސިއޭޝަން ހިންގުމަށް ބާރު އަޅައި، ކުރިއަށް އޮތް މުސްތަގުބަލުގައި އެތުލީޓުންނަށް މިހާރަށް ވުރެ އިތުރު ފުރުސަތު ހޯދައިދޭން ބޭނުން،" ސައްތާރު ވިދާޅުވި އެވެ.
ބީޑަބްލިއުއެފް އިން މެއި 16 ދުވަހު ރާއްޖެ ސަސްޕެންޑްކުރަން ނިންމައި، 20 ވަނަ ދުވަހު މީޑިއާގައި އެކަން އާންމުކުރި އެވެ. އެ ގޮތުން، ބީޑަބްލިއުއެފް އިން ރާއްޖޭގެ އެސޯސިއޭޝަން، ބީއޭއެމް ސަސްޕެންޑްކުރަން ނިންމި ނިންމުމަށް އަމަލުކުރަން ފަށައި، ރާއްޖޭގެ ކުޅުންތެރިން، ޖޫން މަހު އޮތް ޔޫރަޕްގެ ދެ މުބާރާތަކުން ބާކީކުރި އެވެ. އޭގެ ފަހުން، ރާއްޖޭގެ ކުުޅުންތެރިންނަށް ބީޑަބްލިއުއެފް އިން ރުހުންދީފައިވާ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތެއް ނެތެވެ. ބީޑަބްލިއުއެފްގެ ސަސްޕެންޝަނުގެ މި މުއްދަތުގައި ރާއްޖޭގެ ކުޅުންތެރިންނަށް، ބީޑަބްލިއުއެފްގެ މުބާރާތްތަކުގައި ނުކުޅެވި، ރޭންކިންގައި ބޮޑު ވެއްޓުމަކާ މިހާރު ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އާ އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، ނޮވެމްބަރު މަހަށް އިންތިހާބު ވަނީ ތާވަލުކޮށްފަ އެވެ. އެ ގޮތަށް ނިންމީ، ބީޑަބްލިއުއެފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި ބީއޭއެމްގެ އެންމެ ފަހުން އޮތް ލީޑަޝިޕްގެ މެމްބަރަކު ހިމެނޭ ގޮތަށް ހަދާފައި އޮތް ވޯކިން ގްރޫޕުންނެވެ.
އޮލިމްޕިކް ކޮމިޓީން ބުނީ، ވޯކިން ގްރޫޕުން ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން، ރާއްޖޭގެ ބެޑްމިންޓަނަށް މި ފުރުސަތުތައް ދޭން ބީޑަބްލިއުއެފް އިން ނިންމީ ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment