17 އޮގަސްޓު 2024 - 09:14 0
އަތޫފް އާތިފް
މިިދިޔަ އަހަރުގެ އޮފީސް މުބާރާތުގެ ތެރެއިން އެމްއެންޑީއެފް ޓީމުގެ އެޑަމް: މި ފަހަރުގެ މުބާރާތުގައި ވެސް އޭނާ މޮޅު ކުޅުމެއް އަންނަނީ ދައްކަމުން.
17 އޮގަސްޓު 2024 - 09:14 0
މިހާރު ކުރިއަށްދާ މާކަންޓައިލް އޮފީސް/ކޮމްޕެނީ ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ލީގު ބުރުގެ ފަހު މެޗުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަތުން 3-2 ސެޓުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ބަލިވިއިރު، ސެމީ ފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކުރަން ޖެހިއްޖެ އެވެ.
މި މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. އެ ޓީމުން ވަނީ ލީގު ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފަ އެވެ.
އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ވެމްކޯ އިން އެމްއެންޑީއެފްގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 25-18, 15-25, 25-23, 25-22 އަދި 07-15 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ ފެނިގެންދިޔައީ ދަށްކޮށެވެ. އެގޮތުން މި ސެޓުގައި ވެމްކޯގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައިރު, މި ސެޓު ފަސޭހަކަމާއެކު އެމްއެންޑީއެފް އިން ވަނީ 25-18 އިން ގެންގޮސްފަ އެވެ.
އެކަމަކު ޖެހިގެން އައި ދެވަނަ ސެޓުގައި ވެމްކޯ އިން ކުޅުން ރަނގަޅުކޮށް ސިފައިންގެ ޓީމަށް ޕްރެޝަރުކުރިއިރު, މި ސެޓުގައި ސިފައިންގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ 25-15 އިންނެވެ. ތިންވަނަ ސެޓުގައި ވެސް ވެމްކޯ އިން ވަނީ ދެވަނަ ސެޓުގެ ކުޅުން ތަކުރާރުކޮށްފަ އެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ, 25-23 އިންނެވެ.
މެޗުގެ ހަތަރު ވަނަ ސެޓުގައި އެމްއެންޑީއެފް އިން ކުޅުން ރަނގަޅުކުރިއިރު, މި ސެޓުގެ ފަހުކޮޅު އެމްއެންޑީއެފްގެ ފަރާތުން ތަފާތު މޮޅަށް ކުޅެފައި ވެއެވެ. އެއާއެކު މި ސެޓު އެމްއެންޑީއެފް އިން ގެންދިޔައީ, 25-22 އިންނެވެ. އެކަމަކު ފަހު ސެޓުގައި އެމްއެންޑީއެފްގެ ކުޅުން ދަށްވެ, ފަހު ސެޓު ވެމްކޯ އިން ވަނީ ފަސޭހަކަމާއެކު 15-07 އިން ކާމިޔާބު ކޮށްފަ އެވެ.
ވެމްކީ އާއި އެމްއެންޑީއެފުން މާދަމާ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ އެންމެ ފަހުގެ ޗެމްޕިއަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެވެ. އެޗްޑީސީ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment