Advertisement

އުޅަނދުތަކުގެ ރަޖިސްޓްރީ މާލެ ޒޯނަށް ބަދަލުކުރަން ހަ މަހުގެ މުއްދަތެއް ދެނީ

15 އޮގަސްޓު 2024 - 20:30 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ހޯމް މިނިސްޓަރު އަލީ އިހުސާން: ކާރުތަކުގެ ރަޖިސްޓްރީ މާލެ ޒޯނަށް ބަދަލުކުރަން ހަ މަހުގެ މުއްދަތެއް ދޭން ސަރުކާރުން ނިންމާފަ ވާކަން އޭނާ ވަނީ މިއަދު އިއުލާނުކުރައްވާފަ -- ފޮޓޯ: ރައީސް އޮފީސް


އުޅަނދުތަކުގެ ރަޖިސްޓްރީ މާލެ ޒޯނަށް ބަދަލުކުރަން ހަ މަހުގެ މުއްދަތެއް ދެނީ

15 އޮގަސްޓު 2024 - 20:30 0

އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކުރި ނަމަވެސް، މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ދުއްވާ އުޅަނދުތަކުގެ ރަޖިސްޓްރީ މާލެ ސަރަހައްދަށް ބަދަލުކުރަން ހަ މަސް ދުވަހުގެ މުހުލަތެއް ދޭން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މާލެގެ ޕާކިން މައްސަލަ ހައްލުކުރަން ކަމާ ބެހޭ ފަރާތްތަކުން މިއަދު ބޭއްވި މަޝްވަރާތަކަށް ފަހު މިނިސްޓަރު ވިދާޅުވީ، މާލެއިން ފުލުހުން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރޭގައި އެހެން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ އިތުރުން އެއްވެސް ވަރަކަށް ރަޖިސްޓްރީ ނުކޮށް "ފޭކު ނަމްބަރު" ޖަހައިގެން ދުއްވާ އުޅަނދުތައް ވެސް އެބަހުރި ކަމަށެވެ.

"މި އުޅަނދުތަކުގެ ވެރި ފަރާތުން 40 ދުވަހުގެ ތެރޭގައި ކަނޑައަޅާ ސަރަހައްދަށް ގެންގޮސް އެ ތަނުގަ ބާއްވައިގެން ހަ މަސްދުވަހުގެ ތެރޭގަ ރަސްމީ ސިފައެއްގަ އެ ތަކެތި ރަޖިސްޓްރީ ކުރުމަށް މިހާރު ހުޅުވާލެވިފަ އޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ޓޯ ކޮށްފައި ނުވާ މިފަދަ އުޅަނދުތައް، ހަތަރު ދުވަހަށް ފަހު ދުއްވާނަމަ ޓޯ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ނޫން ޒޯނުތަކަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ މައްސަލަ ފެންމަތިވީ މި ފަހުން ހުޅުމާލެ ސެންޓްރަލް ޕާކު ކައިރި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ކާރުތަކެއް ޓޯކުރުމުގެ ތެރެއިންނެވެ. އެ ކާރުތައް ޓޯ ކުރުމާ ގުޅިގެން އެތަކެތީގެ ވެރިންނާއި ކާރު ގެންގުޅޭ ފަރާތްތަކުން މާލެއާއި ހުޅުމާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އެ މުޒާހަރާތަކުގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިސްތިއުފާއަށް ވެސް ގޮވި އެވެ. ކާރު ގެންގުޅޭ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ޕާކު ކުރާނެ ޖާގަތައް މާލެ ސަރަހައްދުގައި ނެތުމެވެ.