Advertisement

ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް 9,500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

15 އޮގަސްޓު 2024 - 13:56 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ލޭނުތަކެއް އަޅާފައިވާއިރު އައިންމަތީ ދޫނިތަކެއް އުުދުހެނީ. ކަނޑުގެ ހުރިހާ ދިރުމަކަށް ވެސް ލޭނު އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބޭ --- ފޮޓޯ: ވޯލްޑް ވައިލްޑްލައިފް ފަންޑް


ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް 9,500 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި

15 އޮގަސްޓު 2024 - 13:56 0

ދިވެހިރާއްޖޭގެ ކަނޑުތަކުގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރުމާ ދެކޮޅަށް ސޮއިކުރަމުންދާ ޕެޓިޝަނުގައި 9,500 އަށްވުރެ ގިނަ މީހުން މިހާތަނަށް ސޮއިކޮށްފި އެވެ.

ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރީން އެކުލަވައިލި ގަވާއިދުގެ ދެލިކޮޕީއެއް އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ޝާއިއުކޮށްފަ އެވެ. އެ ގަވާއިދަށް ހިޔާލު ފޮނުވުމުގެ ސުންގަޑިއަކީ އޮގަސްޓު 18, ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

އެ ގަވާއިދުގެ ދެލިކޮޕީ ޝާއިއުކުރުމާ އެކު މޯލްޑިވްސް އޯޝަން އެލަޔަންސް އަދި ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ގުޅިގެން އޮންލައިން ޕެޓިޝަނެއް ލޯންޗުކޮށްފައިވާއިރު މިހާތަނަށް އޭގައި 9,568 މީހުން ވަނީ ސޮއިކޮށްފަ އެވެ.

ޕެޓިޝަނުގައި ވަނީ ލޭނު އަޅަން ހުއްދަ ދޫކުރުމުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި އަދި ޓޫރިޒަމަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ބުނެފަ އެވެ.

އެގޮތުން, ލޭނު މަސްވެރިކަމާ އެކު މިޔަރާއި, ފެހުރިއްސާއި, ވެލާ ކަހަނބާއި, އެންމަޑި އަދި އައިންމަތީ ދޫނިތަކުގެ އާބާދީއަށް އަސަރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ލޭނު އަޅަން ބޭނުންކުރާ ކަންވާރުތައް ކަނޑަށް ގެއްލި އުޅަނދުތައް އެއްގަމަށް މިސްރާބު ޖަހާ ފަހުން ވެސް ކަނޑުގެ ދިރުންތައް އޭގައި ޖެހި އެ ދިރުންތައް ނެތިދާކަން ދިރާސާތަކުން ދައްކަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 2022 ގައި އެކަނި ވެސް 740,000 ކިލޯމީޓަރުގެ ލޭނު ކަންވާރު ކަނޑަށް ވަނީ ދޫވެފަ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން ބޮޑު މުޒާހަރާއެއް ވެސް ކުރި އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.