27 އޮގަސްޓު 2025 - 09:52 0
ހަސަން މުހައްމަދު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުޅުދުއްފުށީ ސިޓީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ
27 އޮގަސްޓު 2025 - 09:52 0
މިޔަރު ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ވަކާލާތު ކުރުމަށްފަހު ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ހުއްދަ ކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިދިޔަ ޖޫން މަހުގެ ތެރޭގައި ބޭއްވި އދ. ގެ އޯޝަން ކޮންފަރެންސުގައި ރާއްޖެއިން ވަނީ މިޔަރު ހިމާޔަތް ކުރަން ބޭއްވި ބައެއް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެފަ އެވެ. ދިވެހިރާއްޖެއިން މިޔަރު ހިމާޔަތް ކުރާ ގޮތަކީ، ދުނިޔެއަށް ވެސް މިސާލެއްގެ ގޮތުގައި އެ ކޮންފަރެންސުގައި ވަނީ އިސްތިހާރުކޮށްފަ އެވެ.
ނަމަވެސް އެ ވާހަކަތަކާއި، ރާއްޖެއިން މަސައްކަތް ކުރި ގޮތާ ހިލާފަށް އިއްޔެ ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަންނަ ނޮވެމްބަރު 1، ގައި ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި އަލުން ހުއްދަ ކުރައްވާނެ ކަމަށެވެ.
"މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓުކޮށް ނިމިއްޖެ. އެހެންވީމާ މި މެނޭޖްމަންޓު ޕްލޭނުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރު މަސްވެރިކަން ކުރަން ހުޅުވާލާނަން. އެހެންވީމާ 1 ނޮވެމްބަރުން ފެށިގެން އަލުން މި މަސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އަލުން އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ. އެހެންވީމާ އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން ތައްޔާރުވާން އަޅުގަނޑު ގޮވާލަން. އިރާދަކުރެއްވިއްޔާ ވަރަށް މުހިންމު ދޮރެއް މި ހުޅުވައިދެނީ،" މުއިއްޒު ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މިޔަރު ހިމާޔަތް ކުރުމާ ގުޅޭ އެއްވެސް ވާހަކައެއް މުއިއްޒު ނުދައްކަވަ އެވެ. އެކަމަކު، ކުޅުދުއްފުށީގައި މިޔަރުގެ މަސްވެރިކަން ޒަމާނުއްސުރެ ކުރަމުންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"މި ސިޓީގެ ރައްޔިތުންނަކީ ހާއްސަކޮށް މީގެ ކުރީގެ ދުވަސްތަކެއްގައި ކުރީގެ ޒަމާނެއްގައި ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް. ވަރަށް ބޮޑު އާމުދަނީއެއް އެކަމުން ލިބެމުންދިޔަ. ނަމަވެސް ގަވާއިދުތަކަށް ގެނެވުނު ބަދަލުތަކާ އަދި ބައެއް އެހެން ކަންކަމާ ހެދި އެކަން ވަނީ ހުއްޓިފަ. އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީ އާއި އެންވަރަމަންޓް މިނިސްޓްރީއާ އަދި ގަވާއިދުތަކާ އެއްޗެހި ބަލާ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީސް ގައި ބުނާ ގޮތުން ކަށިމިޔަރަކީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ބާވަތެކެވެ. އަދި އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމެނުމަށް މިހާރު ވަނީ ހިމަނައިފަ އެވެ.
އެ ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ، ކަށިމިޔަރު އެއް ގައުމުން އަނެއް ގައުމަށް ގެންދެވޭނީ ނޮން-ޑެޓްރިމެންޓަލް ސްޓަޑީއެއް ހެދުމަށްފަހު އެވެ. އެކަމަކު އެފަދަ ދިރާސާއެއް ހެދުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއިން ރައްކާކޮށްފައިނުވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ. އެހެންކަމުން، ކޮންވެންޝަނުގެ އެޕެންޑިކްސް ދޭއްގައި ކަށިމިޔަރު ހިމަނައިފި ނަމަ އެ ބާވަތުގެ މިޔަރު ރާއްޖެއިން ބޭރުކުރުން ހުއްދައެއް ނުވާނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ފެށީ 1980 ގެ އަހަރުތަކުގަ އެވެ. އެ ބާވަތުގެ މަސްވެރިކަން ކުރަން ފެށިތާ 10 އަހަރުގެ ތެރޭގައި ބާނާ ކަށިމިޔަރުގެ އަދަދު 50 ޕަސެންޓު މަދުވިކަން ދިރާސާތަކުން ދައްކަ އެވެ. އޭގެ ފަހުން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި މަނާ ކުރީ 2010 ވަނަ އަހަރެވެ. އެއިރު އެބާވަތުގެ މަސްވެރިކަން ކުރާ 38 އުޅަނދު ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
Comment