Advertisement

ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ މިނިސްޓަރު ޝިޔާމުއާ މަޝްވަރާ ވެސް ނުކޮށް!

3 ސެޕްޓެންބަރު 2024 - 07:35 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ލޭނު އެޅުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން މުޒާހަރާ ކުރި ސަރަހައްދުގައި ފިޝަރީޒް މިނިސްޓަރު ޝިޔާމް މަޑުކޮށްލައިގެން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ރައީސް ނިންމެވީ މިނިސްޓަރު ޝިޔާމުއާ މަޝްވަރާ ވެސް ނުކޮށް!

3 ސެޕްޓެންބަރު 2024 - 07:35 1

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރަން ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުން ބަދަލު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ފިޝަރީޒް މިނިސްޓަރީ އާ މަޝްވަރާ ނުކޮށްކަން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ވަޒީރުންގެ މަޖިލީހުން ނިންމީ ޖޫން 13، 2024 ގަ އެވެ. އެ ނިންމުން ބަދަލު ކުރަން ރައީސް މުއިއްޒު ނިންމެވީ އޯގަސްޓު 29، 2024 ގަ އެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދިނުމުގެ މަސައްކަތް ފެށީ، ރައީސް މުއިއްޒު ވިދާޅުވެގެން ކަމަށާއި، އެކަމަށް ތައްޔާރުވަމުން ދަނިކޮށް، ނިންމުން ކެންސަލްކުރީ ޝިޔާމްގެ ލަފައެއް ވެސް ހޯދުމެއް ނެތި ކަމަށެވެ.

އެކަން ހިނގީ އެގޮތަށްކަން އަދަދު ނޫހަށް މައުލޫމާތު ދިން ބައެއް ފަރާތްތަކުން ވެސް ވިދާޅުވި އެވެ.

ރައީސް އެ ނިންމެވުން ނިންމިކަން ރައީސް އޮފީހުން އިއުލާނު ކުރުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން، ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ޝިޔާމް ދެއްވި އިންޓަވިއުއެއް ވެސް އެ މީޑިއާއިން ގެނެސްދިނެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ހުޅުވައިލަން އުޅުނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އޯއައިޓީސީ) އިން ކޮންމެ އަހަރަކު އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު ކަނޑައަޅައި ރާއްޖެއަށް ދޭ ކޯޓާ އާ އެއްވަރަށް މަސް ނުބޭނޭ ކަމަށް ބުނެ އެވެ.

އެކަން ފާހަގަ ކުރައްވައި ބުރާސްފަތި ދުވަހު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ޝިޔާމް ވިދާޅުވީ ރާއްޖެއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ކަނޑައަޅާ ކޯޓާއާ އެއްވަރަށް މަސް ބާނައި ބޭރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް މުހިންމު [އައިއޯޓީސީން] ކަނޑައެޅޭ ކޯޓާ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިިފިގެން ދިޔުން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދައުލަތައް އަދި ގައުމަށް ވަންނަ އާމްދަނީ ވެސް އިތުރުވެގެންދާނީ އަޅުގަނޑުމެންނަށް ލިބޭ ކޯޓާއާ އެއްވަރަށް މަސްވެރިކަން ކުރެވިގެން އަދި އަޅުގަނޑުމެންނަށް ކޯޓާ އިތުރުކުރުމަށް މަސައްކަތް ކުރެވޭނީ ވެސް އެ މިންގަނޑަށް މަސްވެރިކަން ފުޅާވެގެން،" ޝިޔާމް ވިދާޅުވި އެވެ.

ލޭނު މަސްވެރިކަން ހުއްދަ ކުރަން ނިންމި ނިންމުން ސަރުކާރުން ބަދަލު ކުރީ މަސްވެރިންނާއި ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކާއި ބޭރުގެ ގައުމުތަކުން ވެސް ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ގޮވާލާފައި އޮއްވަ އެވެ.

އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރެވޭނެ ލިމިޓު ނުވަތަ މަސް ބޭވޭނެ އަދަދު އައިއޯޓީސީން ކަނޑައަޅަނީ ސައިންޓިފިކް ދިރާސާތަކަށް ފަހު އެވެ. އެއީ 2021 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަމަލު ކުރަން ފެށި ގަރާރެއްގެ ދަށުން ކަނޑައަޅާ ކޯޓާއެކެވެ.

ލޭނު މަސްވެރިކަމަށް ހުޅުވައިލަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަދައްކަވަމުން މިދިޔަ ބުދަ ދުވަހު ޝިޔާމް ވިދާޅުވީ ރާއްޖޭގެ އާމްދަނީއަށް ލޭނު މަސްވެރިކަމުން 120 މިލިއަން ޑޮލަރު އިތުރު ކުރެވޭނެ ކަމަށެވެ.

ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ޖުމުލަ 18 ޖަމިއްޔާއެއް ގުޅިގެން އެ ގަވާއިދަށް ހިޔާލު ވެސް ހުށަހެޅި އެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމީ ނުވަ ނުކުތާއެއްގެ މައްޗަށް ބިނާކުރި އެ ކަންބޮޑުވުންތައް ފިޝަރީޒް މިނިސްޓަރީއާ ހިއްސާކުރި ފަހުންނެވެ.

ރައީސް މުއިއްޒު އިއްޔެ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނާ ބައްދަލު ކުރި އެވެ. އެ ބައްދަލުވުމުގައި ބޮޑުކަންނެލީގެ މަސްވެރިން އެދުނީ ކަންނެލި ވިއްކޭނެ އެންމެ ދަށް އަގެއް ސަރުކާރުން ކަނޑައަޅައި ދިނުމަށެވެ.