15 އޮގަސްޓު 2024 - 12:26 0
މުހައްމަދު ޝަހްޒާން
މިޔަރުތަކަށް އަމާޒު ކޮށްގެން ލޭނު އެޅުމަކީ މަނާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރީގެ ގަވާއިދުގައި ބުނެފައިވޭ --
15 އޮގަސްޓު 2024 - 12:26 0
ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރާއިރު، ލޭނުގައި ޖެހި، މަރުވާ މިޔަރު ކިރައި ޕްރޮސެސްކޮށް ބޭރު ކުރުމުގެ ހުއްދަ ލިބޭ ލައިސެންސެއް ދޫކުރަން ފިޝަރީޒް މިނިސްޓަރީން ނިންމައިފި އެވެ.
ރާއްޖޭގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން އެ މިނިސްޓަރީން އެކުލަވައިލި ގަވާއިދުގެ ދެލިކޮޕީއެއް އާންމުންގެ ހިޔާލު ހޯދުމަށް ވަނީ ޝާއިއުކޮށްފަ އެވެ. އެ ގަވާއިދަށް ހިޔާލު ފޮނުވުމުގެ ސުންގަޑިއަކީ އޮގަސްޓު 18, ގެ މެންދުރު 12:00 ގެ ނިޔަލަށެވެ.
އޭގައި ބުނެފައި ވަނީ ލޭނު މަސްވެރިކަން ކުރެވޭނީ ހަމައެކަނި ލޯބޮޑު ކަންނެއްޔާއި ހިބަރާއި ރީނދޫ އުރަހަ ކަންނެއްޔަށް އަމާޒު ކޮށްގެން ކަމަށެވެ. މިޔަރަށް އަމާޒު ކޮށްގެން ލޭނު އެޅުމަކީ މަނާ ކަމެއް ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ނަމަވެސް, ލޭނުގައި ޖެހޭ މިޔަރާ މެދު އަމަލު ކުރާނެ ގޮތްތަކެއް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން އެ ގަވާއިދުގެ ދަށުން ލޭނު އެޅުމުގެ ހުއްދަ ލިބޭ އެއްވެސް އުޅަނދެއްގެ ލޭނުކޮޅުގެ މިޔަވާލީގެ ގޮތުގައި ވަޔަރު ނުވަތަ ނަރު ބޭނުން ކުރުން މަނާ ކޮށްފައިވެ އެވެ.
އެގޮތަށް އަމަލު ކުރާއިރު، ވެސް ލޭނުގައި ޖެހޭ މިޔަރުގެ ތެރެއިން މަރު ނުވެ އޮންނަ މިޔަރު ވީހައިވެސް އަވަހަކަށް ދޫކޮށްލަން ޖެހޭނެ ކަމަށް ގަވާއިދުގައި ބަޔާން ކުރެ އެވެ. ލޭނު ނަގާއިރު، މަރުވެފައިވާ މިޔަރު އެއްގަމަށް ގެންގޮސް ކިރުވައި ފައިސާ ހޯދުމުގެ ފުރުސަތު އެ ގަވާއިދުގެ ތެރެއިން ލިބެ އެވެ.
އެ ގަވާއިދުގެ ދަށުން މިޔަރު ކިރައި ބޭރު ކުރެވޭނީ އެކަމަށް ހާއްސަކޮށް ފިޝަރީޒް މިނިސްޓަރީން ދޫކުރާ ލައިސެންސެއް އޮންނަ ފަރާތަކަށެވެ. އެ ލައިސެންސް ނަގާ ފަރާތްތަކުން ކޮންމެ އަހަރަކު 10،000ރ. ގެ ފީއެއް މިނިސްޓަރީއަށް ދައްކަންޖެހެ އެވެ.
މިޔަރު ޕްރޮސެސްކޮށް ބޭރު ކުރުމުގެ ހުއްދަ އެ ލައިސެންސްގެ ދަށުން ލިބުނު ނަމަވެސް ރާއްޖޭގެ މާކެޓުގައި، ރާއްޖޭގެ އެތެރޭގައި މިޔަރުގެ ވިޔަފާރި ކުރުން އެ ގަވާއިދުގެ ދަށުން މަނަ އެވެ.
ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ނިންމާފައިވާއިރު، ލޭނު އަޅައިގެން ޖެހޭ މިޔަރުގެ އަދަދާއި ވައްތަރާއި އޮޑިއަށް ނަގާ މިޔަރުގެ ތަފުސީލު ވަކިވަކީން އެނގޭނެހެން މިނިސްޓަރީއަށް ރިޕޯޓު ކުރަން ލާޒިމު ކޮށްފައިވެ އެވެ.
މިޔަރުގެ އިތުރުން ލޭނު މަސްވެރިކަން ކުރުމުގައި ދޫންޏާއި ވެލާކަހަނބު ހިފޭ އަދި މަރުވާ މިންވަރު މަދު ކުރުމަށް ވެސް ހާއްސަ އުސޫލުތަކެއް އެ ގަވާއިދުގައި ބަޔާން ކޮށްފައިވެ އެވެ.
އެގޮތުން ރޭގަނޑުގެ ވަގުތުތަކުގައި ލޭނު އަޅާނަމަ، ދޯނީގެ އަލި މަޑު ކޮށްގެން ލޭނު އެޅުމާއި އިރުއޮއްސޭ ވަގުތާއި އިރު އަރާ ވަގުތު ލޭނު އެޅުން އެ ގަވާއިދުގައި މަނާ ކޮށްފައިވެ އެވެ.
އަދި، ލޭނުގައި ވަކި ބަރުދަނެއްގެ ބަރު ލުމާއި ލޭނުގައި ޖެހޭ ވެލާކަހަނބު ވީހައިވެސް އަވަހަކަށް ދޫކޮށްލުމާއެކު އެ ހުރިހާ ތަފުސީލެއް މިނިސްޓަރީއަށް ރިޕޯޓު ކުރުން ގަވާއިދުގައި ލާޒިމު ކޮށްފައިވެ އެވެ.
ބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދޫކުރަމަކީ ދިވެހި މަސްވެރިން ދެކޮޅު ކަމެކެވެ. ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.
އަދި، ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން ބޮޑު މުޒާހަރާއެއް ވެސް ކުރި އެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނިންމާފައެއް ނުވެ އެވެ.
Comment