Advertisement

ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރަން ތުރުކީ ބަޔަކާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

14 އޮގަސްޓު 2024 - 22:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމް: ސޮއިކުރުމުގެ ކަންކަން ކުރިއަށް ދިޔައީ އޮންލައިންކޮށް -- ފޮޓޯ: އެންވަރަމެންޓު މިނިސްޓަރީ


ފެނާއި ނަރުދަމާގެ ދާއިރާ ތަރައްގީކުރަން ތުރުކީ ބަޔަކާއެކީ އެމްއޯޔޫއެއްގައި ސޮއިކޮށްފި

14 އޮގަސްޓު 2024 - 22:00 0

ފެނާއި ނަރުދަމާ ދާއިރާ ތަރައްގީކުރުމަށް ޓަކައި ދިވެހި ސަރުކާރާއި ތުރުކީގެ އިސްތަންބޫލުގެ ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންއާއެކީ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ މިއީ ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ވެވުނު އެމްއޯޔޫއެއް ކަމަށެވެ.

މި އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ތޯރިގު އިބްރާހިމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރީ އިސްތަންބޫލުގެ ވޯޓާ އެންޑް ސްވްރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ. މިކަން ކުރިއަށް ދިޔައީ އޮންލައިންކޮށެވެ.

އެންވަޔަރަމަންޓުން ބުނި ގޮތުގައި މިއީ ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި ފަންނީ ތަޖުރިބާ ބަދަލުކުރުމާއި މީހުން ބިނާކުރަން ތަމްރީނު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލާފައިވާ އެމްއޯޔޫއެކެވެ.

އޭގެ އިތުރުން ދާއިރާއާ ގުޅޭ ބައިނަލް އަގުވާމީ ކޮންފަރަންސްތަކުގައި ދެ ގައުމުން ގުޅިގެން ބައިވެރިވެ ދާއިރާއަށް ކުރިއެރުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ވެސް މި އެމްއޯޔޫގެ ދަށުން ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެމްއޯޔޫއާ ގުޅޭ އިތުރު ތަފުސީލުތަކެއް ނުދީ އެންވަޔަރަމަންޓުން ބުނީ މީގެ ސަބަބުން ފެނާއި ނަރުދަމާ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ދެ ގައުމު ދެމެދުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އިސްތަންބޫލުގެ ވޯޓާ އެންޑް ސްވަރޭޖް އެޑްމިނިސްޓްރޭޝަނަކީ ތުރުކީގެ އެންމެ އާބާދީ ބޮޑު އިސްތަންބޫލުގެ ފެނާއި ނަރުދަމާގެ ކަންކަން ބަލަހައްޓަން 1981 ގައި އުފައްދާފައިވާ ދައުލަތުގެ އިދާރާއެކެވެ. އެ އިދާރާގެ މައިގަނޑު ޒިންމާއަކީ އިސްތަންބޫލަށް ސާފު ބޯފެން ފޯރުކޮށްދިނުމާއި ނަރުދަމާ ބެލަހެއްޓުމެވެ.