Advertisement

"ޓެކްނިކަލް ސްޓޮޕެއްގައި" އިޓަލީގެ ޖެޓުތަކެއް އަނެއްކާ ވެސް ހުޅުލެއަށް ޖައްސައިފި

14 އޮގަސްޓު 2024 - 14:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިޓަލީގެ ފައިޓަރު ޖެޓްތަކެއް މިދިޔަ މަހު ރާއްޖޭގައި: އަނެއްކާ ވެސް ޖެޓްތަކެއް މިއަދު ވީއައިއޭއަށް ވަނީ ޖައްސާފައި -- ފޮޓޯ: އިޓާލިއަން އެއާފޯސް


"ޓެކްނިކަލް ސްޓޮޕެއްގައި" އިޓަލީގެ ޖެޓުތަކެއް އަނެއްކާ ވެސް ހުޅުލެއަށް ޖައްސައިފި

14 އޮގަސްޓު 2024 - 14:00 0

ޓެކްނިކަލް ސްޓޮޕެއްގައި ކަމަށް ބުނެ އިޓަލީގެ އަސްކަރީ ޖެޓުތަކެއް އަނެއްކާ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖައްސައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެއާޕޯޓަށް ޖެއްސީ 10 އަކަށްވުރެ ގިނަ މިލިޓަރީ އެއާ ކްރާފްޓު ކަމަށެވެ.

"އެއީ ޓެކްނިކަލް ސްޓޮޕަކަށް އައި މިލިޓަރީ އެއާ ކްރާފްޓްތަކެއް. ޓެކްނިކަލް ސްޓޮޕްގައި ތެޔޮ ވެސް އަޅާނެ. އެމީހުން މާދަމާއިން ފެށިގެން ފުރާނެ،" އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ވެސް ބުނީ އެ ޖެޓުތައް ރާއްޖެ އައީ ޓެކްނިކަލް ސްޓޮޕަކަށް ކަމަށާއި އެއީ އިޓަލީގެ ޖެޓުތަކެއް ކަމަށެވެ. ނަމަވެސް ޖެޓުތައް އައި ސީދާ ސަބަބެއް އެމްއެންޑީއެފް އިން ނުބުނެ އެވެ.

މިދިޔަ މަހު ވެސް އިޓަލީގެ ޖެޓްތަކެއް ތެޔޮ އެޅުމަށްޓަކައި ރާއްޖެ އައިސްފައިވެ އެވެ. އެފަހަރު ވެސް އައިސްފައި ވަނީ ހަތަރު "ޔޫރޯފައިޓާ ޓައިފޫން" މަރުކާގެ ފައިޓަރު ޖެޓާއި އެއް ސަޕޯޓު އެއާކްރާފްޓެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް އިޓަލީ އެއާފޯސްގެ ޖެޓުތަކެއް ވީއައިއޭގައި ދެ ފަހަރެއްގެ މަތިން ޖެއްސި އެވެ. އެފަހަރު ޖެއްސީ ފަސްވަނަ ޖެނެރޭޝަނުގެ ޖެޓުތަކެއް ކަމަށްވާ "އެފް-35 ލައިޓްނިން" މަރުކާގެ ޖެޓުތަކެކެވެ.

މި ޖެޓުތައް ރާއްޖޭގައި ޖައްސަނީ ދަތުރުގެ މެދުން ތެޔޮ އެޅުމަށްޓަކައި ޓްރާންސިޓް ބޭނުމުގަ އެވެ. މިފަދަ ޖެޓުތައް ރާއްޖޭގައި ޖައްސަނީ އެކަމަށްޓަކައި ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.