Advertisement

ބަޓެލްކޯ ސީއީއޯއާ ފޮރިން މިނިސްޓަރު ޒަމީރު ބައްދަލު ކުރައްވައިފި

13 އޮގަސްޓު 2024 - 20:47 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފޮރިން މިނިސްޓަރު ޒަމީރު ބަޓެލްކޯގެ އިސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ: ފޮރިން މިނިސްޓްރީ


ބަޓެލްކޯ ސީއީއޯއާ ފޮރިން މިނިސްޓަރު ޒަމީރު ބައްދަލު ކުރައްވައިފި

13 އޮގަސްޓު 2024 - 20:47 0

ބަހްރެއިންއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން ފޮރިން މިނިސްޓަރު ޒަމީރު، އެ ގައުމުގެ ޓެލެކޮމް ކުންފުނި ބަޓެލްކޯގެ ސީއީއޯ މައިތަމް އަބްދުﷲއާ ބައްދަލު ކުރައްވައިފި އެވެ.

ޒަމީރު ބަހްރެއިންއަށް ވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު އަބްދުއްލަތީފް ބިން ރާޝިދު ޒަޔާނީގެ ދައުވަތަކަށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ، މިއަދުގެ ބައްދަލުވުމުގައި ބަޓެލްކޯގެ އިސްވެރިންނާއެކު ސައިބާ ސެކިއުރިޓީ އަދި މުވާސަލާތީ ގުޅުން ވަރުގަދަ ކުރުމުގެ ދާއިރާއިން މަޝްވަރާ ކުރި ކަމަށެވެ.

ދިވެހި ސަރުކާރުން 2022 ގައި ވަނީ ރާއްޖޭގައި ސައިބާ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫއެއްގައި ބަޓެލްކޯއާއެކު ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ދިރާގު ވެސް ހިމެނެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަތަރަށް ކުރެއްވި ރަސްމީ ދަތުރެއްގެ ތެރެއިންނެވެ.

ބަޓެލްކޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އޭޖެންސީ، ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބާ ސްޕޭސްއެއް ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯން ސައިބާގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ ކަމަށް އެންސީއައިޓީ އާއި ދިރާގުން އޭރު ނެރުނު ބަޔާނެއްގައި ބުންޏެވެ.