13 އޮގަސްޓު 2024 - 10:25 0
ލީވާން އަލީ ނާސިރު
ވ. ތިނަދޫ ބަނދަރު: ބަނދަރުގެ މަސައްކަތަށް ގެނައި އެމްޓީސީސީ ޓީމު ފުރުވާލަން އުޅޭތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އެކްސް
13 އޮގަސްޓު 2024 - 10:25 0
ވ. ތިނަދޫ ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މަޑުޖައްސާލަން އުޅޭތީ އެ ރަށުގެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްއަށް ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ބަނދަރުގެ މަޝްރޫއު މަޑު ޖައްސާލައި މެޝިނަރީޒްއާއެކު މާދަމާ ރަށުން ފައިބަން އުޅޭ ކަމަށާއި އެގޮތަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވެސް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓް މި އަހަރު ކުރިއަށް ގެންދެވޭނެ ގޮތަކީ ރައީސުލްޖުމްހޫރިއްޔާގެ ޕްރިއޯރިޓީ ލިބިގެން ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއްވާ. ތިނަދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށުމަށް އީއައިއޭ ރިޕޯޓް ހަދައި ނިންމާ އެޕްރޫވް ކުރުމަށް ސަބްމިޓް ކޮށްފައި ވަނިކޮށް ތިނަދޫގެ ބަނދަރު ހެދުމަށް މޯބިލައިޒްވެފައިވާ އެމްޓީސީސީއިން ފައިބައިގެން ދިޔުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު ދެރައެއް،" ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ މިދިޔަ އަހަރުގެ އެޕްރިލް މަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް މި އަހަރުގެ ފެބްރުއަރީ މަހު އީއައި ރިޕޯޓް ހަދަން ފެށައި، އެކްސްކަވޭޓަރަކާއެކު ފަސް މުވައްޒަފުން ހިމެނޭ ޓީމެއް އެމްޓީސީސީން ރަށުގައި މޯބިލައިޒްކުރި ކަމަށެވެ.
އެމްޓީސީސީގެ ޓީމަށް ހިލޭ ސާބަހަށް ސައިޓް ހެދުމަށް ހުސް ބިމަކާއި އިމާރާތެއް ހަމަޖައްސައި، އެ މުވައްޒަފުންނަށް އިމާރާތުގައި ދިރިއުޅެވޭނެ ގޮތަށް ފެނާއި ކަރަންޓު ރަށުގައި ތިބި ހެޔޮ އެދޭ ފަރާތްތަކުން ހަމަޖެއްސި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
"ބަނދަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަނދަރު ފުރި ކުޑަވެ ލަފާ ފުރާ މީހުންނާއި އަދި ބަނދަރުގައި ހުރި އަގުބޮޑު އުޅަނދުފަހަރުތަކަށް ވެސް އެއްވެސް ރައްކާތެރިކަމެއް ނެތް. ތިނަދޫއަކީ ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި އިންތިހާޔަށް ފުޅާ މިހާރު ވެސް އިތުރު 400 އެއްހާ ކޮޓަރި ރަށުގައި އިމާރާތް ކުރަމުންދާ ރަށަކަށް ވުމުން އިންތިހާޔަށް ބަނދަރުގެ ޖާގަ ބޮޑުކޮށް ތަރައްގީ ކުރުމުގެ ބޭނުންވެފައި އެބަ އޮތް،" ކައުންސިލުން ބުންޏެވެ.
އޭގެއިތުރުން, ބަނދަރުގެ ބޭރުތޮށި ރައްކާތެރިކަން ނެތް މިންވަރަށް ހަލާކުވެފައިވާކަން ފާހަގަކޮށް ކައުންސިލުން ބުނީ ބަނދަރުގެ ހުޅަނގު ބޮޑު ތޮށިގަނޑާއި އެއްގަމު ތޮށި އެއްކޮށް އަރިއަޅާލާފައިވާ ކަމަށާއި ބަނދަރު ފުރިބާރުވެ ލަފާ ފުރުމަށް ވެސް ދަތިތައް އަންނަނީ ދިމާވަމުން ކަމަށެވެ.
އަތޮޅުގެ ހުރިހާ ރަށަކުން ކަނޑު އުޅަނދުފަހަރަށް ތެޔޮފޯރުކޮށްދެވެން އޮތް ހަމަ އެކަނި ރަށަކީ ތިނަދޫ ކަމަށްވާއިރު ރަށުުގެ ބަނދަރުގައި ޖާގައެއް ނެތުމުން ހިދުމަތް ހޯދާ ފަރާތްތަކަށް ދަތިވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް އިރުވައި މޫސުމުގައި ބަނދަރު ސަލާމަތުން އޮންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ކައުންސިލުން ބުންޏެވެ.
Comment