Advertisement

އޭޕްރީލް މަހު ފަށަން ވިދާޅުވި މަޝްރޫއުތައް ހުއްޓިފައި، ގާބުރިއެއް ވެސް ނުބޭއްވުނު!

11 އޮގަސްޓު 2024 - 09:02 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ޕީއެންސީ


އޭޕްރީލް މަހު ފަށަން ވިދާޅުވި މަޝްރޫއުތައް ހުއްޓިފައި، ގާބުރިއެއް ވެސް ނުބޭއްވުނު!

11 އޮގަސްޓު 2024 - 09:02 0

މާލޭގެ މައްސަލަތަކަށް ހައްލު ހޯދަން މޭޔަރުކަމުގައި އިއުލާނުކުރި މަޝްރޫއުތައް ކުރިއަށް ނުދިޔައީ އޭރު އޮތް އެމްޑީޕީ ސަރުކާރުން ފުރުސަތު ނުދިނުމުގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ. އެހެންވެ، އެ މަނިކުފާނުގެ ވެރިކަމާއެކު އެ މަޝްރޫއުތައް ބާރަށް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ނަމަވެސް އެ ބޭފުޅުން އެ ވިދާޅުވާ "ސްޕީޑެއް" އެ މަޝްރޫއުތަކުގައި ނެތެވެ.

އޭޕްރީލް މަހު ފަށަން އިއުލާނު ކުރި މަޝްރޫއުތަކުގެ ތެރޭގައި، މާލޭގައި އެންމެ ބޮޑު ތުރާލަކަށް ވެފައިވާ ޕާކިން މައްސަލަ ހައްލުކުރަން ޕާކިން ބިލްޑިން އެޅުމާއި، ބާވެފައިވާ މާލޭހިޔާ އާއި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދުގައި އާ ފްލެޓުއަޅައި ދިނުމާއި ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ހިމެނެ އެވެ. އަދި ޒަމާނީ ރޯމަސް މާރުކޭޓެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ރޯދަ މަސް ނިމުމާއެކު ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ނަމަވެސް މިއަދާ ހަމައަށް އެއިން އެއްވެސް މަޝްރޫއެއް ކުރިޔަށް ނުކަނޑައެވެ.

ޕާކިން ބިލްޑިންތައް

މޭޔަރު ކަމުގައި ޕާކިން ބިލްޑިންތައް ނޭޅުނީ އޭރު ސަރުކާރުން މަގު ނުދެއްކުމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެމަނިކުފާނު ޕްލޭންކޮށްފައި ވަނީ މާލޭގެ ހަ ސަރަހައްދެއްގައި ޕާކިން ބިލްޑިން އެޅުމަށެވެ.

"މިހާރު އިރާދަކުރެއްވިއްޔާ [އެ މަސައްކަތް] ކުރިއަށްދާ ގޮތަށް އެވަނީ ހަމަޖެހިފައި. އަޅުގަނޑުމެން އުންމީދު ކުރަނީ، މާލަސްތަކެއްނުވެ، އޭޕްރީލް މަސް ހިސާބުގައި، އަމަލީ ގޮތުން، ފިޒިކަލީ، މި އިމާރާތްތައް މާލޭގައި އަޅަން ފެށޭނެ ކަމަށް. އެހިސާބަށް ވަނީ ގޮސްފައި،" މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަށް އޭރު އިންތިހާބުކުރި މެންބަރުން ހުވާކުރުމަށް މި އަހަރުގެ ޖެނުއަރީ މަހު ބޭއްވި ދަރުބާރުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޕާކިން ބިލްޑިން އަޅަން ދޫކޮށްފައިވާ ހަ ބިމަކީ ކޮބައިކަން ހާމަ ނުކުރާއިރު، ރައީސް މުއިއްޒު އެ ވިދާޅުވާ ބިލްޑިންތަކުގެ ތެރެއިން އެއްވެސް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތެއް ނުފަށަ އެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ބާ ޖަމާލުއްދީނުގެ ބިމުން ބައެއްގައި "އަންޑާގްރައުންޑް ޕާކިން ފެސިލިޓީ" ހެދުމުގެ ޕްލޭނެއް ދައްކައިލި އެވެ. އެ ޕްލޭނުން ފެންނަ ގޮތުގައި ޕާކިން ބިލްޑިން ތިރީގައި ހުންނައިރު، ހިތްފަސޭހަ މައިޒާން ތަރައްގީ ކުރާނީ އުސްކޮށް މަތީގަ އެވެ. އެ މައިޒާނުގައި ކުޑަ ހަޓުތަކުގެ އިތުރުން ކުޑަކުދިން ކުޅެލާނެ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.

ކުރެހުން ދައްކައިލިތާ ހަމަސް ވުމަށް ގާތްވެފައި ވާއިރު މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުފެށި، މަޝްރޫއުއަށް ކަނޑައެޅި ބިން އެދަނީ ގޮނޑަކަށް ވަމުންނެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުތައް

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެެ. އެކަމަށް ތަސައްވުރުގައިވާ އެންމެ ބިޔަ މަޝްރޫއުއަކީ ރަސްމާލެ ކަމަށް ވިޔަސް، މާލެ އާއި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ވައުދުވެވަޑައިގެންފައިވެ އެވެ.

އެފަދަ އެއް މަޝްރޫއަކީ ބާވެފައިވާ މާލޭހިޔާ އަދި ސިނަމާލެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް އެ ސަރަހައްދުގައި ބިނާކުރަން ޕްލޭންކުރި މަޝްރޫއު އެވެ. އެއީ މޭޔަރުކަމުގައި ރާވައި، ފަށަން ތައްޔާރުވެފައި އޮތް މަޝްރޫއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަން ވެސް ނުވި ސަބަބަކީ އެމްޑީޕީ ސަރުކާރު ކަމަށް ވިދާޅުވި އެވެ.

"[ނަމަވެސް] އެކަންވެސް މިހާރު އެވަނީ އިރާދަކުރެއްވީތީ ކުރިއަށް ދެވޭނެ ގޮތް ހަމަޖެހިފައި. ހަމަ ދެންމެ އަޅުގަނޑު މި ދެންނެވި މުއްދަތުގައި ގާތްގަނޑަކަށް، އެޕްރީލް މަސް ހިސާބުގައި، އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ ފަސް އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ،" ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.


އެ އިމާރާތަކީ މިހާރު ހުރި މާލޭހިޔާ އާއި ސިނަމާލޭ ފްލެޓުތަކަށް ވުރެ ޖާގަ ތަނަވަސް، ފްލެޓުތަކަކަށް ވާނެ ކަމަށް ވިދާޅުވި އެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ފްލެޓުތަކުގެ ބިންގާ އަޅައި މަސައްކަތް ފަށަން ކަނޑައެޅި އެވެ. އަދި ފުރަތަމަ 100 ދުވަހުގެ މަސައްކަތް ސައްތައިން ސައްތަ ހާސިލުވި ކަމަށް އިއުލާނުކޮށްފައި އޮތަސް، ގާފޮޅެއް ނުރޭނޭ، އަދި ގާބުރިއެއްގެ ހިސާބު ވެސް ނުބޭއްވޭ މަޝްރޫއު އެބަ ހުއްޓެވެ. މިއީ ވެސް އެފަދަ މަޝްރޫއު އެކެވެ.

އޭޕްރީލް މަހު ފަށާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ވިލިމާލޭގައި 500 ހައުސިން ޔުނިޓު އެޅުން ވެސް ހިމެނެ އެވެ. އެ މަޝްރޫއު ވެސް ނުފެށި އޮތީ ކުރީ ސަރުކާރުން ހުއްދަ ނުދިނުމުން ކަމަށް ވިދާޅުވި އެވެ.

"މިހާރު އެވަނީ ފެށޭ ގޮތަށް ހަމަޖެހިފައި. އެ މަސައްކަތް ވެސް، އަޅުގަނޑު ދެންމެ ދެންނެވި މުއްދަތުގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޒަމާނީ މަސް މާރުކޭޓު

މި މަޝްރޫއު ކުރިއަށް ގެންދަން މޭޔަރު ކަމުގައި ބަޔަކާ ހަވާލުކުރި އެވެ. ވެރިކަން ލިބިވަޑައިގަތުމުން، މި މަޝްރޫއު ވެސް ހިމެނޭ ގޮތަށް ގިނަ މަޝްރޫއުތަކެއް ސަރުކާރަށް ބަދަލުކުރި އެވެ. މަސް މާރުކޭޓު މަޝްރޫއު ނުފެށުނީވެސް، އޭރު އޮތް ސަރުކާރުން ފުރުސަތު ނުދިނުމުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

"އެ ފުރުސަތު ނުލިބުނީމާ ނުވި ކަންތައް މިހާރު އެވަނީ ފަށަން ރެޑީވެފައި، ތައްޔާރުވެފައި. ރޯދަ މަސް ހަމަ ނިމޭތަނުން، ލޯކަލް މާރުކޭޓް އެހުރި ތާނގައި އަމަލީ ގޮތުން އެ އިމާރާތް އަޅަން އިރާދަކުރެއްވިއްޔާ ފެށޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރޯމަސްމާރުކޭޓުގެ ކުރިމަތީގައި، މިހާރު ތަރުކާރީ މާރުކޭޓާއި ވަޅޯމަސް މާރުކޭޓު ހުރި ތަނުގައި އާ ރޯމަސް މާރުކޭޓު ހަދަނީ ހަތަރު ބުރިއަށެވެ. ބިމު އަޑީގައި ޕާކިން ވެސް ހިމެނޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ ރޯމަސްމާރުކޭޓު. އާ ރޯމަސް މާރުކޭޓެއް ބިނާކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވިޔަސް، އަމަލީ މަސައްކަތެއް ނުފެނޭ. -- ފޮޓޯ: އަދަދު


"ގްރައުންޑް ލެވެލްގައި، އެންމެ ޒަމާނީ ސްޓޭޓް އޮފް ދަ އާޓް، މަސް މާރުކޭޓް. ފަސްޓް، ސެކަންޑް ފްލޯ ލެވެލްގައި، ފްރެޝް ފުޑް، ދެން މި ކިޔާ އެކި ކަހަލަ ކާބޯތަކެތި. ލޯކަލް މާރުކޭޓް އަދި ދަތުރުވެރިންގެ މާރުކޭޓުގައި އެ ވިއްކާ ބާވަތްތަކުގެ ތަކެތި ވިއްކާގޮތަށް ހުންނާނެ. އަދި އެންމެ މަތީގައި އެކިކަހަލަ ވިޔަފާރިތައް. ރެސްޓޯރެންޓް ފަދަ ތަންތަން ހުންނަ ޑިޒައިނެއް އެއީ. އެހެންވީމާ، އެއީ ކައުންސިލުން ފާސްކޮށްފައި އޮތް އެއްޗެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ތަރުކާރީ މާރުކޭޓައި ވަޅޯމަސް މާރުކޭޓު ބަދަލު ކުރަން އެހެން ދެ ސަރަހައްދެއްގައި މާރުކޭޓު ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ނިމޭ ޒާތުގެ ކަމެކެވެ. ނަމަވެސް އެ މަސައްކަތުގައި ވެސް ދުވެއްޔެއް ނެތެވެ.

ކުރިޔަށް ގެންދަން ބޭނުންވިޔަސް، ކުރީ ސަރުކާރުގެ ސަބަބުން ހުއްޓިފައި އޮތް ކަމަށް ބުނާ މަޝްރޫއުތައް ކުރިއަށް ގެންދަން ފުރިހަމަ ބާރުވެރިކަން ލިބުނުތާ ނުވަ މަސް ދުވަސް ވުމަށް ކައިރިވެފައި ވާއިރު، އެ މަޝްރޫއުތައް ފެށޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ. މިހާތަނަށް ދައްކަމުން އެ ދަނީ 3ޑީ ކުރެހުންތަކާއި، ވީޑިއޯއެވެ.