Advertisement

އޮލިމްޕިކްސް: ބްރެޒިލް ބަލިކޮށް އެމެރިކާ އިން އަންހެން ފުޓްބޯޅައިގެ ރަން މެޑަލް ހޯދައިފި

11 އޮގަސްޓު 2024 - 07:48 0


އޮލިމްޕިކްސް: ބްރެޒިލް ބަލިކޮށް އެމެރިކާ އިން އަންހެން ފުޓްބޯޅައިގެ ރަން މެޑަލް ހޯދައިފި

11 އޮގަސްޓު 2024 - 07:48 0

ޕެރިސް (އޮގަސްޓް 11) - ބްރެޒިލް އަތުން 1-0 އިން މޮޅުވެ، އެމެެރިކާ އިން، އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.

މިއީ އެމެރިކާ އިން މި އިވެންޓުން ރަން މެޑަލް ހޯދި ފަސް ވަނަ ފަހަރު އެވެ. އިނގިރޭސި ކޯޗު، އެމާ ހަޔެސް މި ވަނީ ހަވާލުވިތާ ތިން މަަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން، 12 އަހަރަށް ފަހު، އޮލިމްޕިކްސް ރަން މެޑަލް ހޯދަން އެމެރިކާ އަށް އެހީތެރިވެދީފަ އެވެ.

އެމެރިކާ އިން ރަން މެޑަލް ހޯދާފައިވަނީ، އެންމެ ފުރަތަމަ 1996 ވަނަ އަހަރު ކާމިޔާބު ކުރުމަށް ފަހު، 2004، 2008، 2012 އަދި މި ފަހަރު އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 57 ވަނަ މިނިޓްގައި ޖެހި މެލޯރީ ސްވަންސަން އެވެ. އޭނާ މިި ލަނޑު ޖެހީ، ލިބުނު ފުރުސަތުގައި ހަމަޖެހިލައިފަ އެވެ. ބްރެޒިލަށް އެއްވަރުކޮށްދޭން މެޗުގެ ފަހުކޮޅުގައި އެޑްރިއާނާ ވެއްޓިގެންފައި ބޮލުން ޖެހި ބޯޅަ އެމެރިކާގެ ކީޕަރު، އަލީސާ ނައެހާ ވަނީ މަަތަކޮށްފަ އެވެ.

ބައިނަލްއަގުވާމީ އަންހެން ފުޓްބޯޅައިގައި، ބްރެޒިލުން ކާމިޔާބެއް ހޯދަން ކުރާ މަސައްކަތުގައި އަނެއްކާވެސް އިންތިޒާރު ދިގުވީ އެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރަން މެޑަލް ނުލިބުމުން، އެންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތިވާނެ ކުުޅުންތެރިއަކީ، ބްރެޒިލްގެ ލެޖެންޑަރީ ކުޅުންތެރިޔާ މާޓާ އެވެ.

ބްރެޒިލްގެ ތަރި މާޓާ: އޭނާ އަށް ވަނީ މި ފަހަރުގެ އޮލިމްޕިކްސް ގްރޫޕް ސްޓޭޖު މެޗުގައި ރަތް ކާޑެއް ދައްކާފައި.


ހަ ފަހަރު ފީފާ އަންހެނުންގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، މާޓާ، 38، މި ފަހަރު އަމާޒުހިފައިގެން ހުރީ ރަން މެޑަލެއް ހޯދައި ރިޓަޔާކުރުމަށެވެ. އެކަމަކު، ފައިނަލުގައި ވެސް ބަދަލަކަށް ނުކުންނަން ޖެހުނު މާޓާ އަށް މާ ބޮޑު ތަފާތެއް ނުދެއްކުނެވެ.

އޮލިމްޕިކްސްގައި މާޓާ ވަނީ ބްރެޒިލާ އެކު، ގްރީސްގެ އެތަންސްގައި 2004 ވަަނަ އަހަރު ބޭއްވި ގޭމްސް އާއި ބެއިޖިންގައި 2008 ވަނަ އަހަރު ބޭއްވި ގޭމްސްގެ އިތުރުން، މި ފަހަރުގެ ގޭމްސްގައި ރިހި މެޑަލް ހޯދައިފަ އެވެ.

އިންޑިވިޖުއަލް ގިނަ ކާމިޔާބީތަކެއް ހޯދި މާޓާ އަކީ ފީފާ ވޯލްޑް ކަޕްތަކުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 23 މެޗުން 17 ލަނޑު ޖަހައިފަ އެވެ.