Advertisement

ޔޫއާރްއޭ އިން ބުނީ ކަރަންޓު ބިލްތަކުގައި މައްސަލައެއް ނުއުޅޭ ކަމަށް

8 އޮގަސްޓު 2024 - 15:40 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ސްޓެލްކޯ އިމާރާތުގެ ފޮޓޯއެއް. ކަރަންޓް ބިލުތައް ބޮޑުކަމުގެ ޝަކުވާ އަންނަނީ ގިނަބަޔަކު ކުރަމުން --- ފޮޓޯ: މުހައްމަދު ޝާބިން


ޔޫއާރްއޭ އިން ބުނީ ކަރަންޓު ބިލްތަކުގައި މައްސަލައެއް ނުއުޅޭ ކަމަށް

8 އޮގަސްޓު 2024 - 15:40 0

ކަރަންޓު ބިލުތަކުގައި މައްސަަލައެއް ނެތް ކަމަށާއި ބިލުތައް ބޮޑުވެފައިހުރީ ބޭނުންކޮށްފައި ހުރި މިންވަރު އިތުރު ވެފައިވާތީ ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފި އެވެ.

ކަރަންޓު ބިލުތައް ބޮޑުވުމާ ގުޅިގެން އެ އިދާރާއިން ކުރަމުންގެންދާ މަސައްކަތް ހިއްސާ ކުރަމުން ޔޫއާރްއޭއިން ބުނީ ކަރަންޓު ބިލުތައް ބޮޑުވާ މައްސަލަ ތަހުގީގު ކުރުމަށް އެ އޮތޯރިޓީން ޔުޓިލިޓީ ކުންފުނިތަކުން ޑޭޓާ ސެޓްތައް ހޯދައި ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި އެ ދިރާސާތަކުން ދެއްކި ގޮތުގައި ބިލުކުރުމުގައި ގޯހެއް އުޅޭ ކަމަށް އެ ކުންފުންޏަށް ނުފެންނަ ކަމަށާއި ބިލުގައިވާ އަދަދަކީ ރަނގަޅު އަދަދު ކަމަށެވެ.

"ކަރަންޓު ބިލް ބޮޑުވާ މައްސަލަ ތަހުގީގު ކުރުމަށް، މި އޮތޯރިޓީން ވަނީ ޔުޓިލިޓީ ކުންފުނިތަކުން ޑޭޓާ ސެޓްތައް ހޯދައި ދިރާސާކޮށްފަ. އަދި އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ބިލުތަކުގައިވާ އަދަދުތަކަކީ ރަނގަޅު އަދަދުތަކެއް އަދި ބިލް ކުރުމުގައި މައްސަލައެއް ހުރިކަމަށް ފާހަގަވެފައެއް ނެތް. ކަރަންޓު ބިލް ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވެފައިވާތީ،" މި ނޫހުން ކުރި ސުވާލެއްގެ ޖަވާބުގައި އެ އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓާ ޖެނެރަލް ނާއިފާ ހަސަން ވިދާޅުވި އެވެ.

ކަރަންޓް ބިލުގެ ޝަކުވާ އެ އިދާރާއަށް ބައެއް ފަރާތްތަކުން ހުށައަޅާފައިވާ ކަމަށާއި އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އާންމުންގެ ޝަކުވާތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ޔޫއާރްއޭއިން ބުނެ އެވެ. ރަސްމީކޮށް އެ އިދާރާއަށް ޝަކުވާ ހުށައަޅައިފި ނަމަ އެ މައްސަލަ އެ އޮތޯރިޓީން ބަލާނެކަމުގެ ފުރިހަމަ ޔަގީންކަން ދެ އެވެ.

ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ކުރަމުންނެވެ. އާންމުންގެ ތެރެއިން ބައެއް މީހުން ތުހުމަތުކުރަނީ މިކަމުގައި ސްޓެލްކޯއިން އޮޅުވާލައި މަކަރު ހަދަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކުންފުނިން އެ ވާހަތަކައް ދޮގުކުރަމުން ބުނީ އެފަދަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ.

ކަރަންޓާއި ގުޅޭ އިލްމީ ދިރާސާއެއް ހެދުމަށް މިހާރު ވަނީ ސްޓެލްކޯ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އިން ފަހުމުނާމާއެއް (އެމްއޯޔޫ) އެއްގައި ވެސް ސޮއިކޮށްފަ އެވެ.