Advertisement

އީސީން ބުނީ މާލީ ބަޔާން ހުށަނާޅަނީ 32 ކެންޑިޑޭޓުން ކަމަށް

2 އޮގަސްޓު 2024 - 14:16 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މަޖިލީހުގެ އިންތިހާބުގައި ކަނޑައެޅި ވޯޓުލާ މަރުކަޒެއްގެ ސަރަހައްދުގައި އީސީގެ އިދާރީ މުވައްޒަފުން ހަރަކާތްތެރިވަނީ - ފޮޓޯ: އަދަދު ފައިލް


އީސީން ބުނީ މާލީ ބަޔާން ހުށަނާޅަނީ 32 ކެންޑިޑޭޓުން ކަމަށް

2 އޮގަސްޓު 2024 - 14:16 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން 32 ކެންޑިޑޭޓަކު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މާލީ ބަޔާން ހުށަނާޅާ ކަން، އެ ކޮމިޝަނުން އިއްޔެ ހިއްސާ ކުރި މައުލޫމާތަކުން ދައްކައިފި އެވެ.

އީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މާލީ ބަޔާން ހުށަނާޅާ 32 ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އިދިކޮޅު އެމްޑީޕީގެ 11 ކެންޑިޑޭޓަކާއި، އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކާއި، ސަރުކާރު ހިންގާ ޕީއެންސީގެ ފަސް ކެންޑިޑޭޓަކާއި، ޑިމޮކްރެޓްސްގެ ތިން ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓަކާއި ޖޭޕީގެ ކެންޑިޑޭޓެކެވެ.

ނަމަވެސް އެދިފައިވާ މައުލޫމާތުގެ ތެރެއިން ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅި ތާރީހާއި ވަގުތު އޭގައި ހިމަނާފައިނުވާތީ މައުލޫމާތު މުރާޖާކޮށްދިނުމަށް އިންފޮމޭޝަން ކޮމިޝަނުގައި ވާނީ އެދިފަ އެވެ.

ލިސްޓުގައި ހިމެނޭ ބައެއް ކެންޑިޑޭޓުންނާ "އަދަދު" ނޫހުން ވާހަކަ ދެއްކުމުން މާލީ ބަޔާން ހުށަހެޅި ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ ކުރިން އެ ކޮމިޝަންގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެފައިވާ ގޮތުގައި، ގާނޫނުގައިވާ ގޮތުގެ މަތިން އިލެކްޝަންސުން ދިން މުއްދަތު ހަމަވި އިރު މާލީ ބަޔާން ހުށަނާޅާ 48 ކެންޑިޑޭޓުން ތިއްބެވެ. އެހެންކަމުން، މުއްދަތި ހަމަވި ފަހުން 16 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހެޅި ކަމަށް ބެލެވެ އެވެ.

އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން މާލީ ބަަޔާން އިލެކްޝަންސަށް ހުށަހެޅުމަކީ ގާނޫނުން ލާޒިމުކޮށްފައިވާ ކަމެކެވެ.

މާލީ ބަޔާން ހުށަނާޅާ ނަމަ ނުވަތަ އޭގައި ދޮގު މައުލޫމާތެއް ހިމެނޭ ނަމަ އަދި ގާނޫނުގައި ބަޔާންކުރާ ގޮތަށް ފުރިހަމައަށް ބަޔާން ހުށަނާޅާ އޮތް ނަމަ އިލެކްޝަންސަށް އެ ކެންޑިޑޭޓަކަށް ދައުވާ ކުރަން ފޮނުވޭނެ އެވެ. އެ ކުށުގެ އަދަބަކީ އަހަރު ދުވަހަށް ޖަލަށް ލުން ނުވަތަ 72،000ރ. އިން ޖޫރިމަނާކުރުމެވެ.

މާލީ ބަޔާނުގައި ހިމަނަން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
    • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
    • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
    • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
    • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

    އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަދުތަކަށް ފައިސާ ލިބޭ މަސްދަރުތައް ސާފުނުވާ ކަމާއި، ކެމްޕެއިންގެ ހާމަކަމާ ގުޅިގޮތުން އާއްމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

    މާލީ ބަޔާނުގެ މައްސަލާގައި ދައުވާ ކުރަން ފޮނުވައިގެން ފިޔަވަޅު އެޅުން ވެސް ލަސްވާތީ، އީސީއަށް ލިބިދޭ ބާރުގެ ތެރެއިން ފުރަތަމަ ފިޔަވަޅަކަށް ވެސް ފުރިހަމަ ނޫން މާލީ ބަޔާންތަކަށް ޖޫރިމަނާކުރުމަށް ނިންމާފައިވެ އެވެ.

    ޖޫރިމަނާގެ ފިޔަވަޅު އަޅަން ފެށީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުންނެވެ. އެ އިންތިހާބުގައި ވާދަކުރި ތިން ކެންޑިޑޭޓުން ވެސް 6،000ރ. އިން ޖޫރިމަނާކޮށްފައިވެ އެވެ.

    މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓަކު ވެސް މާލީ ބަޔާން ފުރިހަމަ ނުވާ މައްސަލާގައި ޖޫރިމަނާކޮށްފައިވެ އެވެ. އެއިން ކޮންމެ ކެންޑިޑޭޓަކު 20،000ރ. އިން ޖޫރިމަނާކޮށް ކޮންމެ ކެންޑިޑޭޓެއްގެ ރަސްމީ އެޖެންޓު 6،000ރ. އިން ޖޫރިމަނާކުރި އެވެ.