Advertisement

ކާވާ ބީޗްވޮލީބޯލް ޗެލެންޖް ކަޕް: ރާއްޖޭގެ ޕެއާ ތަކަށް ވަރުގަދަ ފެށުމެއް

1 އޮގަސްޓު 2024 - 21:21 0

އަތޫފް އާތިފް

އަތޫފް އާތިފް

ރާއްޖެ ޓީމުގެ ޑެންޒޯ ބޯޅައެއް ފޮނުވާލަނީ--- ފޮޓޯ: ބޫޓާން ވޮލީބޯލް ފެޑެރޭޝަން


ކާވާ ބީޗްވޮލީބޯލް ޗެލެންޖް ކަޕް: ރާއްޖޭގެ ޕެއާ ތަކަށް ވަރުގަދަ ފެށުމެއް

1 އޮގަސްޓު 2024 - 21:21 0

ބޫޓާންގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗްވޮލީބޯލް ޗެލެންޖް ކަޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޕެއާތައް ކުޅުނު މެޗުތަކުން މޮޅުވެ ފެށުން ވަރުގަދަކޮށްފި އެވެ.

މި މުބާރާތް މީގެ ކުރިން ރާއްޖޭގެ އެއް ނަމްބަރު ބީޗް ޕެއާ, އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި އާދަމް ނަސީމް (އެޑަމާ) ގެ ޕެއާއިން ވަނީ ކާމިޔާބު ކޮށްފަ އެވެ. މި ޕެއާ މި ފަހަރުގެ މުބާރާތުގައި ވެސް ވާދަކުރާނެ އެވެ. މީގެ އިތުރުން، ދެން ވާދަކުރާނީ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) ގެ ޕެއާ އެވެ.

ބީޗްވޮލީގައި ވާދަކުރާ އަންހެން ދެ ޕެއާ އަކީ، އަންހެން އެއް ނަމްބަރު ޕެއާ އަކީ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އެވެ. ދެން ވާދަކުރަނީ އާމިނަތު އަރީޝާ (އަރީ) އާއި ފާތިމަތު ޒީނިޔާ (ޒީ) ގެ ޕެއާ އެވެ.

ރާއްޖެ ޓީމުގެ ޑެންޒޯ އާއި ކޯކޭގެ ޕެއާ ކުޅުނު މެޗެއްގެ ކުރިން.


މީގެ ކުރިން މި މުބާރާތުގައި، އިރާން އާއި އިންޑިއާ އަދި ސްރީ ލަންކާ ވާދަކުރާނެ ކަމަށް ބެލެވުނު ނަމަވެސް، އެއީ ކެޓަގަރީ އޭގެ ގައުމުތަކަކަށްވާތީ، ޗެލެންްޖް ލެވަލްގައި އެ ގައުމުތައް ނުކުޅެ އެވެ. މި ފަހަރުގެ މުބާރާތުގައި ކެޓަގަރީ ބީގެ ގައުމުތަކުން ވާދަކުރާއިރު، ރާއްޖޭގެ އިތުރުން ހިމެނެނީ، ބޫޓާން، ނޭޕާލް، ތަޖިކިސްތާން އަދި އުޒްބެކިސްތާން އެވެ.

ފިރިހެން ޑިވިޝަނުގެ މުބާރާތް ކުރިއަށްދަނީ، 10 ޕެއާ އެއް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެ ގޮތުން، ރާއްޖޭގެ ޑެންޒޯ އާއި ކޯކޭގެ ޕެއާ ވަނީ ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. އެ ގޮތުން، ޑެންޒޯ އާއި ކޯކޭގެ ޕެއާ ފުރަތަމަ ކުޅުނު މެޗުން، ތަޖިކިސްތާންގެ އިސްމައިލޯވް އާއި ރައިމްގެ ޕެއާ އަތުން މޮޅުވީ، 25-23، 22-20 އިންނެވެ. ދެ ވަަނަ މެޗުގައި، އުޒްބެކިސްތާންގެ ޓޮލިބައޭފް އާއި އޮޓަބެކޯފްގެ ޕެއާ އަތުން މޮޅުވިއިރު ސެޓުތައް ދިޔައީ، 21-14، 12-21 އަދި 15-12 އިންނެވެ. ތިން ވަނަ މެޗުގައި، ބޫޓާންގެ ޖުރްމޭ އާއި ބްރުޓްކާގެ ޕެއާ އަތުން މޮޅުވީ، 21-14، 21-07 އިންނެވެ.

ރާއްޖޭގެ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މެޗެއްގެކުރިން. އިދިކޮޅު ޕެއާއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.


ސެމީގެ ޖާގައެއް ޔަގީންކޮށްފައިވާ، ޑެންޒޯ އާއި ކޯކޭގެ ޕެއާ އަށް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ސެމީ އަށް ދިއުމަށް މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ، ބޫޓާންގެ ކިންލޭ އާއި ޑޯޖީގެ ޕެއާއާ އެވެ.

ރާއްޖޭގެ އެއް ވަނަ ޕެއާ، ކުޑަކާއްޓެ އާއި އެޑަމް ވަނީ މިއަދު ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ފުރަތަމަ މެޗުގައި، އުޒްބެކިސްތާންގެ މުހައްމަދިއޭފް އާއި ޝަރީޕޯފްގެ ޕެއާ އަތުން މޮޅުވީ، 21-14، 21-05 އިންނެވެ. ދެ ވަނަ މެޗުގައި، ނޭޕާލްގެ ޝްރެސްތާ އާއި ސުނަރުގެ ޕެއާ އަތުން، އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވީ، 21-16، 21-15 އިންނެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް މާދަމާ ވެސް ދެ މެޗު އޮންނާނެ އެވެ. އެއީ، ތަޖިކިސްތާންގެ ފިރޫޒް އާއި ޒުރަބްގެ ޕެއާއާ ދެކޮޅަށް ކުޅޭ މެޗާއި ބޫޓާންގެ ޓަންޑިން އާއި ސުނަމްގެ ޕެއާއާ ބައްދަލުކުރާ މެޗެވެ. އެ ދެ މެޗުން މޮޅުވެގެން، ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް އެއް ވަނައިގެ ގޮތުގައި ސެމީގެ ޖާގަ ހޯދޭނެ އެވެ.

ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އަންހެން ދެ ޕެއާ.


އަންހެން ޕެއާތައް ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ހައްވަ އާއި މާޖިދާގެ ޕެއާ ވަނީ ބޫޓާނުގެ ލެކީ އާއި ޑެޗެންގެ ޕެއާ އަތުން، 21-10، 21-12 އިން މޮޅުވެފަ އެވެ. އަދި އަރީޝާ އާއި ޒީނިއާގެ ޕެއާ، 21-19، 21-16 އިން މޮޅުވީ، އުޒްބެކިސްތާންގެ އަސްކަރޯވާ އާއި ނުރްކަޓޯވާގެ ޕެއާ އަތުންނެވެ.

މާދަމާ ހައްވަ އާއި މާޖިދާގެ ޕެއާ އަށް އޮތް ދެ މެޗަކީ، އުޒްބެކިސްތާންގެ ޖަލޯލޮވާ އާއި އަލިމޯވާގެ ޕެއާއާ ކުޅޭ މެޗާއި ނޭޕާލްގެ ޕުން އާއި މަނީޝާގެ ޕެއާއާ ކުޅޭ މެޗެވެ. އަދި އަރީޝާ އާއި ޒީނިއާގެ ޕެއާ އަށް އޮތީ، ބޫޓާންގެ ކިންގްޒަމް އާއި ޒަންގްމޯގެ ޕެއާއާ ކުޅޭ މެޗާއި ބޫޓާންގެ ޕެމާ އާއި ރިންޗެންގެ ޕެއާއާ ބައްދަލުކުރާ މެޗެވެ.