30 ޖުލައި 2024 - 09:42 1
މުހައްމަދު އުޝާމް
މަމްދޫހު ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާގެ މައްޗަށް ހިންގާ ޝަރީއަތް ފަށައިފި - ފޮޓޯ: އަދަދު ފައިލް
30 ޖުލައި 2024 - 09:42 1
ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލައިގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.
މި މައްސަލާގައި މަމްދޫހުގެ އިތުރުން ރ. އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެ އެވެ. އެ ގޮތުން މަންޑޭގެ މައްޗަށް 104 ދައުވާ އުފުލި އެވެ. ޖައިޝާންގެ މައްޗަށް ޖުމްލަ 98 ދައުވާ އުފުލި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ފެށި ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި ސާފުކޮށްފައިވަނީ މަމްދޫހާއި ޖައިޝަނަށް ވެސް ދައުވާގެ ލިޔެކިޔުންތައް ލިބިފައިވޭތޯއާއި ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުންނެވެ. ދެ މީހުން ވެސް އެދުނީ އަމިއްލައަށް ވަކީލަކު އައްޔަން ކުރަން ފުރުސަތެއް ދިނުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ ދެ މީހުނަށް ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ ފުރުސަތެއް ދިނެވެ. އެއީ ގާނޫނުގައި ވެސް ކަނޑައަޅާފައި އޮންނަ އެންމެ ދިގު މުއްދަތެވެ.
ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ, ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނަނީ މަމްދޫހު 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ ޕެންޓްހައުސެއް ގަތީ ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.
އެ ތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ. މި ތަކެތީގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ޕްރޮސެކިއުޝަނުން ބުނެފައިވެ އެވެ.
މަމްދޫހުގެ މި މުދާތައް ކޯޓު އަމުރު މެދުވެރިކޮށް މިހާރު ވަނީ ހިފަަހައްޓައިފަ އެވެ. މި މައްސަލަ ދައުލަތާ އެއް ކޮޅަށް ސާބިތުވެއްޖެނަމަ އެ މުދާތައް ނެގުމަށް ދައުލަތުން އެދޭނެ އެވެ.
Comment