24 ޖުލައި 2024 - 13:42 0
މުހައްމަދު އުޝާމް
24 ޖުލައި 2024 - 13:42 0
ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު, މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ސުޕްރީމް ކޯޓުން ވެސް ހުކުމްކޮށްފި އެވެ.
އެއީ އޭނާ މީހަކަށް 2.3 މިލިއަން ރުފިޔާގެ ޗެކެއް ދޫކުރުމުން އެކައުންޓްގައި އެ އަދަދަށް ފައިސާ ނެތީސް، އޯވަޑްރާފްޓްގެ ގޮތުގައި ބޭންކުން ދޫކޮށްފައިވާ ފައިސާ އެވެ. 2018 ވަނަ އަހަރުގެ އެ މުއާމަލާތަށް ފަހު އެކައުންޓަށް އެ އަދަދަށް ފައިސާ ޖަމާކޮށްފައިނުވާތީ ފައިސާ ދެއްކުމަށް ބޭންކުން އޭނާއަށް އެންގި އެވެ.
އެމްސީބީގެ އެންގުން ބާތިލުކުރަން އެދި އަލީ ޒާހިރު ކޯޓަށް މައްސަލަ ގެންދިއުމުން، ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އެއީ ބޭންކަށް އަލީ ޒާހިރު ދައްކަން ޖެހޭ ފައިސާއެއް ކަމަށެވެ. ދެން އެ މައްސަލަ ސުޕްރީމް ކޯޓުގައި އޭނާ އިސްތިއުނާފު ކުރި އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ނެރުނު ހުކުމުގައިވަނީ އެކައުންޓުގައި ފައިސާ ނެތަސް ޗެކެއް ދޫކުރުމުން އެކައުންޓް އޯވާޑްރާފްޓްވާ ގޮތަށް ފައިސާ ދޫކުރެވޭނެ ކަން ބޭންކުތަކުގެ ގާނޫނުން އެނގެން އޮންނަ ކަމަށެވެ. އަދި އެ ގޮތަށް ދޫކުރެވޭ ފައިސާއަކީ އެކައުންޓަށް ޖަމާކުރަން ނުވަތަ ބޭންކަށް ދައްކަން ޖެހޭނެ ފައިސާ ކަމަށެވެ.
އެއީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ރައުޔަ އެވެ.
ރައުޔަ ތަފާތުވި ފަނޑިޔާރަކީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ. އޭނާގެ ރައުޔައަކީ އޯވާޑްރާފްޓްކޮށް ފައިސާ ދޫކިރުމަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭންކަށް ގާނޫނުން ދީފައިވާ ބާރެއް ނޫން ކަމަށެވެ. އަދި 2.3 މިލިއަން ރުފިޔާ އޯވާޑްރާފްޓްކުރިއިރު ބޭންކް އެކައުންޓުގައި ހުރި ފައިސާއަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށް އެ ފަނޑިޔާރުގެ ރައުޔުގައިވެ އެވެ. އެއީ އޭރު އަލީ ޒާހިރުގެ އެކައުންޓުގައި ވަނީ އެންމެ 500ރ. އެވެ.
Comment