22 ޖުލައި 2024 - 16:08 0
ލީވާން އަލީ ނާސިރު
ހިރިލަންދޫއަށް މަސް ކިރަން ދިޔަ ދޯނި: މިއަދު މަސް ކިލޯއެއް ވިއްކީ 28.60ރ. އަށް -- ފޮޓޯ: އަދަދު
22 ޖުލައި 2024 - 16:08 0
ތ. ހިރިލަންދޫގައި މަސްކައްކައި ހިއްކުމުގެ މަސައްކަތް ފުޅާވެ، ރޯމަސް ކިލޯއެއްގެ އަގު މިއަދު 28 ރުފިޔާއަށް ވުރެ މަތިވެއްޖެ އެވެ.
ރާއްޖޭގައި މަސްވެރިކަން ދަށްވެ، ރަށްރަށަށުގައި މަސް ވިއްކާ އަގު ދަނީ އުފުލެމުންނެވެ. އަދި ރަށްރަށުން މަހުން އުފައްދާ އެކި ބާވަތްތައް ހާއްސަކޮށް ރިހާކުރު އަދި ހިކި މަހުގެ އަގު ވެސް ދަނީ އުފުލެމުންނެވެ.
މިފްކޯއަށް މަސް ގަންނަ މިންވަރު ދަށްވެ، މިފްކޯގެ މަސް ފިހާރަތަކުން މަސް ވަނީ ހުސްވެފަ އެވެ. އެއާއެކު، އެ ކުންފުންޏަށް މިހާރު ގަންނަ މަސް ބޭނުންކުރަމުންދަނީ ޕްރޮސެސް ކުރުމަށް އެކަނި އެވެ.
ހިރިލަންދޫއިން "އަދަދު" އާ ވާހަކަދެއްކި މީހަކު ބުނީ ރޯމަސް ކިލޯއެއްގެ ރޭ ވިއްކީ 25ރ. އަށް ކަމަށާއި މިއަދު ނީލަން ކިޔައިގެން 25ރ. އިން ފެށި މަސް ކިލޯއެއްގެ އަގު ވަނީ 28.60ރ. އަށް އަރާފައި ކަމަށެވެ.
"މި ރަށުގެ މަސް ދޯނިތައް ވަރަށް މަހަށް ނުދޭ. އެހެން ރަށްތަކުގެ މަސް ދޯނިތައް މި އަންނަނީ. ކުރީބައިގައި ގުޅައި އަގުތައް ނިންމައިގެން ވެސް އާދޭ. ނަމަވެސް މިއަދު އައީ ސީދާ ނީލަމުގައި ވިއްކާ ގޮތަށް ކުޑަހުވަދޫ ތިން ޓަނު 500 ކިލޯގެ މަހާއެކު އައި ދޯންޏެއް. މަސް ނުބޭން ފެށި ފަހުން އަގުތައް ހުންނަނީ އާންމުކޮށް މަތީގައި،" އޭނާ ބުންޏެވެ.
ހިރިލަންދޫގައި މަސް ކައްކާ ތަނެއް: މަސްވެރިކަން ދަށްވެ، މަސް ގަންނަން ލިބޭ އަގު ބޮޑުވުމުން މަހުން އުފައްދާ ތަކެތީގެ އަގު ވަނީ އުފުލިފައި -- ފޮޓޯ: އަދަދު
ހިރިލަންދޫގައި މަސްކައްކާ ތަނެއް ހިންގާ މުހައްމަދު ހުސެއިން (ދޮނާ) "އަދަދު" އާ ވާހަކަދައްކަމުން ބުނީ މަސްވެރިކަން ދަށްވެ، މަސް އަގުބޮޑުކޮށް ގަންނަން ޖެހުމާ ގުޅިގެން އުފައްދާ ބައެއް ތަކެތީގެ އަގު ބޮޑުވަމުން އަންނަ ކަމަށެވެ.
އެގޮތުން ކުރިން 4,500ރ. އަށް ވިއްކަމުންދާ ރިހާކުރު ޓައްޕެއް މިހާރު 5،500ރ. އަށް ވިއްކަމުންދާކަން ފާހަގަކޮށް ދޮނާ ބުނީ ވެކިއުމްކުރި މަހުގެ އަގުތައް ވެސް ބޮޑުވެފައިވާ ކަމަށެވެ.
"ވެކިއުމް މަސް އިއްޔެ މާލެއަށް ވިއްކީ 115ރ. އަށް ކިލޯއެއް. އޭތި މާލޭގެ ބާޒާރުގައި އިއްޔެ ވިއްކަމުންދިޔައީ އިއްޔެ 160ރ. އަށް. މަހުގެ އަގު ބޮޑުވާ ވަރަކަށް އުފައްދާ ތަކެތީގެ އަގުވެސް ދާނީ ބޮޑުވަމުން،" ދޮނާ ބުންޏެވެ.
1،200 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހިރިލަންދޫގައި މަހަށްދާ 10 ވަރަކަށް ދޯނި އޮވެ އެވެ. ނަމަވެސް އޭގެތެރެއިން ގިނަ ދޯނިތައް މަސްވެރިކަން ދަށްވުމާ ގުޅިގެން މަހަށް ނުދެ އެވެ. އަދި އެ ރަށުގައި 15 ވަރަކަށް މަސް ކައްކާ ތަން ހުރެ އެވެ.
Comment