Advertisement

އިޒްރޭލަށް އެހީވާ ކުންފުނިތައް ޕާކިސްތާނުން ބޮއިކޮޓްކުރަން ފަށަނީ

21 ޖުލައި 2024 - 08:31 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ޕާކިސްތާނުގައި ފަލަސްތީނާއެކު އޮތްކަން ހާމަކުރުމަށް ބޭއްވި އިހުތިޖާޖުގެ ތެރެއިން: ޕާކިސްތާން ސަރުކާރުން އަންނަނީ ފަލަސްތީނުގައި ގަތުލްއާންމު ހިންގަމުންދާ އިޒްރޭލަށް އެހީވާ ކުންފުނިތައް ބޮއިކޮޓްކުރަން މަސައްކަތް ކުރަމުން -- ފޮޓޯ: ރޮއިޓާސް


އިޒްރޭލަށް އެހީވާ ކުންފުނިތައް ޕާކިސްތާނުން ބޮއިކޮޓްކުރަން ފަށަނީ

21 ޖުލައި 2024 - 08:31 0

އިޒްރޭލަށް އެހީވާ ކުންފުނިތައް ބޮއިކޮޓް ކުރުމުގެ މަސައްކަތް ފަށަން ޕާކިސްތާނުން ތައްޔާރުވާން ފަށައިފި އެވެ.

އިޒްރޭލަށް އެހީވާ ކުންފުނިތައް ބޮއިކޮޓްކުރަން ޕާކިސްތާނުން މަސައްކަތް ކުރަމުންދަނީ އެ ގައުމުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ "ވަފާ" ނޫހުން ބުނީ ކުންފުނިތައް ބޮއިކޮޓް ކުރުމާ ގުޅޭ ކޮމިޓީއެއް އެކުލަވާލަން ޕާކިސްތާނުން ނިންމާފައިވާ ކަމަށާއި އެ ކޮމިޓީން އިޒްރޭލަށް އެކި ގޮތްގޮތުން އެހީވާ ކުންފުނިތައް ދެނެގަނެ ބޮއިކޮޓް ކުރަން ފަށާނެ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ އެޑްވައިޒަރު ރާނާ ސަނުއްލާ ވިދާޅުވީ ފަލަސްތީނަކީ އިޒްރޭލުން ވެރިވެގަނެފައިވާ ތަނެއް ކަމަށާއި ފަލަސްތީން މިނިވަން ދައުލަތަކަށް ހެދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ޕާކިސްތާނުން ކުރާނެ ކަމަށެވެ.

"ކޮމިޓީން އިޒްރޭލަށް ސީދާކޮށް އަދި ނުސީދާކޮށް އެހީވާ ކުންފުނިތައް ބަލާނެ. އެއަށްފަހު އެ ކުންފުނިތައް ބޮއިކޮޓްކުރުމުގެ މަސައްކަތް ފަށާނެ. ފަލަސްތީނުގައި އިޒްރޭލުން ހިންގާ ގަތުލްއާންމާ ދެކޮޅަށް އެ މަސައްކަތް ކުރާނީ،" ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ އެޑްވައިޒަރު ރާނާ ސަނުއްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އިޒްރޭލަށް އެހީވާ ކުންފުނިތަކާ ދެކޮޅަށް އަންނަނީ އެކި ހަރަކާތްތައް ބާއްވައި، އަޑު އުފުލަމުންނެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގެ ސަރުކާރުން އިޒްރޭލަށް އެހީވާ ކުންފުނިތައް ބޮއިކޮޓް ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 38،900 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ ކަމާ ނުބެހޭ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ވަނީ އަމުރުކޮށްފަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ގަތުލްއާންމު ހުއްޓާލަން ގޮވާލި ނަމަވެސް އިޒްރޭލުން ހަނގުރާމަ ހުއްޓާލާފައި ނުވެ އެވެ.