ވ. އަތޮޅު ތިނަދޫ -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
ވ. ތިނަދޫ ގޮނޑުދޮށް ގިރަމުންދާތީވެ، އެކަން ހައްލުކުރުމަށްޓަކައި ރަށު ކައުންސިލުން ދެ މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށައިފި އެވެ.
ލޯކަލް ގެސްޓުހައުސްތަކުގެ ހާއްސަ މަންޒިލެއް ކަމުގައިވާ ކުޑަކުޑަ ރީތި ތިނަދޫ ގިރުން ހުއްޓުވުމަށް ސަރުކާރުން ވެސް މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވި އެވެ. ނަމަވެސް ކައުންސިލުން ބޭނުން ވީ ސަރުކާރުގެ މަޝްރޫއުގެ ބަދަލުގައި ރަށް ގިރުން އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި ހިންގުމަށެވެ.
"މި ރަށަކީ ލޯކަލް ޓޫރިޒަމްގެ މުހިއްމު މަންޒިލަކަށް ވުމާއެކު އަޅުގަނޑުމެން ބޭނުންވީ ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި މިކަން އަމިއްލަ އަށް ކުރިއަށް ގެންދާން. އޭރުން މަސައްކަތް އަވަސްވެސް ވާނީ. ރަށުގެ ތަރައްގީ އަށް ކައުންސިލްތަކުގެ ޒިންމާއެއް ވެސް އޮންނާނެ،" ޝިފާގު ވިދާޅުވި އެވެ.
ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް އެންވަޔަރަމެންޓު އެސެސްމަންޓު ހަދައި، ތޮށިބުރިތަކެއް ލުމަށްޓަކައި މި ރަށުގެ ފަޅުތެރޭގައި މިހާރު ހުރީ ފާހަގަތަކެއް ޖަހައިފަ އެވެ.
ޝިފާގު ވިދާޅުވީ ދެ ސައިޒެއްގެ ނުވަ ތޮށިގަނޑެއް ލާނެ އެވެ. އެއީ 60 މީޓަރުގެ ތޮށްޓާއި 40 މީޓަރުގެ ތޮށްޓެވެ. އެ ތޮށިތައް ނެރެނީ ރަށުގެ ގޮނޑުދޮށުން ފެށިގެން ސީދަލަށް ވާގޮތަށް ބޭރަށެވެ.
"ރަށުގެ ދެކުނު ފަރާތުގައި އެ ތޮށިތައް ގޮސް ފަޅުތެރެއަށް ނިމޭ ކޮޅުގައި ހުންނާނީ ބުރެއް ލާފައި. އުތުރާއި އިރުމަތީ ފަރާތުން ނެރޭ ތޮށިތައް ހުންނާނީ ވައި އަކުރެއް ގޮތަށް،" ޝިފާގު ވިދާޅުވި އެވެ.
މި މަޝްރޫއު އަށް ރަށުގައި ވިޔަފާރިކުރާ ފަރާތްތަކުގެ އެހީ ވެސް ލިބިފައިވާ ކަމަށް ޝިފާގު ވިދާޅުވި އެވެ.
ކައުންސިލުން މަޝްރޫއު ކުރިއަށް ގެންދިޔުމުން ހަރަދު ވެސް ކުޑަކަން ފާހަގަ ކުރެވޭ ކަމާއި މުޅި މަޝްރޫއަށް ހަރަދުވަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް ޝިފާގު ވިދާޅުވި އެވެ.
ރަށްވެހިންގެ ގޮތުގައި ދުއިސްތައެއްހާ މީހުން ތިނަދޫގައި ރަޖިސްޓްރީކޮށްފައި ވާއިރު، ރަށްވެހިންގެ ތެރެއިން ރަށުގައި ދިރިއުޅެމުން ދަނީ ޖުމުލަ ފަންސާހަކަށް މީހުންނެވެ.
މި ރަށު އިގުތިސޯދުގެ މައިގަނޑު ދިރުމަކީ ޓޫރިޒަމެވެ. ނުވަ ގެސްޓު ހައުސިން ހިންގަމުން ދާއިރު، މިހާރު 130 އަށް ވުރެ ގިނަ އެނދު އެބަ ހުއްޓެވެ. އިތުރު ގެސްޓުހައުސްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އެ ގެސްޓުހައުސްތަކުން ރަށަށް 100 އަށް ވުރެ ގިނަ އެނދު އިތުރުވާނެ ކަމަށް ޝިފާގު ވިދާޅުވި އެވެ.
Comment