2 ޖުލައި 2024 - 09:38 0
2 ޖުލައި 2024 - 09:38 0
މިއުނިކް (ޖުލައި 2) - ރުމޭނިއާ ޓީމުގެ ކޯޗަކަށް ހުރެ، އެންޖަލް އިއޮޑަނެސްކޫ ވަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ރުމޭނިއާ އިން 24 އަހަރަށް ފަހު ޔޫރޯގެ ނޮކައުޓްގައި ކުޅޭއިރު، ރުމޭނިއާގެ ކޯޗަކަށް ހުރީ އެންޖަލްގެ ދަރިފުޅު، އެޑްވާޑް އިއޮޑަނެސްކޫ އެވެ. އިއޮޑަނެސްކޫ ހުރީ ތާރީހުގެ ހަނދާންތަކާ އެކު ވެސް މި ފަހަރު އިތުރު ކުރިއެރުންތަކެއް ހޯދުމުގެ އަމާޒުގަ އެވެ.
"އަހަރެމެން މާޒީގައި ހިނގާފައި ހުރި ކަންތައްތަކަށް ވެސް އެބަ ބަލަން. އެއީ (1994 ގެ ވޯލްޑް ކަޕަކީ) ވަރަށް އުފާވެރި ހަނދާންތަކެއް، އަހަރެން ވެސް އެ ތަނުގައި ހުރިން،" ބައްޕަ، އެންޖަލްގެ މަސައްކަތަށް އިޝާރާތްކޮށް އިއޮޑަނެސްކޫ ބުންޏެވެ.
އޭނާ ބުނީ މިހާރު ރުމޭނިއާގައި އޮތީ ތަފާތު ޖީލެއް ކަމަށާއި މިހާރު އޮތް ޓީމުން އިތުރު ކާމިޔާބީ އަށް އަމާޒުކުރާ ކަމަށެވެ.
"މިހާރު މި އޮތް ހިސާބުން އަހަރެމެން އެންމެ މޮޅު ކުުޅުން ދައްކައިގެން ނޫން ގޮތަކަށް ސަލާމަތެއް ނުވެވޭނެ. އެއްވެސް ގޯހެއް ނުހަދައި، ވީ އެންމެ ރަނގަޅަށް ކުޅެން ޖެހޭނެ،" އިއޮޑަނެސްކޫ ބުންޏެެވެ.
ރުމޭނިއާ އިން މިރޭ ޔޫރޯގެ ގަދަ 16 ބުރުގައި، ނެދަލެންޑްސްއާ ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި ނެދަލެންޑްސް ކުޅުނު އެންމެ ފަހު މެޗުން އޮސްޓްރިއާ އަތުން ބަލިވި މެޗަށް އެކަނި ބަލައިގެން ގޮތެއް ނުނިންމަން އިއޮޑަނެސްކޫ ވަނީ ބުނެފަ އެވެ.
"ހަމައެކަނި އޮސްޓްރިއާ މެޗަށް ބަލައިގެން މި މެޗަށް ތައްޔާރުވުމަކީ މޮޔަަކަމެއް އަހަރެމެން ކުރާނެ. އެއީ އޮސްޓްރިއާ މެޗަށް ނުކުތްއިރު ވެސް ނެދަލެންޑްސް އަށް އޮތީ ނޮކައުޓް ޔަގީންވެފައި. ތަޖުރިބާ ހުރި ޓީމުތަކަށް މި ލެވަލްގައި އެނގޭނެ ކުރަން ޖެހޭނެ ކަންކަން،" އިއޮޑަނެސްކޫ ބުންޏެވެ.
މީގެ ކުރިން، ބައިނަަލްއަގުވާމީ ބޮޑު މުބާރާތެއްގައި ނެދަލެންޑްސް އާއި ރުމޭނިއާ ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. އެއީ 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު އެ މެޗުން، ނެދަލެންޑްސް 2-0 އިން މޮޅުވި އެވެ.
އިއޮޑަނެސްކޫ ބުނީ، ރުމޭނިއާ އިން ވާދަކުރި ގްރޫޕްގެ އެއް ވަަނަ ޓީމުގެ ގޮތުގައި، ނޮކައުޓް ބުރަށް ދަތުރުކުރި ނަމަވެސް، މި ބުރުން މި ފެށެނީ، އާ ލެވަލް އެއްގެ ވާދަވެރިކަމެއް ކަމަށެވެެ. އަދި ނެދަލެންޑްސް މެޗަކީ، ރުމޭނިއާ އަށް ރަަނގަޅު ޓެސްޓެއް ކަަަމަށް އިއޮޑަނެސްކޫ ބުނެފައިވެ އެވެ.
ރުމޭނިއާ އިން ނެދަލެންޑްސްއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެެވެ.
Comment