15 ނޮވެންބަރު 2024 - 09:53 0
15 ނޮވެންބަރު 2024 - 09:53 0
ނިޔޯން، ސްވިޒަލެންޑް (ނޮވެމްބަރު 15) - ގިނަ މައްސަލަތަކެއްގައި ތާށިވެފައިވާ އިނގިރޭސި ރެފްރީ، ޑޭވިޑް ކޫޓް، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން، ޑްރަގް ބޭނުންކުރާ ވީޑިއޯ އެއް ވައިރަލްވެފައިވާއިރު، އޭގެ މައްސަލަ ޔުއެފާ އިން ތަހުގީގުކުރަން ފަށައިފި އެވެ.
ކޫޓް، 42، ލިވަޕޫލާއި އެ ޓީމުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕާ ބެހޭގޮތުން ބަދުބަސްތަކެއް ބުނާ ވީޑިއޯއެއްގެ މައްސަލަ ފެންމަތިވެފައިވާއިރު، އެކަމާ ގުޅިގެން އޭނާ އަށް އިނގިރޭސި އެފްއޭ އާއި ޔުއެފާ އިން ވަނީ ފިޔަވަޅު އަޅައިފަ އެވެ. ކޫޓްގެ ވައިރަލްވި މި ވީޑިއޯގައި އޭނާ ވަނީ، 2020 ވަނަ އަހަރު ލިވަޕޫލާއި ބާންލީ ކުޅުނު މެޗުގައި ޓަޗްލައިންގައި ހިނގައިދިޔަ ކަންތައްތަކެއްގެ ވާހަކަ ދައްކައި، ލިވަޕޫލްގެ އޭރުގެ ކޯޗު ކްލޮޕާ ބެހޭގޮތުން ބޭއަދަބީ ބަސް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ. އަދި އެ ވާހަކަތަކަށް ފަހު، ކޫޓް ވަނީ ޖުމްލަކޮށް މުޅި ލިވަޕޫލާ މެދު އޭނާ ހިތުގައި ނަފްރަތު އޮތް މިންވަރު ދޭހަވާ ގޮތަށް، ބޭއަދަބީ އިބާރާތް ބޭނުންކޮށް ވާހަކަ ދައްކައިފަ އެވެ.
މި ވީޑިއޯގެ މައްސަލަ ހޫނުވެ، އޭނާ ސަސްޕެންޑްކުރިއިރު، އިނގިރޭސި އެފްއޭ އާއި ޔުއެފާ އިން ވަނީ މި ކަމުގެ ފުރިހަމަ ތަހުގީގެއް ފަށައިފަ އެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދަނިކޮށް، ދެން އާންމުވީ، މި ފަހަރުގެ ޔޫރޯ ތެރެއިން، ކޫޓް، ޑްރަގް ބޭނުންކުރާ ވީޑިއޯ އެކެވެ.
މި ކަމާ ގުޅިގެން ޔުއެފާ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
"ޔުއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓަރެއް ވަނީ ރެފްރީން އަމަލުކުރަންޖެހޭ އުސޫލާ ހިލާފަށް ރެފްރީ ކޫޓް އަމަލުކޮށްފައިވާތީ އެ މައްސަލަ ބަލަން ހަވާލުކޮށްފައި،" ޔުއެފާގެ ބަޔާނުގައިވެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކޫޓްގެ މި ވީޑިއޯ ނަގާފައިވަނީ، ކޫޓް މި ފަހަރުގެ ޔޫރޯގައި މަސައްކަތްކުރި މެޗު ނިމުނުތާ އެއް ދުވަސް ފަހުންނެވެ. ކޫޓް، މި ފަަހަރުގެ ޔޫރޯގައި މަސައްކަތްކުރީ، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގަ އެވެ. އޭނާގެ ފަހު މެޗަކީ، ކުއާޓާ ފައިނަލުގައި ފްރާންސާއި ޕޯޗުގަލް ކުޅުނު މެޗުގަ އެވެ.
މި ފަހަރުގެ ޔޫރޯގައި އެންމެ މައްސަލަ ބޮޑުވި އެއް ނިންމުން އައީ ވެސް ކޫޓް ހުރި މެޗެއްގަ އެވެ. އެއީ ގަދަ 16 ބުރުގައި ޖަރުމަނުން 2-0 އިން ޑެންމާކް ބަލިކުރި މެޗުގައި، އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައިފައި ދިން ޕެނަލްޓީއެއްގެ މައްސަލަ އެވެ.
ކޫޓް އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ފީފާ ރެފްރީއެއްގެ ގޮތުގައި އިންޓަނޭޝަނަލް މެޗުތަކުގައި އިންސާފުކުރަމުންނެވެ. ތަޖުރިބާކާރު ރެފްރީން ބުނާގޮތުގައި، މި ހުރިހާ މައްސަލައެއް ބަލައިނިމޭއިރު، ކޫޓް އަށް އަނބުރާ ރެފްރީކަމަށް އާދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
Comment