Advertisement

މާފުށީ ޖަލުގައި ބޮޑު ރެއިޑެއް، 29 ފޯނާއި ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި

1 ޖުލައި 2024 - 19:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާފުށި ޖަލުން އަތުލައިގަތް ތަކެތި: ޖަލުން 29 ފޯނާއި ބަނގުރާ ފުޅިތަކެއް ވަނީ އަތުލައިގަނެފައި -- ފޮޓޯ؛ ފުލުހުން


މާފުށީ ޖަލުގައި ބޮޑު ރެއިޑެއް، 29 ފޯނާއި ބަނގުރާ ފުޅިތަކެއް އަތުލައިގަނެފި

1 ޖުލައި 2024 - 19:34 0

މާފުށި ޖަލުގެ އަށް ޔުނިޓެއް ބަލައި ފާސްކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 29 މޯބައިލް ފޯނާއި ހަތަރު ބަނގުރާ އަތުލައިގަނެވުނު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އޮޕަރޭޝަނަކީ މާފުށި ޖަލަށް ގަވައިދާ ހިލާފަށް އެތެރެކުރަމުންދާ ތަކެތި އަތުލައި، ޖަލުގައި ގާނޫނާއި ގަވައިދާ ހިލާފަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

"ބަލައިފާސްކުރި ޔުނިޓުތަކުން 29 މޯބައިލް ފޯނާއި، 17 ޗާޖަރާއި، 12 ހެޑްސެޓާއި، 3 ޕެންޑްރައިވާއި، 3 އިއާ ޕޮޑާއި 3 ކޭބަލް އަދި ދެ ސިމް ކާޑުގެ އިތުރުން ހަތަރު ބޮގަރު ފުޅި ފެނިފައިވޭ،" ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި 183 ފުލުހަކާއި، އެމްއެންޑީއެފްގެ 81 ސިފައިންނާއި، ކަރެކްޝަންސްގެ 40 އޮފިސަރުން ހިމެނޭ ގޮތަށް 304 އޮފިސަރުން ބައިވެރިވީ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ޖަލުން ފެނުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާއިރު، ޖަލު އޮފިސަރުންނާ ގުޅިގެން ކުށްވެރިން ޖަލަށް ތަކެތި އެތެރެކުރާ މައްސަލައިގައި ބޮޑު ތަހުގީގެއް ވަނީ ފަށާފަ އެވެ. އެގޮތުން އެކައުންޓުތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ވަދެފައިވާ 12 އޮފިސަރުން މައްސަލައިގައި މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.