Advertisement

ސަމޯއާ އެގްރީމެންޓުގައި ރާއްޖޭން ސޮއިކޮށްފި

1 ޖުލައި 2024 - 15:00 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ގީލާ މި އެއްބަސްވުމުގައި ސޮއި ކުރައްވަނީ. މި އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ ގާނޫނުއަސާސީއާ ހިލާފު ނުވާނެ ގޮތަށް ބުނޭ --- ފޮޓޯ: ރައީސް އޮފީސް


ސަމޯއާ އެގްރީމެންޓުގައި ރާއްޖޭން ސޮއިކޮށްފި

1 ޖުލައި 2024 - 15:00 0

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ އެވެ.

"މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އަށް ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ވަނީ ހުށަހަޅާފައި" ސަރުކާރުން ބުނެފައިވެ އެވެ.

އެހެންކަމުން މި ރިޒަވޭޝަންތަކަށް ހުށަހެޅުމުން ސަމޯއާ އެގްރީމެންޓު ރާއްޖޭން ތަންފީޒު ކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ނުވާ ގޮތަށެވެ.

"މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިޤްތިޞާދީ، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ," ސަރުކާރުން ބުނެފައިވެ އެވެ.

މި އެއްބަސްވުމާއެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކަށް ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

މި އެއްބަސްވުމަކީ އަކީ ކުރިއަށް އޮތް ވިހި އަހަރަށް އީޔޫ އާއި އޯއޭސީޕީއެސް އިން ޖުމަލް ހަ ދާއިރާއަކުން އެކުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެކެވެ. އެއްބަސްވުމުގައިވާ މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީއެވެ.

މި އެއްބަސްވުމުގައި އޯއޭސީޕީއެސް ގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ހިމެނެ އެވެ. ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެފައިވަނީ ޑިސެމްބަރު 9, 2022 ގަ އެވެ.