Advertisement

ރޮނާލްޑޯ ހުޅުވި އެކެޑަމީން އައި ކްރަވަޝްކޭލިއާ ޕޯޗުގަލް ބަލިކޮށްފި

27 ޖޫން 2024 - 07:58 0


ރޮނާލްޑޯ ހުޅުވި އެކެޑަމީން އައި ކްރަވަޝްކޭލިއާ ޕޯޗުގަލް ބަލިކޮށްފި

27 ޖޫން 2024 - 07:58 0

ޖޯޖިއާގައި 2013 ވަނަ އަހަރު ފުޓްބޯޅަ އެކެޑަމީ އެއް ހުޅުވަން ކްރިސްޓިއާނޯ ރޮނާލްޑޯ ދިޔައިރު، އެ އެކެޑަމީގައި އުޅުނު 11 އަހަރުގެ ކްރަވަޝްކޭލިއާ އަކީ، ރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖޯޖިއާ އިން 2-0 އިން ޕޯޗުގަލް ބަލިކުރި މެޗުގެ މޮޅު ކުޅުންތެރިޔާ އެވެ. ތޭވީސް އަހަރުގެ ކްރަވަޝްކޭލިއާގެ ފުޓްބޯޅަ އައިޑަލް އަކީ ރޮނާލްޑޯ އެވެ. ރޭގެ މެޗަށް ފަހު، ކްރަވަޝްކޭލިއާ، ޖޯޒީ ބަދަލުުކުރީ ރޮނާލްޑޯއާ އެވެ.

ބައިނަލްއަގުވާމީ ބޮޑު ފުޓްބޯޅަ މުބާރާތެއްގައި މުޅިން އަލަށް ކުޅުނު ޖޯޖިއާ އިން މި ވަނީ ޕޯޗުގަލް އަތުން ތާރީހީ މޮޅެއް ހޯދައި، މުބާރާތުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ.

"އަހަރެންގެ އަތުގައި ރޮނާލްޑޯގެ ޖޯޒީއެއް އެބައޮތް. އަދި އަހަރެމެން މި ތިބީ ޔޫރޯގެ އަނެއް ބުރުގައި. މިއީ ޖޯޖިއާ އަށް އުފަން އެތައް ބަޔެއްގެ ހަޔާތުން ހާއްސަ ދުވަހެއް،" ރޭގެ މެޗުގައި ޕޯޗުގަލް ކޮޅަށް ޖޯޖިއާގެ ފުރަތަމަ ގޯލު ޖެހި ކްރަވަޝްކޭލިއާ ބުންޏެވެ.

"އެންމެން އެ ތިބީ އުފަލުން. އަހަރެމެން ތާރީހުގައި ލިޔެވޭ ކާމިޔާބެއް ހޯދައިފިން. އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އަހަރެމެން މި ކަން ހާސިލްކުރާނެއޭ. އެކަމަކު، އަހަރެމެން މި ވަނީ ޕޯޗުގަލް ބަލިކޮށް މި ކަން ހާސިލްކޮށްފައި. މިހާރު އަހަރެމެން މިއީ ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރާނެ،"

ކްރަަވަޝްކޭލިއާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއް: 2013 ވަނަ އަހަރު ރޮނާލްޑޯ، ޖޯޖިއާގައި ހުޅުވި އެކެޑަމީގައި ކްރަވަޝްކޭލިއާ ހުރި ފޮޓޯ އާއި ރޭގެ މެޗުގެ ތެރެއިން ނަގާފައިވާ ފޮޓޯގެ އިތުރުން މެޗަށް ފަހު ރޮނާލްޑޯގެ ޖޯޒީގެ ފޮޓޯއެއް.


މެޗުގެ ކުރިން ކްރަަވަޝްކޭލިއާއާ ބައްދަލުކޮށް ރޮނާލްޑޯ، 39، ވަރަށް ރަނގަޅު ވާހަކަތަކެއް ދަައްކައި، ހިތްވަރު ދިން ކަމަށް ކްރަވަޝްކޭލިއާ ވަނީ ބުނެފަ އެވެ.

"މެޗުގެ ކުރިން އޭނަ (ރޮނާލްޑޯ) އައިސް އަހަންނަށް ކާމިޔާބަށް އެދޭ ކަމަށް ބުނެ ހިތްވަރު ވެސް ދިން. އެއީ ވެސް ހާއްސަ ކަމެއް. އެ ހިސާބުން ވެސް އިހުސާސްވި، އަހަރެމެންނަށް ކަންކަން ކުރެވޭތީއޭ އެ ގޮތަށް އެ ފަދަ ކުޅުންތެރިއަކު ވެސް ބުނާނީ،" ޖޯޖިއާ އިން، "ކްވަރަޑޯނާ"ގެ ނަމުން މުހާތަބުކުރާ، ކްރަވަޝްކޭލިއާ ބުންޏެވެ.

ގަދަ 16 ބުރުގައި ޖޯޖިއާ ކުޅޭނީ މުބާރާތުގެ ޗެމްޕިއަންކަން، ތިން ފަހަރު ހޯދާފައިވާ ސްޕެއިނާ އެވެ. ކްރަވަޝްކޭލިއާ ބުނީ މިހާ ހިސާބަށް ވެސް އެ ޓީމު އައި އަމިއްލަ އަށް އޮތް އިތުބާރާ އެކީގައި ކަމަށާއި ކުރިއަށްދާން ވެސް އޭގެ ބޭނުންހިފަން މަސައްކަތް ކުރާނެ ކަމަށެވެ.