Advertisement

ސްލޮވާކިއާ އިން ގަބޫލުކުރަނީ އެ ޓީމަށް ގަދަ 16 ހައްގުވާވަރުގެ ކުޅުމެއް ދެއްކޭކަމަށް

26 ޖޫން 2024 - 10:50 0


ސްލޮވާކިއާ އިން ގަބޫލުކުރަނީ އެ ޓީމަށް ގަދަ 16 ހައްގުވާވަރުގެ ކުޅުމެއް ދެއްކޭކަމަށް

26 ޖޫން 2024 - 10:50 0

ފްރޭންކްފާޓް (ޖޫން 26) - ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ ގްރޫޕް އީގެ ފަހު މެޗުގައި މިރޭ ރުމޭނިއާއާ ދެކޮޅަށް ނުކުންނައިރު ސްލޮވާކިއާ އިން ގަބޫލުކުރަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހައްގުވާވަރުގެ ކުޅުމެއް މިހާތަނަށް ވެސް އެ ޓީމަށް ދެއްކުނުއިރު، މި މެޗުގައި ވެސް އެކަން ތަކުރާރުކުރަން ކަމަށް ކޯޗު، ފްރަންސެސްކޯ ކަލްޒޯނާ ބުނެފި އެވެ.

ޔޫރޯ ގްރޫޕް އީ އަކީ މި ވަގުުތު އެންމެ ފޯރިގަދަކޮށް އޮތް ގްރޫޕެވެ. ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ހުރިހާ ޓީމަކަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަށެވެ. އެ ގޮތުން އެއް ވަނައިގައި އޮތް ރުމޭނިއާ އާއި ދެ ވަނައިގައި އޮތް ބެލްޖިއަމް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަދި ހަތަރެއްގައި އޮތް ޔޫކްރެއިނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތާރީހުގައި ވެސް މި ގޮތަށް ހަތަރު ޓީމުގެ ޕޮއިންޓް އެއްވަރުވި ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ޔޫރޯގައި ސްލޮވާކިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު 1-0 އިން ބެލްޖިއަމް ބަލިކޮށްފަ އެވެ. އެކަމަކު، ދެ ވަނަ މެޗުގައި ސްލޮވާކިއާ އިން ލީޑުނެގި ނަމަވެސް ޔޫކްރެއިން އިން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.

ކަލްޒޯނާ ބުނީ ފުރަތަމަ ދެ މެޗަށް ބަލާއިރު އެ ޓީމަށް ނެގޭނެ ޕޮޒިޓިވް ކަންތައްތައް ގިނަ ކަމަށެވެ.

"މުބާރާުތުގައި ކުރިއަށްދާން އަހަރެެންނަށް މި ލިބިފައި އޮތް ފުރުސަތު އަހަރެމެންނަށް ހައްގު. އަހަރެމެންނަށް މި ހިސާބަށް އާދެވޭނެ ވަރަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެ، އުންމީދަކީ ފަހު މެޗުގައި ވެސް މި ކުޅުން ދައްކައި އަމާޒަށް ވާސިލްވުން،" ކަލްޒޯނާ ބުންޏެވެ.

އިޓަލީ އަށް އުފަން ކަލްޒޯނާ ބުނީ އެއްވަރުކޮށްލައިގެން ވެސް އެ ޓީމަށް ގަދަ 16 އަށް ދެވިދާނެ ކަމަށާއި އެކަމަކު، އެއީ އޭނާ ވިސްނާނެ ގޮތެއް ނޫން ކަމަށެވެ.

"އަހަރެމެން މިއީ ޕްރޮފެޝަނަލުން. އެއްވަރުކޮށްލައިގެން ގަދަ 16 އަށް ދެވެން އޮތީމަ އެ ގޮތަށް ނުރާވާނަން. އަހަރެމެން ވެސް ބޭނުން މި ގްރޫޕް ކާމިޔާބުކުރަން. އަހަރެމެން އަމިއްލަ މެޗެއް ކުޅެގެން ކާމިޔާބު ހޯދައިގެން ޓާގެޓަށް ދާން ބޭނުމީ،" ކަލްޒޯނާ ބުންޏެވެ.

ރުމޭނިއާއާ ދެކޮޅަށް ސްލޮވާކިއާގެ ރެކޯޑް ދަށެވެ. މި ދެ ޓީމު ކުޅުނު 11 މެޗުގެ ތެރެއިން ސްލޮވާކިއާ މޮޅުވީ އެންމެ މެޗަކުންނެވެ. ފަސް މެޗުން އެއްވަރުވިއިރު، ފަސް މެޗުން ވަނީ ރުމޭނިއާ މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.