26 ޖޫން 2024 - 11:10 0
26 ޖޫން 2024 - 11:10 0
ހެމްބާގް (ޖޫން 26) - ޔޫރޯ ފުޓްބޯލަ މުބާރާތުގެ ގުރޫޕް އެފްގައި މިރޭ ތުުރުކީއާ ދެކޮޅަށް މުހިންމު މެޗަކަށް ޗެކް ރިޕަބްލިކް ނުކުންނައިރު، ޗެކް ރިޕަބްލިކަށް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ މުހިންމު ފޯވަޑް ޕެޓްރިކް ޝިކް ފިޓުވާނެކަމުގެ ޔަގީންކަން ނެތުމެވެ.
ގުރޫޕްގެ އެފްގެ ދެ ވަނަ ހޯދައި، ގަދަ 16ގެ ޖާގައެއް ކަށަވަރުކުރުމަށް މިރޭ ތުރުކީ އަތުން މޮޅެއް ޗެކް ރިޕަބްލިކަށް ބޭނުންވެ އެވެ.
ޝިކް އަށް އަނިޔާވީ އެންމެ ފަހުން ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ޝިކް ވަނީ ބާލައިފަ އެވެ.
ޔޫރޯގައި މިހާތަނަށް ޗެކް ރިޕަބްލިކަށް އެންމެ ގިނަ ގޯލު ޖަހާފައިވާ ޝިކް މިރޭގެ މެޗުގައި ނުކުޅެވިއްޖެނަމަ، އެއީ އެ ޓީމަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެެކެވެ.
މެޗުގެ ކުރިން ވާހަކަދައްކަމުން ޗެކް ރިޕަބްލިކްގެ ކޯޗު އީވާން ހަސެކް ބުނީ ޝިކް މި މެޗަށް ފިޓުވުމަށް ފާއިތުވި ދެ ދުވަހު ގިނަ މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، ޝިކްއަށް ނުކުޅެވިއްޖަނަމަ، އޭނާ ނެތްތަން ފޫބައްދާނެ ކަމަށެވެ.
"ޝިކް އަކީ މުހިންމު ކުުޅުންތެރިއެއް. ޔޫރަޕްގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެއް ކުޅުންތެރިޔާ. އޭނާއަށް ނުކުޅެވިއްޖެއްޔާ ކޮންމެވެސް އެހެން ކުޅުންތެރިއެއް އޭނާ ނެތްތަނަށް އަރުވަންޖެހޭނެ. އަހަރަމެން މި ތިބީ އެކަމަށްވެސް ތައްޔާރުވެގެން،" ހަސެކް ބުންޏެވެ.
ޔޫރޯ 2020ގެ ކުއާޓާ ފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކުރިއިރު، އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންގެ ތެރޭގައި ޝިކް ހިމެނެ އެވެ.
ހަސެކް ބުނީ މިރޭގެ މެޗުގައި ޗެކް ރިޕަބްލިކްގެ ޓީމުން ރަނގަޅު ނަތީޖާއެއް ނެރޭނެކަމުގެ އިތުބާރު ޓީމާމެދު އޮތް ކަމަށެވެ.
"ކުޅުންތެރިން ތިބީ ވަރަށް ރަނގަޅު ރޫހެއްގައި، ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް،" ހަސެކް ބުންޏެވެ.
ތުރުކީ އާއި ޗެކް ރިޕަބްލިކް ވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެކުވެރިކަމުގެ މެޗެއްގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން، 2-1 އިން ތުރުކީ މޮޅުވި އެވެ. އަދި 2008 ވަނަ އަހަރުގެ ޔޫރޯގައި ތުރުކީން ވަނީ ޗެކް ރިޕަބްލިކް ދެ ގޯލު ކުރީގައި އޮއްވައި ފަހަތުން އަރައި މޮޅުވެފަ އެވެ.
Comment