26 ޖޫން 2024 - 10:17 0
26 ޖޫން 2024 - 10:17 0
ސްޓުޓްގާޓް (ޖޫން 26) - ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ މީހުންގެ ހިތްތަކުގައި އޮތް ބިރުވެރިކަމުން ކުޑަ ލުޔެއް ހޯދައި އުފަލެއް ލިބެނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަދަ ކުޅިވަރު ހަރަކާތްތަކުގައި ޔޫކްރެއިނުން ހޯދާ ކާމިޔާބުން ކަމަށް ޔޫކްރެއިން ކޯޗު ސާހޭއި ރެބްރޯވް ބުނެފި އެވެ.
ޔޫރޯ ގްރޫޕް އީ އަކީ މި ވަގުުތު އެންމެ ފޯރިގަދަކޮށް އޮތް ގްރޫޕެވެ. ކޮންމެ ޓީމެއް ވެސް ދެ މެޗު ކުޅެފައިވާއިރު، ހުރިހާ ޓީމަކަށް ވެސް ޕޮއިންޓް ލިބިފައިވަނީ އެއްވަރަށެވެ. އެ ގޮތުން އެއް ވަނައިގައި އޮތް ރުމޭނިއާ އާއި ދެ ވަނައިގައި އޮތް ބެލްޖިއަމް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަދި ހަތަރެއްގައި އޮތް ޔޫކްރެއިނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ޔޫކްރެއިން އިން ފުރަތަމަ މެޗުގައި ރުމޭނިއާ އަތުން 3-0 އިން ބަލިވި ނަަމަވެސް ދެ ވަަނަ މެޗުގައި ވަނީ ފަހަތުން އަރައި ސްލޮވާކިއާ އަތުން 2-1 އިން މޮޅުވެފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި މިރޭ ޔޫކްރެއިނުން ބެލްޖިއަމާ ކުޅޭއިރު، ރެބްރޯވް ބުނީ ޔޫކްރެއިނުން ވިސްނަން ޖެހޭނީ ސްލޮވާކިއާ މެޗު ނިންމާލިއިރު، ތިބި ރޫހުގައި ބެލްޖިއަމް މެޗުގައި ކުޅެ ކާމިޔާބު ހޯދަން ކަމަށެވެ.
މި ފަހަރުގެ ޔޫރޯގައި ޔޫކްރެއިނުން ހޯދާ ކޮންމެ ކާމިޔާބެއް ވެސް ހާއްސަވާ ސަބަބެއް އެބައޮތް ކަމަށް ރެބްރޯވް ވަނީ ބުނެފަ އެވެ. އެއީ، 2022 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން ރަޝިއާ އިން ޔޫކްރެއިނަށް އަރައި ކުރާ ހަނގުރާމައިގެ ސަބަބުން، ޔޫކްރެއިނަށް ދިމާވެފައި އޮތް ހާލަތުން ލުޔެއް ލިބި ހިތްހަމަޖެހެނީ ކުޅިވަރުން އެ ގައުމު ހޯދާ ކާމިޔާބުން ކަމަށްވާއިރު، ޔޫރޯގައި އެ ފުރުސަތު ހޯދައިދޭށެވެ.
"އަހަރެމެން މޮޅުވެއްޖެނަމަ މި ފެއަރީޓޭލް (ރީތި/ފުރިހަަމަ ވާހަކަ) ކުރިއަށް ގެންދަން މި ލިބެނީ. މި ރީތި ވާހަކަތައް އިތުރަށް ކުރިއަށް ގެންދަން މެޗުތަކުން މޮޅުވެއްޖެނަމަ، 900 އެއްހާ ދުވަހު އަހަރެމެން މި ހޭދަކުރާ ހަނގުރާމައިގެ ހާލަތުގައި ވެސް އުފާކުރެވޭނެ ކަމެއް އޮންނާނެ. ކޮންމެ މެޗެއްގައި ވެސް އަހަރެމެން ތެރެއިން ފެންނަ ޖޯޝަކީ ހަނގުރާމައިގެ ކުރިން އޮތް ހާލަތެއް،" ރެބްރޯވް ބުންޏެވެ.
ބެލްޖިއަމް އަކީ މަޝްހޫރު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި ޔޫކްރެއިނުން ސަމާލުވާނެ ކަމަށް ރެބްރޯވް ވަނީ ބުނެފަ އެވެ.
ބައިނަލްއަގުވާމީ މެޗެއްގައި ޔޫކްރެއިނާއި ބެލްޖިއަމްގެ ފުރަތަމަ ކުރިމަތިލުން ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
Comment