ބެލްޖިއަމް އަށް ކޯޓުއާގެ އެނބުރި އަައުން ދިޔައީ ރަނގަޅަކަށް ނޫން

21 މާރިޗު 2025 - 07:05 0


ބެލްޖިއަމް އަށް ކޯޓުއާގެ އެނބުރި އަައުން ދިޔައީ ރަނގަޅަކަށް ނޫން

21 މާރިޗު 2025 - 07:05 0

މުރްސީއާ، ސްޕެއިން (މާޗް 21) - ޔުއެފާ ނޭޝަންސް ލީގު އޭގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ޔޫކްރެއިން އަތުން 3-1 ގެ ނަތީޖާ އަކުން ބެލްޖިއަމް ބަލިވެއްޖެ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ލީޑުނެގިއިރު، ޔޫކްރެއިން މޮޅުވީ ދެ ވަނަ ހާފުގެ 12 މިނިޓް ތެރޭ ތިން ގޯލު ޖަަހައިގެންނެވެ.

މިއީ ރެއާލް މެޑްރިޑްގެ ކީޕަރު ޓިބައޯ ކޯޓުއާ ދެ އަހަރު ދުވަހަށް ފަހު، ބެލްޖިއަމް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ކޯޓުއާ ބެލްޖިއަމް މެޗެއް ކުޅުނީ 2023 ވަނަ އަހަރެވެ.

ބެލްޖިއަމްގެ ސްކޮޑުން ކޯޓުއާ އަށް ފުރުސަތު ގެއްލުނީ އޭރުގެ ކޯޗު، ޑޮމެނިކޯ ޓެޑެސްކޯއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ކޯޓުއާ އަނިޔާގައިވެސް ހުރި އެވެ.

މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބެލްޖިއަމް އިންނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު ބެލްޖިއަމް އަށް ޖަހައިދިނީ ރޮމޭލޫ ލުކާކޫ އެވެ.

އެކަމަކު، ދެ ވަނަ ހާފުގައި ޔޫކްރެއިން އިން ވަނީ ބެލްޖިއަމްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެ ގޮތުން، މެޗުގެ 66 ވަނަ މިނިޓްގައި ޔޫކްރެއިން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޮލެކްސީ ހަޓްސޫލިއަކް ޖަހައިދިން ގޯލުންނެވެ. އަދި އޭގެ ހަތް މިނިޓް ފަހުން ޔޫކްރެއިން އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ވްލަޑިސްލާފް ވަނެޓް އެވެ.

އަދި މެޗުގެ 78 ވަނަ މިނިޓްގައި ޔޫކްރެއިންގެ ލީޑު ފުޅާކޮށްދިނީ އިލިއާ ޒަބާނީ ޖަހައިދިން ގޯލުންނެވެ. މިއީ، ޒިންޗެންކޯގެ އެހީތެރިކަމާއެކު ޒަބާނީ ޖެހި ގޯލެކެވެ.

މިއީ، ޔޫކްރެއިންގެ ހޯމް މެޗެއް ނަމަވެސް، އެ ގައުމުގައި ހަނގުރާމަ ކުރިއަށްދާތީ މި މެޗު ކުޅުނީ ސްޕެއިންގަ އެވެ.