Advertisement

ހައްޖަށް ގޮސްފައި ރާއްޖެ އައި މީހެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ބަލި ފެނިއްޖެ

25 ޖޫން 2024 - 18:42 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހައްޖުގެ އަޅުކަމުގައި މީހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އޭއެފްޕީ


ހައްޖަށް ގޮސްފައި ރާއްޖެ އައި މީހެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ބަލި ފެނިއްޖެ

25 ޖޫން 2024 - 18:42 0

ހައްޖުގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ގޮސްފައި އައި ދިވެއްސެއްގެ ގައިން ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކޮލް ޑިޒީޒް ފެނިއްޖެ އެވެ. އެ ބަލި ރާއްޖެއިން ފެނުނުކަން ހެލްތު މިނިސްޓަރީގެ އިސް އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.

އެ ބަލި ރާއްޖެއިން ފެނުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

މެނިންގޮކޯކޮލް ޑިޒީޒް އަކީ މެނިންގޮކޯކޮލް ނަމަކަށް ކިޔާ ބެކްޓީރިއާއަކުން ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. އާންމު ގޮތެއްގައި ލޭގެ އިންފެކްޝަނެއްގެ ގޮތުގައި ޖެހޭ މި ބަލި ބައެއްފަހަރު ސިކުނޑީގެ މެމްބްރޭންތައް ވެސް އިންފެކްޓު ކޮށްލަ އެވެ.

މެނިންގޮކޯކޮލް ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި:

  • ގަދައަށް ހުން އައުން
  • އަބަދު ވަރުބަލިވެފައި ނުވަތަ ވަރުދެރަވެފައި ހުރުން
  • ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން
  • ބޮލުގައި ރިއްސުން
  • ކަނދުރާ މައްޗަށް ބާރުވެފައި ހުރުން
  • ގަދަ އައްޔަށް ބަލަން އުނދަގޫވުން
  • ބޯއެނބުރުމާއެކު ހޮޑުލެވުން
  • ބޭރަށް ހިންގުން
  • ރަތް ނުވަތަ ގަދަ ދަނބުކުލައިން ނޫފައިގަނެފައި ހުންނަ ގޮތަށް ގައިގެ އެތަން މިތަނުގައި ހުރުން
  • އަތްތިލައާއި ދެފައިތިލަ ފިނިވުން
  • މާބޮޑަށް ނިދިއަންނަ ގޮތްވުން
  • ވާނުވާ ނޭނގޭ ގޮތްވުން

މިބަލި ޖެހުމުން އެންމެ ބޮޑުވަރުވާ މީހުންގެ ތެރޭގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ތަހަންމަލު ކުރާ މީހުން ހިމެނެ އެވެ.

އަވަހަށް ފަރުވާ ނުދެވިއްޖެ ނަމަ ފުރާނައަށް ވެސް ނުރައްކާވާ މެނިންގޮކޯކޮލް ބައްޔަކީ ވެކްސިން ޖަހައިގެން ކުރިއާލައި ރައްކާތެރިވެވޭ ބައްޔެކެވެ.

ހަމައެކަނި އިންސާނުންގެ ގައިން ފެންނަ މެނިންގޮކޯކޮލް ބެކްޓީރިއާއަކީ އެހައި ފަސޭހައިން ގައިން ގަޔަށް އަރާ ބެކްޓީރިއާއެއް ނޫނެވެ. މި ބެކްޓީރިއާ ގައިންގަޔަށް އަރަނީ ބަލި ޖެހިފައި ހުރި މީހަކާ ވަރަށް ގައިކޯޅިވެ، ނުވަތަ ވަރަށް ގިނަވަގުތު އެކުގައި އުޅުމުން އަނގައިގެ ތެރެއިން ނުވަތަ ނޭފަތުގެ ތެރެއިން މެނިންގޮކޯކޮލް ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް ވާސިލުވެގެންނެވެ.

މެނިންގޮކޯކޮލް ބަލިން ފަސޭހަވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ތަހަންމަލު ކުރަންޖެހޭ ފަދަ ސިއްހީ މައްސަލަތައް ބައެއް މީހުންނަށް ދިމާވެ އެވެ.

އެގޮތުން ކަންފަތުގެ އަޑުއިވުމުން މަހުރޫމުވުމާއި ލޮލަށް ފެނުމުގެ މައްސަލަތަކާއި ފިޓު ޖެހުމުގެ އިތުރުން ބަލީގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން މުޅި އުމުރު ދުވަހަށް ދެމި ހުރުން ފަދަ ކަންކަން މި ބަލި ޖެހޭ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކު ތަހަންމަލު ކުރަންޖެހެ އެވެ.