Advertisement

ސްލޮވީނިއާ އިން އިންގްލެންޑް ގުނަނީ ތަށްޓައް ވާދަކުރާ ޓީމެއްގެ ގޮތުގައި

25 ޖޫން 2024 - 08:50 0


ސްލޮވީނިއާ އިން އިންގްލެންޑް ގުނަނީ ތަށްޓައް ވާދަކުރާ ޓީމެއްގެ ގޮތުގައި

25 ޖޫން 2024 - 08:50 0

ކޮލޯން (ޖޫން 25) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިހާތަނަށް އިންގްލެންޑުން ކުޅުނު މެޗުތަކުގައި އެންމެ މޮޅު ކުޅުން ނުދެއްކުނަސް އަދިވެސް އެ ޓީމަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއް ކަމަށް ސްލޮވީނިއާގެ ކޯޗު، މަޓްޖަޒް ކެކް ބުނެފި އެވެ.

އިންގްލެންޑުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން 1-0 އިން މޮޅުވިއިރު، ދެ ވަނަ މެޗުން ވަނީ ޑެންމާކާ 1-1 އިން އެއްވަރުވެފަ އެވެ. ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު، ގްރޫޕް ސީގެ އެއް ވަަނައިގައި އޮތް އިންގްލެންޑަށް ވަނީ ގަދަ 16 ޔަގީންވެފަ އެވެ. ދެ ވަނައިގައި އޮތް ޑެންމާކާއި ތިން ވަނައިގައި އޮތް ސްލޮވީނިއާ އަށް ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ސާބިއާގެ އޮތީ އެއް ޕޮއިންޓެވެ.

އިންގްލެންޑް އަތުން މިރޭ މޮޅެއް ހޯދައިގެން ސްލޮވީނިއާ އަށް ވެސް ނޮކައުޓް ބުރަށް ދެވެން އޮތްއިރު، އެ ޓީމުގެ ކޯޗު، ކެކް ޖެހިލުންވާ ކަމެއް އެބައޮތެވެ. އޭނާ ބުނީ، އިންގްލެންޑަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ އެކު، އެ ޓީމުން މިރޭ ސްލޮވީނިއާއާ ދެކޮޅަށް ތަފާތު ރޫހެއްގައި ކުޅެފާނެތީ އެވެ.

"ގަބޫލުކުރަން ޖެހޭ ކަމެއް، އަހަރެމެން މި ކުޅެނީ މުބާރާތުގެ ފޭވަރިޓަކާ ދެކޮޅަށް. އަހަރެމެން އިންގްލެންޑަށް ވަރަށް އިހުތިރާމްކުރަން. އެމީހުންގެ އެ ތިބި އިންްޑިވިޖުއަލް ކުޅުންތެރިންނަށް ވެސް. އިންގްލެންޑާ މެދު އަހަރެން ސުވާލު އުފައްދަން ބޭނުންވާ ކަމެއް ނެތް، އެއީ މުބާރާތް އަދި މި ފެށެނީ،" ކެކް ބުންޏެވެ.

އޭނާ ބުނީ ރަނގަޅު ޕްލޭނަކާ އެކު ނުކުމެ އިންގްލެންޑް ކައިރިން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެެވެ.

"މީގެ އޮތް ބިރަކީ އެ މީހުންނަށް (އިންގްލެންޑަށް) އެ އަމާޒުވާ ފާޑުކިޔުންތަކުގެ ބަދަލު އަހަރެމެންނަށް ދީފާނެތީވެ، އެ ހުރިހާ ކަމަކަށް ވެސް ވިސްނައިގެން، ޕްލޭނަކާ އެކު އަހަރެމެން ނުކުންނަން ޖެހޭނީ، އަހަރެމެންގެ ވެސް ކޮލިޓީ އެބަހުރި،" ކެކް ބުންޏެވެ.

އިންގްލެންޑުން ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ސްލޮވީނިއާ ބަލިކޮށް، އެ މުބާރާތުގެ ނޮކައުޓް ބުރަށް ގޮސްފަ އެވެ. ކެކް ބުނީ ސްލޮވީނިއާ އަށް މި އޮތީ 14 އަހަރު ފަހުން، އެ ފަދަ ކަމެއް ހާސިލްކުރުމުގެ ފުރުސަތު ކަމަށެވެ.

އިންގްލެންޑާއި ސްލޮވީނިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.