Advertisement

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް މޮޑްރިޗްގެ ނެތް

25 ޖޫން 2024 - 08:09 0

އަތޫފް އާތިފް

އަތޫފް އާތިފް


ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް މޮޑްރިޗްގެ ނެތް

25 ޖޫން 2024 - 08:09 0

ލައިޕްޒިގް (ޖޫން 25) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކޮންމެ ގޮތެއް ވިޔަސް ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން ލޫކަ މޮޑްރިޗް ބުނެފި އެވެ.

ޔުއެފާ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ކްރޮއޭޝިއާ އިން ކުޅުނު ފަހު މެޗުގައި 1-1 ގެ ނަތީޖާ އަކުން އިޓަލީއާ އެއްވަރުވެ، ކްރޮއޭޝިއާ އިން ގްރޫޕް ސްޓޭޖު ނިންމާލަން ޖެހުނީ މޮޅެއް ނުވެ އެވެ.

ކްރޮއޭޝިއާ އަށް ދެން، މުބާރާތުގައި ކުރިއަށް ދެެވެން އޮތީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ލިބޭ ފުރުސަތެއްގަ އެވެ. ޔޫރޯގެ ހަ ގްރޫޕްގެ ތިން ވަނަ ޓީމުތަކުގެ ރޭންކިންގެ ތެރެއިން ގަދަ ހަތަރަކަށް ވެސް ނޮކައުޓުން ފުރުސަތު ލިބޭނެ އެވެ.

ރޭގެ މެޗަށް ފަހު މޮޑްރިޗް ބުނީ, މިއީ އޭނާގެ ކެރިޔަރުގައި ބޮޑު މުބާރާތަކުންވި އެންމެ ހިތްދަތި ބަލި ކަމަށެވެ. އެކަމަކު، އަދިވެސް ފަސް ބެލުމެއް ނެތި ގައުމީ ޓީމާއެކު, ކާމިޔާބީ އެއް ހޯދަން ކުރާ އުންމީދުގައި ހުރި ކަމަށް މޮޑްރިޗް ބުނެފައިވެ އެވެ.

މޮޑްރިޗް ބުނީ ފުޓުބޯޅަ ކުޅުންތެރިޔަކަށް ޕްރޮފެޝަނަލް ލެވަލްގައި ފުޓުބޯޅަ ކުޅެން ލިބެނީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށެވެ. އަދި ކޮންމެ ކުޅުންތެރިޔަކު ވެސް ކޮންމެވެސް އިރަކުން ރިޓަޔާ ވާން ޖެހޭ ކަމަށާއި, އެހެންވެ, އޭނާ ވެސް ރިޓަޔާވާނެ ކަމަށެވެ.

އެކަމަކު އަދި ރިޓަޔާ ވުމުގެ ވިސްނުން ނެތް ކަމަށްވެސް މޮޑްރިޗް ވަނީ ހާމަކޮށްފަ އެވެ.

"އަހަރެން މުޅި އުމުރު ހުސްކޮށްލަން ބޭނުންވަނީ ފުޓުބޯޅަ ކުޅުމުގައި. އެކަމަކު އެކަން އެގޮތަކަށް ނުވާނެ. އަހަރެންވެސް ރިޓަޔާ ވާން ޖެހޭނެ. އެކަމަކު އަހަރެން ރިޓަޔާވާނެ ދުވަހެއް އަދި ބުނާކަށް ނޭނގޭ" މޮޑްރިޗް ބުންޏެވެ.

ރެއާލް މެޑްރިޑާ އެކު, ހަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި މިޑްފީލްޑަރު ވަނީ 2018 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ވެސް ކާމިޔާބު ކޮށްފަ އެވެ. ކުލަބް ކެރިޔަރުގައި ކާމިޔާބު ސީޒަންތަކެއް ރެއާލާ އެކު, ހޭދަކުރި ނަމަވެސް 2012 ވަނަ އަހަރު ރެއާލަށް އޭނާ ބަދަލުވިއިރު، އޭނާ ބެލެވިގެންދިޔައީ ރެއާލްގެ "ފްލޮޕް" އެއްގެ ގޮތުގައިވާނެ ކަމަށެވެ.