Advertisement

ރުމޭނިއާ އަށް ޕްރެޝަރެއް ނެތް، މުޅި ގައުމުން ލިބެނީ ހިތްވަރު

22 ޖޫން 2024 - 12:43 0


ރުމޭނިއާ އަށް ޕްރެޝަރެއް ނެތް، މުޅި ގައުމުން ލިބެނީ ހިތްވަރު

22 ޖޫން 2024 - 12:43 0

ކޮލޯން (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިރޭ ބެލްޖިއަމްއާ ދެކޮޅަށް ރުމޭނިއާ ނުކުންނައިރު ޕްރެޝަރެއް ނެތް ކަމަށާއި މުޅި ރޫމޭނިއާގެ ޓީމުގައި ފަހަތުގައި އޮތުމަކީ ލިބޭ ހިތްވަރެއް ކަމަށް ރޫމޭނިއާގެ ކޯޗު އެޑްވަޑް އިއޮޑަނެސްކޫ ބުނެފި އެވެ.

މި ގުރޫޕްގައި ރޫމޭނިއާ ކުޅުނު ފުރަތަމަ މެޗުގައި ޔޫކްރެއިން އަތުން އެ ޓީމު ވަނީ 3-0 އިން މޮޅުވެފަ އެވެ. މިއީ 24 އަހަރުގެ ތެރޭގައި ޔޫރޯގެ މެޗަކުން ރޫމޭނިއާ މޮޅުވި ފުރަތަމަ ފަހަރެވެ. މިރޭގެ މެޗުން، ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި އޮތް ބެލްޖިއަމް އަތުން ރޫމޭނިއާ މޮޅުވެއްޖެނަމަ އެ ޓީމަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާނެ އެވެ.

އިއޮޑަނެސްކޫ ބުނީ ފުރަތަމަ މޮޮޅާ އެކު ރުމޭނިއާ ސަޕޯޓަރުން ޓީމާމެދު ކުރާ އުންމީދުތައް މަތިވުމަކީ އެ ޓީމަށް ލިބޭ ޕްރެޝަރެއް ނޫން ކަމަށާއި އެއީ ހިތްވަރެއް ކަމަށެވެ.

"މުޅި ގައުމުގެ ޓީމުގެ ފަހަަތުގައި އޮތުމަކީ އަހަރަމެންނަށް ލިބޭ އިތުރު ހިތްވަރެއް،" އިއޮޑަނެސްކޫ ބުންޏެވެ.

އިއޮޑަނެސްކޫ ބުނީ ބެލްޖިއަމް އަކީ މޮޅެތި ކުޅުންތެރިންތަކެއް ތިބި، ވަރުގަދަ ޓީމެއް ކަމަށެވެ. އެކަމަކު ރުމޭނިއާ އިން ނުކުންނާނީ މޮޅެއް ހޯދަން ކަމަށެވެ.

"މޮޅަކާ އެކު އަހަރަމެންނަށް ދެ ވަނަ ބުރުން ޖާގައެއް ލިބޭ. އެހެންވީމަ މޮޅެއް ހޯދަން މަސައްކަތް ނުކުރަންވީ ކީއްވެ؟،" އިއޮޑަނެސްކޫ ބުންޏެވެ.

ރުމޭނިއާގެ ޑިފެންޑަރު، ރަޑޫ ޑްރަގޫސިން ބުނީ އާންމު ގޮތެއްގައި ގިނަ ފަހަރު ފުޓްބޯޅައިގައި ޕޭޕަރުގައި މާ މޮޅުކޮށްފައި އޮންނަ ޓީމަކާ ދެކޮޅަށް ދެން ނުކުންނަ ޓީމަށް ލިބެނީ އާދަޔާހިލާފު ހިތްވަރެއް ކަމަށެވެ. އަދި ބެލްޖިއަމްއާ ދެކޮޅަށް ރުމޭނިއާ އިން އެ ހިތްވަރުގައި ނުކުމެ ނަތީޖާ ނެރެވިދާނެ ކަމަށް ޑްރަގޫސިން ގަބޫލުކުރެ އެވެ.

"އަހަރެމެންގެ ހުރި ހުރިހާ އެއްޗެއް ދަނޑުމަތީގައި ދައްކަން ބޭނުންވަނީ،" ޑްރަގޫސިން ބުންޏެވެ.

ބެލްޖިއަމް އާއި ރުމޭނިއާ 12 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވެސް ފަސް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވެފައިވެ އެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2012 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ ފަހަރު 2-1 އިން މޮޅުވީ ރުމޭނިއާ އެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.