Advertisement

މަސައްކަތްކުރާ އުމުރުފުރާގެ ކޮންމެ އަށް ދިވެހިންގެ ތެރެއިން އެކަކީ ސިވިލް ސާވަންޓެއް

22 ޖޫން 2024 - 12:40 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ބޭއްވި ހިނގާލުން. ރާއްޖޭގެ އެންމެ ގިނަ ބަޔަކު ވަޒީފާ ކުރަމުންދާ އެއް ދާއިރާއަކީ ސިވިލް ސާވިސް --- ފޮޓޯ: މިރާން ނާޝިމް/އަދަދު


މަސައްކަތްކުރާ އުމުރުފުރާގެ ކޮންމެ އަށް ދިވެހިންގެ ތެރެއިން އެކަކީ ސިވިލް ސާވަންޓެއް

22 ޖޫން 2024 - 12:40 0

ރާއްޖޭގެ އާބާދީގައި ހިމެނޭކަމަށް 2022 ގެ ބޯހިމެނުމުން ދައްކާ މަސައްކަތް ކުރާ އުމުރުފުރައިގެ 262,670 ދިވެހިންގެ ކޮންމެ އަށް މީހެއްގެ ތެރެއިން އެކަކު މަސައްކަތް ކުރަނީ ސިވިލް ސާވިސްގައިކަން އެ ކޮމިޝަނުން "އަދަދު" ނޫހާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަސައްކަތް ކުރާ އުމުރުފުރާގެ ގޮތުގައި ރާއްޖޭގައި ބަލަނީ 15-64 އަހަރާ ދެމެދު އެވެ. ރިޓަޔަމެންޓު އުމުރަކީ އަދި 65 އަހަރެވެ. އެންމެފަހުން ރާއްޖޭގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން އެނގޭ ގޮތުގައި އެ އުމުރުފުރާގައި 128,760 އަންހެނުންނާއި 133,910 ފިރިހެނުން އެބަތިއްބެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން އެދިގެން ސިވިލް ސާވިސް ކޮމިޝަނުން ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މެއި 2024 ގެ ނިޔަލަށް އެ ސާވިސްގައި 30,287 މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން 67.5 އިންސައްތައަކީ އަންހެން މުވައްޒަފުން ކަމަށްވާއިރު ބާކީ 32.5 އިންސައްތައަކީ ފިރިހެން މުވައްޒަފުންނެވެ.

މީގެ ފަސް އަހަރު ކުރިން އެ ސާވިސްގައި ތިބީ 23,647 މުވައްޒަފުންނެވެ. 2023 ނިމުނުއިރު ތިބި 30,127 މުވައްޒަފުންނާ އެކު ފަސް އަހަރުގެ ތެރޭ ސިވިލް ސާވިސްގެ ސައިޒު ވަނީ 27.4 އިންސައްތައިން އިތުރުވެފަ އެވެ. އޭގެ ތެރެއިން މިދިޔަ ފަސް އަހަރު 349 މުވައްޒަފުން ޕޭ ލީވް ނެގި އެވެ.

މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ގާތްގަނޑަކަށް 1,500 މީހުން ސިވިލް ސާވިސްއިން ވަކިވެ އެވެ. އަދި, އެވްރެޖުކޮށް 5,850 މުވައްޒަފުން ސިވިލް ސާވިސްއާ ކޮންމެ އަހަރަކު ގުޅެ އެވެ.

ސިވިލް ސާވިސްގައި މިދިޔަ 2023 ގެ ނިޔަލަށް 55 އަހަރުން މަތީގެ 3,140 މުވައްޒަފުން މަސައްކަތް ކުރި އެވެ. ފަސް އަހަރުގެ ތެރޭ އެވްރެޖުކޮށް 278 މީހުން ސިވިލް ސާވިސްއިން ރިޓަޔާކުރި އެވެ.

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މިދިޔަ ފަސް އަހަރު މަތީ ތައުލީމު ހާސިލު ކުރުމަށް ޗުއްޓީ ނެގީ 518 މުވައްޒަފުންނެވެ. އެ ސާވިސްގައި މަސައްކަތް ކުރަމުން މަތީ ތައުލީމަށް ޗުއްޓީގެ ފުރުސަތު ލިބުނީ އެންމެ 1.71 އިންސައްތަ މުވައްޒަފުންނަށެވެ.

ރާއްޖޭގެ މުޅި ވޯކްފޯސްގެ 11.53 އިންސައްތަ މަސައްކަތް ކުރަނީ ސަރުކާރުގެ ސިވިލް ސާވަންޓުންގެ ގޮތުގަ އެވެ. މިއީ ދުނިޔޭގެ ބައެއް ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ސިވިލް ސާވަންޓުން އާބާދީގައި ހިމެނޭ ނިސްބަތާ އެއްވަރުގެ އަދަދެކެވެ.