Advertisement

ޖޯޖިއާ އަށް ވުރެ ޗެކް ރިޕަބްލިކަށް އޮތް ޕްރެޝަރު ބޮޑު

22 ޖޫން 2024 - 07:56 0


ޖޯޖިއާ އަށް ވުރެ ޗެކް ރިޕަބްލިކަށް އޮތް ޕްރެޝަރު ބޮޑު

22 ޖޫން 2024 - 07:56 0

ހެމްބާގް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭގެ މެޗަށް ނުކުންނައިރު، ޖޯޖިއާ އަށް ވުރެ މޮޅުވުމުގެ ޕްރެޝަރު ޗެކް ރިޕަބްލިކަށް އޮތް ކަމަށް ގަބޫލުކުރާ ކަމަށް އެ ޓީމުގެ ކޯޗު އިވާން ހަސެކް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ޗެކް ރިޕަބްލިކް ކުޅުނު ފުރަތަމަ މެޗުގަައި ވަނީ ފަހު ވަގުތު 2-1 އިން ޕޯޗުގަލް އަތުން ބަލިވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުން ތުރުކީން ވަނީ 3-1 އިން ޖޯޖިއާ ބަލިކޮށްފަ އެވެ.

ތުރުކީ އާއި ޕޯޗުގަލް މިރޭ ކުޅޭ މެޗު އެއްވަރުވެއްޖެނަމަ، ޖޯޖިއާ އާއި ޗެކް ރިޕަބްލިކް މެޗުން ބަލިވާ ޓީމެއް މުބާރާތުން ކެޓީ އެވެ. މިހާތަނަށް މުބާރާތުން ކެޓި ހަމައެކަނި ޓީމަކީ ޕޮލެންޑް އެވެ.

ފުރަތަަމަ މެޗުން ބަލިވެފައި އޮތުމުން، ޖޯޖިއާ އާއި ޗެކް ރިޕަބްލިކަށް ވެސް ދެ ވަނަ މެޗުގައި މިރޭ ބައްދަލުކުރާއިރު، ފަސޭހަކޮށްލައިގެން ކަމެއް ކުރެވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެކަމަކު، ޗެކް ރިޕަބްލިކްގެ ކޯޗު ހަސެކް ދެކޭގޮތުގައި މޮޅުވުމުގެ ޕްރެޝަރު ބޮޑީ ޗެކް އަށެވެ.

"ޖޯޖިއާ އަށް ވެސް އަހަރެމެންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެ، މި މެޗުން އަހަރެމެން ބަލިވެވެން ނެތް ކަން. އެއީ، މިއީ ޖޯޖިއާގެ ފުރަތަމަ މުބާރާތް، އަހަރެމެން މުބާރާތްތަކުގައި ފެނިފައިވާ ޓީމެއް. އުންމީދުތަކާއި ގިނަ ބަޔަކު މޮޅުވާނެ ކަަމަށް ބަލާނެ ޓީމަކީ އަހަރެމެން، އެހެންވެ އެ ޕްރެޝަރު އޮންނާނެ." ހަސެކް ބުންޏެވެ.

އޭނާ ބުނީ މޮޅުވާން ދެ ޓީމަށް ވެސް މުހިންމު މެޗެއް ކަމުގައި ވިޔަސް މި މެޗުގައި މާ ވަރުގަދަ ކަންތައްތަކެއް ފެންނާނެ ކަމަށް ނުބެލެވެ އެވެ. އެއީ، ދެ ޓީމުން ވެސް ފުރަތަމަ އިސްކަން ދޭނީ ޑިފެންސް ހިފަހައްޓަން ކަމަށް ފެންނާތީ އެވެ.

ހަސެކް ބުނީ ޖޯޖިއާ ޓީމުގައި ޗެކް ރިޕަބްލިކުން ސަމާލުވާން ޖެހޭނެ ލެވަލްގެ ކުޅުންތެރިން އެބަތިބި ކަމަށެވެ. އެ ގޮތުން، ޖޯޖިއާ އިން އާޖެންޓީނާގެ ލެޖެންޑް، ޑިއޭގޯ މަރަޑޯނާގެ ނަމާ ގުޅުވައިގެން މަޝްހޫރުކޮށްފައިވާ ކްވިޗާ ކްރަވަޝްކޭލިއާ (ކްވަރަޑޯނާ) އަށް ޗެކް ރިޕަބްލިކުން ވެސް ސަމާލުވާނެ ކަމަށް ހަސެކް ވަނީ ބުނެފަ އެވެ.

ޗެކް ރިޕަބްލިކްގެ ކެޕްޓަން، ތޯމަސް ސޫޝެކްގެ ފިޓްނަސް މައްސަލަ އުޅޭ ކަމަށް ދެކެވޭ ވާހަކަ ހަސެކް ވަނީ ދޮގުކޮށްފަ އެވެ.

ޖޯޖިއާ އާއި ޗެކް ރިޕަބްލިކް ކުޅޭ މެޗު ފަށާނީ މިރޭ 6 ޖަހާއިރު އެވެ.