ޑަސަލްޑޯފް (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ސްލޮވާކިއާ މޮޅުވިޔަސް އަދި އެއްވެސް ކަމެއް ހާސިލްނުވާ ކަމަށާއި އެ ޓީމުގެ އަމާޒަކީ ގަދަ 16 އިން ޖާގަ ހޯދުން ކަމަށް އެ ޓީމުގެ ކޯޗު ފްރަންޗެސްލޯ ކަލްޒޯނާ ބުނެފި އެވެ.
ގުރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުގައި ސްލޮވާކިއާ ވަނީ މި ގުރޫޕްގެ ފޭވަރިޓް އަދި ދުނިޔޭގެ ރޭންކިންގެ ތިން ވަނަ ޓީމު ކަމަށްވާ ބެލްޖިއަމް އަތުން 1-0 އިން މޮޅުވެފަ އެވެ.
މި ގުރޫޕްގައި މިރޭ ޔޫކްރެއިނާ ދެކޮޅަށް ކުޅޭ މެޗުން ސްލޮވާކިއާ މޮޅުވެއްޖެނަމަ، އެ ޓީމަށް ގަދަ 16ގެ ޖާގައެއް ކަށަވަރުވާނެ އެވެ. މިހާތަނަށް މި މުބާރާތުގައި ގަދަ 16 ޔަގީންކުރީ ޖަރުމަނާއި ސްޕެއިން އިންނެވެ.
ކަލްޒޯނާ ބުނީ ފުރަތަމަ މެޗުން މޮޅުވެގެން ހާސިލްކުރެވުނު ކަމެއް ނެތް ކަމަށާއި އެ ޓީމުގެ އަމާޒަކީ ނޮކައުޓް ބުރަށް ދަތުރުކުރުން ކަމަށެވެ.
"އަހަރަމެންނަށް އަދި މި ލިބުނީ ތިން ޕޮއިންޓް. ތިން ޕޮއިންޓަކުން ގަދަ 16ގެ ޖާގައެއް ނުލިބޭނެ،" ކަލްޒޯނާ ބުންޏެވެ.
"ބެލްޖިއަމް އަތުން މޮޅުވެގެން އުފާފާޅުކުރަންޖެހޭ މާ ބޮޑު ކަމެއް ނެތް. އެއީ އަހަރެންގެ އަމާޒު ހާސިލްކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭތީ."
މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެގެންވެސް ގަދަ 16 އަށް ދަތުރު ނުކުރެވުމަކީ ސްލޮވާކިއާ އިން ކުރިން ތަޖުރިބާކުރި ކަމެކެވެ. ޔޫރޯ 2020ގައި ސްލޮވާކިއާ ކުޅުނު ފުރަތަމަ މެޗުގައި ޕޯލެންޑް އަތުން މޮޅުވި ނަމަވެސް، ދެން ކުޅުނު ދެ މެޗުގައި ސްޕެއިން އާއި ސްވިޑެން އަތުން ބަލިވެ އެ ޓީމު ވަނީ ކަޓައިފަ އެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ރޫމޭނިއާ އަތުން 3-0 އިން ބަލިވެފައި އޮތުމުން މިރޭގެ މެޗުން ޔޫކްރެއިން އަށް ވެސް މޮޅެއް ބޭނުންވެ އެވެ.
ޔޫކްރެއިނާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ތިން މެޗުން ސްލޮވާކިއާ ވަނީ ބަލިވެފަ އެވެ. ދެ މެޗުން ސްލޮވާކިއާ މޮޅުވިއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. މިއީ މި ދެ ޓީމުން މުބާރާތެއްގައި ބައްދަލުކުރާ ފުރަތަމަ ފަަހަރެވެ. މިއަދު މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 6 ޖަހާއިރު އެވެ.
Comment