20 ޖޫން 2024 - 20:06 0
20 ޖޫން 2024 - 20:06 0
މިއުނިކް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ލޫކަ ޖޯވިޗް ފަހު މިނިޓްގައި ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، ސާބިއާ އިން ސްލޮވީނިއާއާ އެއްވަރުކޮށްފި އެވެ
މި ނަތީޖާއާ އެކު، ސްލޮވީނިއާ އިން ޔޫރޯ ތާރީހުގައި ފުރަތަމަ މޮޅު ހޯދަން އިތުރު އިންތިޒާރެއް ވަނީ ކުރަން ޖެހިފަ އެވެ. ސްލޮވީނިއާ ވަނީ ފުރަތަމަ މެޗުގައި ޑެންމާކާ 1-1 އިން އެއްވަރުކޮށްފަ އެވެ. ސާބިއާ އިން ވަނީ ފުރަތަމަ މެޗުގައި އިންގްލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސާބިއާގެ ފޯވާޑް ލައިން ލީޑުކުރަމުންދިޔަ، އަލެކްސަންޑަ މިޓްރޮވިޗާއި ޑޫސާން ވްލާހޮވިޗް އަށް ލިބޭ ފުރުސަތުތަކުގައި ސްލޮވީނިއާ ޑިފެންޑަރުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
އެ ގޮތުން ސާބިއާގެ ވްލާހޮވިޗް އާއި މިޓްރޮވިޗް ފުރަތަމަ ހާފުގައި ޖެހި ބޯޅަތައް ސްލޮވީނިއާގެ ކީޕަރު ޔެން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
ކައުންޓަ އެޓޭކުގައި ސްލޮވީނިއާ އިން ވެސް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލި އެވެ. އެ ގޮތުން، އެ ޓީމުގެ ޓިމީ އެލްސްނިކް ޖެހި ޝޮޓެއް ދަނޑިއަށް އަމާޒުވިއިރު، ރީބައުންސަށް އައި ބޯޅަ ބެންޖަމިން ސެސްކޯ އަށް ލިބުމުން ފޮނުވާލި ނަމަވެސް ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ލަނޑު ޖެހުމަށް ފަހު ސްލޮވީނިއާގެ ކާނިޗްނިކް އުފާފާޅުކުރަނީ.---
ސްލޮވީނިއާ އިން ދެ ވަނަ ހާފު ފަށައިގެން ވެސް ގޯލެއް ޖެހޭތޯ ކުރަމުން އައި މަސައްކަތް 68 ވަނަ މިނިޓްގައި ކާމިޔާބުވި އެވެ. އެލްސްނިކް ނަގައިިދިން ހުރަހަކަށް ހުސްކޮށް އަރައި ޒޭން ކާނިޗްނިކް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އޭގެ ފަސް މިނިޓް ފަހުން، ސާބިއާ އިން ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، އޭރިއާތެެރެއަށް އައި ބޯޅައެއްގައި މިޓްރޮވިޗް ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެެވެ. ސާބިއާ އިން ފުލުފުލުގައި ގިނަ އެޓޭކްތަކެއް ކުރަމުންދިޔައިރު، ވަގުތު ބޭކާރުކުރަން އުޅޭތީ ސްލޮވީނިއާ ކުޅުންތެރިންނަށް ކާޑު ވެސް ދެއްކި އެވެ.
އިތުރު ވަގުުތުގެ ފަހު މިނިޓްގައި ކޯނަރަކުން ހުރަސްވި ބޯޅަ، ޖޯވިޗް ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ. މި މެޗުގައި ބަދަލަކަށް ކުޅެން އަރައި ޖޯވިޗް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
ސާބިއާ އާއި ސްލޮވީނިއާ މި ވަނީ ނުވަ ފަހަރު ބައްދަލުކޮށްފަ އެވެ. މިއަދުގެ ނަތީޖާއާ އެކު، ޖުމްލަ ހަތް މެޗު އެއްވަރުވިއިރު، ކޮންމެ ޓީމެއް ވަނީ އެއް މެޗުން މޮޅުވެފަ އެވެ.
Comment