Advertisement

ކޯޗު މަރުވުމުން މެޗު ހުއްޓާލައިފި

4 ނޮވެންބަރު 2025 - 23:54 1


ކޯޗު މަރުވުމުން މެޗު ހުއްޓާލައިފި

4 ނޮވެންބަރު 2025 - 23:54 1

ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 4) - ސާބިއަން ސުޕަ ލީގުގެ މެޗެއްގެ ތެރެއިން، ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އެފްކޭ ރަޑްނީކީގެ ކޯޗު މްލަޑެން ޒިޒޯވިޗް މަރުވި ހަބަރާ އެކު މެޗު ހުއްޓާލައިފި އެވެ.

ރަޑްނީކީ އާއި މްލަޑޯސްޓް ކުޅުނު މެޗުގެ ތެރެއިން، އުމުރުން 44 އަހަރުގެ ޒިޒޯވިޗްގެ ހާލު ދެރަވެގެން، ދަނޑުގެ އަރިމަައްޗަށް ވެއްޓުމުން، އޭނާ އަށް ފަރުވާދިނުމަށް ފަހު، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި، ހޮސްޕިޓަލަށް ޒިޒޯވިޗް ގެންދިޔަ ވެހިކަލް ދަނޑުން ދިއުމާ އެކު، މެޗު އަލުން ފެށި އެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ޒިޒޯވިޗް، މަރުވި ހަބަރު ލިބުމާ އެކު، މެޗު ވަގުތުން ހުއްޓާލި އެވެ.

ބޮސްނިއާ ގައުމީ ޓީމަށް ކުރިން ކުޅުނު ޒިޒޯވިޗް، ރަޑްނީކީގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.

ޒިޒޯވިޗްގެ މަރުގެ ހަބަރާ އެކު، ބޮސްނިއާގެ ފުޓްބޯޅަ ފެޑެރޭޝަން އާއި ސާބިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މިކަން ހިނގައިދިޔަ ގޮތުގެ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި، ދެ ފެޑެރޭޝަނުން ވެސް ވަނީ ޒިޒޯވިޗަކީ ފުޓްބޯޅައިގެ ބޮޑު ހިދުމަތްތެރިއެއް ކަމަށް ބުނެ، ތައުޒިޔާގެ މެސެޖުތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޒިޒޯވިޗް މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.