16 ޖޫން 2024 - 09:45 0
16 ޖޫން 2024 - 09:45 0
މިއުނިކް (ޖޫން 16) - ޔޫރޯގެ ގުރޫޕް ސީގައި މިރޭ އިންގްލެންޑާ ދެކޮޅަށް ސާބިއާ ނުކުންނައިރު، ސާބިއާ އިން ހަމައެކަނި އިސްކަންދޭނީ ޑިފެންސް ކުރުމަކަށް ނޫން ކަމަށާއި އެޓޭކްކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޑްރަގަން ސްޓޮޖްކޯވިޗް ބުނެފި އެވެ.
މި ގުރޫޕްގައި ފޭވަރިޓުންގެ ގޮތުގައި އޮތީ އިންގްލެންޑެވެ. ފުރަތަމަ މެޗުގައި އިންގްލެންޑާ ދެކޮޅަށް ސާބިއާ ނުކުންނައިރު، ސާބިއާގެ ކޯޗު ސްޓޮޖްކޯވިޗް ބުނީ ސާބިއާ އިން ނުކުންނާނީ އިންގްލެންޑަށް އެޓޭކްވެސް ކުރަން ތައްޔާރުވެގެން ކަމަށެވެ.
"އަހަންނަށް ހީވަނީ މިއީ ވަރަށް އޯޕަން މެޗަކަށް ވާނެހެން. ސާބިއާ އިން ފަހަތަށް ޖެހިގެން ނުތިބޭނެ އިންގްލެންޑް ކުޅޭތަން ބަލާކަށް. އެކަމަކު ސާބިއާ އިން ބަލާނީ އިންގްލްންޑަށް އުނދަގޫ ކުރެވޭތޯ،" ކުރީގެ ޔޫގޮސްލާވިއާގެ ގައުމީ ޓީމަށް ކުޅުނު ސްޓޮޖްކޯވިޗް ބުންޏެވެ.
"އަހަރަމެންނަށް ލަނޑެއް ޖެހިއްޖެނަމަ ދެން ބަލާނީ ދެ ވަނަ ލަނޑެއް ޖަހަން."
މިއީ ސާބިއާގެ މިނިވަން ދައުލަތެއް އުފެދުނު ފަހުން ޔޫރޯގައި އެ ގައުމު ވާދަކުރާ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2000 ވަނަ އަހަރު ޔޫރޯގައި ސާބިއާ އިން ވާދަކުރީ ޔޫގޮސްލާވިއާގެ ބައެއްގެ ގޮތުގައެވެ.
ސާބިއާގެ މިނިވަން ދައުލަތެއް އުފެދުނު ފަހުން އެ ޓީމުން ވޯލްޑް ކަޕްތަކުގައި ކުޅެފަ އެވެ. އެންމެ ފަހުން އޮތް ހަތަރު ވޯލްޑް ކަޕްގެ ތެރެއިން ތިން ވޯލްޑް ކަޕްގައި ސާބިއާ ވާދަކުރިއެވެ.
ސްޓޮޖްކޯވިޗް ބުނީ ޔޫރޯގައި ކުޅުމަށް ސާބިއާ އިން ކުރީ ދިގު އިންތިޒާރެއް ކަމަށާއި ރަނގަޅު ނަތީޖާއެއް މި މުބާރާތުން ހޯދަން ބޭނުން ކަމަށެވެ.
"މިހާރު މި ޓީމުގައި ތިބި ބައެއް ކުޅުންތެރިން އުފަންވެސްް ނުވޭ އެންމެ ފަހުން ސާބިއާ (ކުރީގެ ޔޫގޮސްލާވިއާ) ޔޫރޯގައި ކުޅުނުއިރު. މިއީ ސާބިއާއަށް ހައްގު ކަމެއް. ވަރަށް މަސައްކަތްކޮށްގެން ސާބިއާ މިހާރު އޮތީ އެންމެ މަތީ ފަންތީގައި،" ސްޓޮޖްކޯވިޗް ބުންޏެވެ.
އިންގްލެންޑާއި ސާބިއާގެ 15 ކުރިމަތިލުމުގެ ތެރެއިން 14 މެޗުގައި، ކުޅެފައިވަނީ ޔޫގޯސްލާވިއާގެ ނަމުގައި އޮތްއިރު އެވެ. ދެން ކުޅުނު، މެޗަކީ، 2003 ވަނަ އަހަރު ސާބިއާ އެންޑް މޮންޓަނެގްރޯގެ ނަމުގައި އެ ޓީމު އޮއްވައި، ކުޅުނު އެކުވެރިކަމުގެ މެޗެކެވެ. އެ މެޗުން އިންގްލެންޑް މޮޅުވީ 2-1 އިންނެވެ.
ޔޫރޯގައި އިންގްލެންޑާއި ސާބިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.
Comment