މިލާން (ޖޫން 13) - އިޓަލީގެ ގަދަބާރު އޭސީ މިލާންގެ ކޯޗަކަށް ޕައޮލޯ ފޮންސޭކާ ހަމަޖައްސައިފި އެވެ.
ފަސް އަހަރަށް ފަހު މިލާންގެ ކޯޗުކަމުން ސްޓެފާނޯ ޕިއޯލީ ވަކިކިއިރު، އަލަށް އެ ޓީމަށް ގެނައި ކޯޗު ފޮންސޭކާ މިދިޔަ ސީޒަނުގައި ހުރީ ފްރާންސްގެ ލިލްގަ އެވެ.
ޕޯޗުގީސް ކޯޗު، ފޮންސޭކާ، 51، ލިލް އަށް 2022 އިން 2024 އަށް ކޯޗުކޮށްދިނުމަށް ފަހު މިލާނާ ހަވާލުވެފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.
ލިލް މިދިޔަ ސީޒަނުގައި ފްރެެންޗް ލީގު ނިންމާލީ ހަތަރު ވަނައިގަ އެވެ. އެހެންވެ، އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ސީދާ ޖާގައެއް ނުލިބުނެވެ. މިލާނުގެ ކޯޗުކަމުން ޕިއޯލީ ވަކިވިއިރު، އެ ޓީމުން މިދިޔަ ސީޒަން ނިންމާލީ ލީގުގެ ހަތަރު ވަނައިގަ އެވެ.
މީގެ ވިއްސަކަށް އަހަރު ކުރިން ކޯޗިން ކެރިއަރު ފެށި ފޮންސޭކާ، ވަނީ މިދިޔަ ސީޒަނުގައި ލިލްއާ އެކު ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅެ، ކުއާޓާ ފައިނަލުން ކަޓައިފަ އެވެ.
އިޓަލީގެ ރޯމާ އާއި ޕޯޗުގަލްގެ ޕޯޓޯ އަދި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކްގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ ފޮންސޭކާ އަކީ ކާމިޔާބީ އަށް ބަލާއިރު ފާހަގަކޮށްލެވޭ ކޯޗެކެވެ. އެ ގޮތުން ފޮންސޭކާގެ އެންމެ ގިނަ ކާމިޔާބީ ގުޅިފައި އޮތީ ޝަހުތަރުއާ އެވެ. އޭނާ ވަނީ އެ ޓީމާ އެކު، ޔޫކްރެއިން ޕްރިމިއާ ލީގު ތިން ފަަހަރު، ޔޫކްރެއިން ކަޕް ތިން ފަހަރު އަދި ޔޫކްރެއިން ސުޕަ ކަޕް އެއް ފަަަހަރު ކާމިޔާބުކޮށްފަ އެވެ.
ޕޯޗުގީސް ފުޓްބޯޅައިގައި ޕޯޓޯގެ އިތުރުން ބްރާގާއާ އެކު މަސައްކަތްކުރިއިރު، ދެ ޓީމާ އެކު ވެސް ތަށި ހޯދައިފައިވެ އެވެ.
Comment