Advertisement

ބިންވެރިޔާ ސްކީމުން ދޫކުރި ބައެއް ގޯތި އިމާރާތް ކުރުން ކުރިއަށް އެބަދޭ: ޣަފޫރު

5 ޖޫން 2024 - 07:54 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ހުޅުމާލެ: ބިންވެރިޔާ ސްކީމުން ހުޅުމާލެ، ގުޅިފަޅު، ގިރާވަރުން ގޯތި ދޫކުރި.


ބިންވެރިޔާ ސްކީމުން ދޫކުރި ބައެއް ގޯތި އިމާރާތް ކުރުން ކުރިއަށް އެބަދޭ: ޣަފޫރު

5 ޖޫން 2024 - 07:54 0

އެމްޑީޕީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ދޫކުރި ބައެއް ގޯތިތައް ވެރިފަރާތާ ހަވާލުކޮށް، އޭގެ ތެރެއިން ބައެއް ގޯތި އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް، އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސް ދުވަސް ތެރޭގައި ހަވާލު ކުރުން ސަރުކާރަށް ލާޒިމުވާ ގޮތަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލެއްވުމާ ގުޅިގެން އެ މައްސަލައިގެ ބަހުސްގައި އިއްޔެ ޣަފޫރު ވިދާޅުވީ މާލޭ ރައްޔިތުންގެ ގޯތީގެ މައްސަލައަކީ ވަރަށް ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރުމަކީ ދަތި ކަމެއް ކަމަށް މިހާރު ސަރުކާރުން ބުނި ނަމަވެސް، އެއީ ނުވާނެ ކަމެއް ކަމަށް ކުރިން ބުނެފައި ނެތް ކަމަށެވެ.

"ބިލްގައި ބައެއް މައްސަލަތައް ހުރި ކަމަށް ވިދާޅުވަނީ، މުއްދަތާއި އެހެނިހެން ކަންތައްތައް. ދެން މީގައި އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ މީގެ ތެރެއިން ބައެއް ގޯތިތައް ބައެއް ފަރާތްތަކާ ހަވާލު ކުރެވި ބައެއް ގޯތިތަކުގައި ދިރިވެސް އުޅެމުން އަޅުގަނޑަށް ހީވަނީ ގެންދޭހެން އެބަ. އަދި އެ ގޯތި އިމާރާތްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" ޣަފޫރު ވިދާޅުވި އެވެ.

"އެހެންވީމާ މި ކަމަކީ މާލޭގެ ރައްޔިތުންނަށް ޓަކައި މި މަޖިލީހުން ކޮށްދޭން ޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ގަބޫލުކުރަން."

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން، ބިންވެރިޔާ ސްކީމުން މިހާރު ގޯތި ދީފައިވާ ގޮތަށާއި ހިލޭ ދީފައިވާތީ ފާޑުވިދާޅުވި އިރު، އެކަމަށް ރައްދެއްގެ ގޮތުގައި ޣަފޫރު ވިދާޅުވީ މާލެއިން އަދި އެހެން ރަށަކުން ބިން ހިއްކިޔަސް ހިއްކުމުގެ އަގު އެއްވަރު ކަމަށެވެ. އެހެންވެ، އެހެން ރަށްތަކުގެ ރަށްވެހިންނަށް ރަށްވެހިވެފައިވާ ރަށުން ހިލޭ ގޯތި ލިބުމުގެ ފުރުސަތު އޮންނަ ފަދައިން މާލޭގެ ރައްޔިތުންނަށް ވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ބައެއް ގޯތި އިމާރާތްކުރަމުންދާ ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް، އެކަމަށް މިހާތަނަށް ސަރުކާރުން، އަދި އެޗްޑީސީން ރައްދެއް ދީފައެއް ނުވެ އެވެ.

ބިމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ އެ ބިލް ތަސްދީގު ކުރަން ނުފެންނަ ކަމަށް މަޖިލީހުން އިއްޔެ ވަނީ ނިންމައިފަ އެވެ. ނަމަވެސް، އެމްޑީޕީގެ މެންބަރުން އެ ހުށަހެޅުމަށް ވޯޓެއް ނުދެއްވަ އެވެ. އެމްޑީޕީން ތާއިދު ކުރީ ބިލް ކޮމިޓީއަކަށް ގެންގޮސް، ހުރި މައްސަލަތައް ހައްލު ކުރުމަށެވެ.

ސައުދާ ވިދާޅުވީ ބިންވެރިޔާ ސްކީމަކީ ޖަރީމާއެއް ކަމަށް

އިއްޔެގެ ބަހުސްގައި ނިލަންދޫ ދާއިރާގެ މެންބަރު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު ފާތިމަތު ސައުދާ ވިދާޅުވީ ބިންވެރިޔާ ސްކީމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ. -- ފޮޓޯ: ރައްޔިތންގެ މަޖިލީހުގެ އިދާރާ


"ރައްޔިތުންގެ އިހުސާސްތައް ދަންނަ ކަމަށް، ރައްޔިތުން އުޅޭ ހާލު އޭނގޭ ކަމަށް ދައުވާކުރަމުން މި ކަންތައްތަކަށް ހައްލެއް ހޯދައިދިނުމުގެ ނަމުގައި މި ދިޔަ ސަރުކާރުން ކޮށްފައި، މި ހިންގާފައި މިވަނީ ވަރަށް ބޮޑު ޖަރީމާއެއް ގޮތުގައި އަޅުގަނޑު ބޭނުން ސިފަކޮށްލަން ހަމަ. އެއީ މިހެން މި ދަންނަވަނީ ހަގީގަތުގައި ނެތް ތަނަކުން، ނެތް އެއްޗެއް ރައްޔިތުންނަށް ތިމަންނަމެން ދީފީމޭ، ތިކަމުގެ ހައްލެއްގެ ގޮތުގައި، މިހެން ބުނެ ހިންގާފައި މި އޮތީ ހަމަ ޖަރީމާއެއް. މިއީ ވަރަށް ބޮޑު އޮޅުވައިލުމެއް،" ސައުދާ ވިދާޅުވި އެވެ.

އެ ގޮތަށް ގޯތި ދިނުމުން ރައްޔިތުންގެ އުއްމީދުގައި އެއްވެސް ވަރަކަށް ކުލަޖެހުމަކީ ވާނެކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޖުމުލަ ހައްލެއް ލިބޭނެ ބިލެއް މި ސަރުކާރުން ތައްޔާރުކޮށްފައިވާ ކަމަށް ސައުދާ ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ވެރިފަރާތްތަކަށް ލިބޭނެ ދުވަހެއް މިހާރު ނޭނގޭއިރު، ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ގޯތި ވިޔަސް ފްލެޓް ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ ކަމަށެވެ.

"ސަރުކާރަކުން ކޮންމެ ގޮތަކަށްވިޔަސް އެވަނީ ރައްޔިތުންތަކަކަށް ރައްޔިތުންނަށް އެންމެ މުހިންމު ކަންތަކުގައި އުންމީދެއް ދީފައި، ފްލެޓް ވިޔަސް، ގޯތި ވިޔަސް، ލިޔުންތަކެއްވިޔަސް އަދި ކޮންމެ ގޮތަކަށް ވިޔަސް، ގެޒެޓް އިއުލާނެއް ކޮށްގެން ވިޔަސް ވަނީ އުންމީދެއް ދީފައި، އަޅުގަނޑުގެ ވިސްނުމަކީ އަޅުގަނޑު ގަބޫލްކުރާ ހަމައަކީ ރައްޔިތަކަށް ސަރުކާރަކުން ދީފި އެއްޗެއް އަތުލައިގެން ނުވާނޭ. ގޯތި ވިޔަސް ފްލެޓް ވިޔަސް، ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނޭ،" އޯގަސްޓް 10، 2023 ގައި އޭރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭ މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް 9،003 ގޯތި ދޫކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ބިން ލިބުނު ކަމުގެ ލިޔުން މިހައިތަނަށް ހަވާލު ކޮށްފައި ވަނީ 8،394 މީހުންނަށެވެ. މިހާރުގެ ސަރުކާރުން ވަނީ ބިން ލިބުނު ކަމުގެ ލިޔުން ނުލިބޭ މީހުންނަށް ލިޔުން ހަވާލު ކުރުމަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމައިފަ އެވެ.