5 ޖޫން 2024 - 13:12 0
ލީވާން އަލީ ނާސިރު
5 ޖޫން 2024 - 13:12 0
ރ. އުނގޫފާރުގައި މެއި 23، ގައި 18 އަހަރުގެ ޒުވާނަކާއި ދެ ކުޑަކުއްޖަކު ކަރަންޓުގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގި އެވެ. އެ ހާދިސާގައި އަށް އަހަރާއި 12 އަހަރުގެ ކުއްޖާއަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެ ދުވަހު ދޫކޮށްލި އެވެ.
ނަމަވެސް 18 އަހަރުގެ ޒުވާނާގެ ހާލު ސީރިއަސްކަމުން ފުރަތަމަ ވެސް ފަރުވާ ދޭން ޖެހުނީ އެ ރަށު ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އޯޓިސްޓިކް އެ ޒުވާނާ އިތުރު ފަރުވާއަށް ވަނީ މަލެ ގެނެސްފަ އެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
މި ހާދިސާގައި ކުދިން ކަރަންޓުގައި ޖެހުނީ މަގުބައްތިއެއް ކައިރީގައި, ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑެއްގައި ކުޅެން ތިއްބަ އެވެ. ކަރަންޓު ލީކުވަމުންދިޔައީ މަގުބައްތީގެ ހޮޅިދަނޑި ތެރޭގައި ހުރި ކަރަންޓު ނަރެއް ކަނޑައިގެން ގޮސް ހޮޅިދަނޑީގައި ޖެހިފައި ހުރުމުން އެއިންނެވެ. އެހާދިސާގައި ފެންގަނޑަށް ކަރަންޓު އައިސްފައި ހުރި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ. ޒުވާނާ ކަރަންޓުގައި ޖެހުނީ ދެ ކުދިން ސަލާމަތްކުރަން ވެގެން އުޅުމުގެ ތެރޭގައި ހޮޅިދަނޑީގައި އަތްލުމުންނެވެ.
އެހާދިސާ ހިނގުމާ އެކު އިހުމާލުގެ އިނގިލި ފުރަތަމަ ވެސް އެންމެން ދިއްކުރަން ފެށީ އުނގޫފާރަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނަށެވެ. އެއަށްފަހު އެ މަގުބައްތިތައް ބަލަަހައްޓަމުން އަންނަ ކައުންސިލުތަކަށެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ކައުންސިލުތަކުން މަގުބައްތިތައް ރަނގަޅަކަށް ނުބަލަހައްޓަ އެވެ. މަގުބައްތީގައި އާތު ލީކޭޖް ސާކިޓް ބްރޭކާ (އީއެލްސީބީ) ހަރުނުކޮށް ހުންނަ މައްސަލަ ވެސް ފެންމަތިވާން ފެށި އެވެ. އީއެލްސީބީ ހަރުނުކޮށް ހުންނަ ތަންތަނަށް ކަރަންޓު ދިނުމަކީ މަނާ ކަމެކެވެ.
އާންމުކޮށް ރަށެއްގައި މިފަދަ ބޮޑު ކަމެއް ހިނގުމާއެކު އެންމެ ފުރަތަމަ ވެސް އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެން ފަށާނެ އެވެ. ސޯޝަލް މީޑިއާގައި އާންމުން ޝުއޫރު ފާޅުކުރަން ފަށާނެ އެވެ. އެއާއެކު ސަރުކާރަށް އަދި އެހެން ތަންތަނަށް ވެސް އެކަމަކާ ގުޅިގެން ފިޔަވަޅުތައް އަޅަން މަޖުބޫރު ވެގެންދެ އެވެ. އަދި ރައްކާތެރި ނޫން ކަމެއް ނަމަ، އެކަމަކަށް ރައްކާތެރި ފިޔަވަޅު އެޅުމަށް މަޖުބޫރުވާނެ އެވެ.
ދުވަސްކޮޅެއް ކުރިން ހިނގީ ޓްރާންސްފޯމަރުތަކެއް ވަގަށް ނަގަން އުޅުމުގެ ތެރޭގައި މީހަކު ކަރަންޓުގައި ޖެހި މަރުވ ހާދިސާއެކެވެ. އެގޮތަށް ޓްރާންސްފޯމަރުތަކުން ކަރަންޓުގައި ޖެހުން އިތުރުވާތީއާއި މީހަކު މަރުވުމުން ވަގުތުން އެކަމަށް ފިޔަވަޅު އަޅަން މަޖުބޫރުވި އެވެ.
ރާއްޖޭގައި އެކަމެއް ވުމުގެ ކުރިން ރައްކާތެރި ފިޔަވަޅު އެޅުމެއް ނޯވެ އެވެ. އަބަދުވެސް އެކަމެއް ކުރާނީ މީހެއްގެ ފުރާނަ ދިޔުމުން ނުވަތަ އެކަމެއް ބޮއްސުންލާ ހިސާބުންނެވެ.
ކޮންމެއަކަސް އުނގޫފާރުގެ ހާދިސާއާ ގުޅިގެން ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގައި ހުންނަ މަގުބައްތިތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން އެކުންފުންޏަށް މަޖުބޫރުވި އެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ ހާދިސާ ހިނގީ މަގުބައްތިއެއް ޖަހާފައި ހުރި ހޮޅިދަނޑިއެއް ތެރޭގައި ހުރި ކަރަންޓު ނަރެއް ހޮޅިދަނޑީގައި ޖެހިފައި ހުރުމުން ކަމަށާއި އެ ލީކުވެގެން ގޮސް ފެންގަނޑާ ހިސާބަށް ވެސް ގޮސްފައި އޮވެދާނެ ކަމަށެވެ.
އުނގޫފާރުގައި ކަރަންޓު ލީކުވެފައި ހުރި މަގުބައްތީގައި އީއެލްސީބީ ހަރުނުކޮށް ހުރިކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވީ ފެނަކައިން ކަރަންޓުގެ ހިދުމަތް ދޭ ހުރިހާ ރަށެއްގެ މަގު ބައްތީގައި އީއެލްސީބީ ހަރުކޮށްފައި ހުރިތޯ އަދި ހުރި ހާލަތް ދަނެގަތުމަށް އިންސްޕެކްޝަނެއް ހަދަމުން އަންނަ ކަމަށެވެ.
"މުޅި ރާއްޖޭގައި އެބަހުރި އީއެލްސީބީ ހަރުނުކޮށް ހުރި ވަރަށް ބައިވަރު ހޮޅިދަނޑިތައް. އިންސްޕެކްޝަނުން މިވަގުތާ ހަމައަށް ވެސް އެކަން ދަނީ ފާހަގަވަމުން. ފެނަކައިން އަސްލު ނުވާނެ އީއެލްސީބީ ހަރުނުކޮށް ހުއްޓާ ކަރަންޓު ދީގެން،" މުއާޒް ވިދާޅުވި އެވެ.
ސްޓެލްކޯގައި 25 އަހަރުވަންދެން މަސައްކަތް ކުރެއްވި ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނާޒިމް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ބަރާބަރަށް އަޅާފައި ހުރިނަމަ ފެނަށް ކަރަންޓު އައިސްގެން ނުވާނެ ކަމަށެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކަމެއް އުޅޭނަމަ ވަގުތުން ބްރޭކަރު ވެއްޓެން ޖެހޭނެތީ އެވެ.
"މީގެ އަހަރުތަކެއް ކުރިން މާފަންނު [ގެއެއްގެ ކައިރީގައި] ކުރިމަތީގައި ހުރި ހޮޅިދަނޑިއަކަށް ކަރަންޓު އައިސްފައި ހުއްޓާ އެ ހޮޅިދަނޑީގައި އަތްލާފައި އެ ފާރާ ދޭތެރެއިން ދާން އުޅުނު މީހަކު ފެން ހުރީމަ ކަރަންޓުގައި ޖެހިގެން މަރުވެގެން އެތަނަށް ވެއްޓުނީ. ބިންމައްޗަށް ކަރަންޓު އައިސްފައި ހުރިއްޔާ، އެތަނުގައި ފެން ހުރިއްޔާ ފެނަށް ވެސް ކަރަންޓު އައިސްފައި ހުންނާނެ. އެތަން ހިކިކޮށް އޮތްނަމަ ކަރަންޓު އައުމުގެ ފުރުސަތު ކުޑަވާނެ،" ނާޒިމް ވިދާޅުވި އެވެ.
އިންސްޕެކްޝަނަށްފަހު އީއެލްސީބީ ހަރުނުކޮށް ހުރި ރަށްތަކުގެ ކައުންސިލުތަކަށް އެކަން ރަނގަޅުކުރަން މުއްދަތެއް ދޭނެ ކަމަށާއި އެއަށްފަހު ވެސް ރަނގަޅު ނުކޮށްފިނަމަ އެ ރަށެއްގެ މަގުބައްތިތަކަށް ދޭ ކަރަންޓުގެ ހިދުމަތް މެދުކަނޑައިލާނެ ކަމަށް ކުރިން ވާހަކަ ދެއްކެވި ފެނަކައިގެ މުއާޒް ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ މިކަމުގައި ފެނަކައިގެ އިތުރުން ކައުންސިލުގެ މައްސަލަ ވެސް އެބައުޅޭ ކަމަށާއި، ފެނަކައިގެ މައްސަލައަކީ އީއެލްސީބީ ހަރުނުކޮށް ހުއްޓާ ކަރަންޓު ދިނުން ކަމަށެވެ. އަދި ކައުންސިލުތަކުން އެކަން ކުރާއިރު އެންމެ ރައްކާތެރިކޮށްތޯ އެ މަސައްކަތް ކުރަނީ ވެސް ކަށަވަރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އީއެލްސީބީ ހަރުނުކޮށް ރަށްރަށުގައި މަގުބައްތިތައް ހަރުކުރަނީ ކައުންސިލުތަކުން ނުވަތަ ކައުންސިލުތަކުން ހަވާލުކުރާ ބައެކެވެ. އެކަން އެގޮތަށް ހިނގަނީ ކައުންސިލުތަކުން އެކަން ރަނގަޅަށް ނުބެލުމުގެ އިތުރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެސް އެކަން ރަނގަޅަށް ނުބަލާތީ އެވެ. މިކަމާ ގުޅިގެން ހިނގާ ހާދިސާތަކުގައި ޒިންމާވާނެ ފަރާތެއް އޮންނާނެކަމީ ޝައްކެއް ވެސް އޮތް ކަމެއް ވެސް ނޫނެވެ.
ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ނާޒިމް ވިދާޅުވީ ކުރީގައި އަމިއްލައަށް ކަރަންޓުގެ ހިދުމަތްދިން ރަށްރަށުގައި މިފަދަ ކަންކަން ރަނގަޅަށް ނުބެލޭ ކަމަށާއި، އީއެލްސީބީ ހަރުނުކޮށް ހޮޅިދަނޑި ޖެހި މީހުންނަށް އުނގޫފާރުގެ ކަންތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
"ގޭގެއަށް ކަރަންޓު ލެވޭނީ ނުވަތަ ހޮޅިދަނޑީގައި ކަރަންޓު ދޭންވާނީ އީއެލްސީބީއެއް މެއިން ސުވިޗެއް މެދުވެރިކޮށް. އޭގެ މާނައަކީ އޯވަލޯޑު 32 އެމްޕަރު ސިންގަލް ފޭސް އެއީ މެއިން. ހަތަރު ބައްތި ނުވަތަ ފަސް ބައްތިއަށް ވިއްޔާ 10 އެމްޕަރު ބްރޭކަރެއް ސޯޓް ސާކިޓުން ވެއްޓޭނެ. އާތު ފޯލްޓު ނުވަތަ މީހާ ކަރަންޓުގައި ޖެހުމުން ވެއްޓެން އިންނާނެ އީއެލްސީބީ. މީހާގެ ފުރާނައަށް ނުރައްކާވުމުގެ ކުރިން އޭތި ވައްޓާލާނެ ރަނގަޅަށް ހުރިއްޔާ،" ނާޒިމް ބުންޏެވެ.
އުނގޫފާރުގައި ހިނގި ހާދިސާގައި މީހެއްގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ގޮސްފައިވާއިރު، ކަރަންޓުގެ މަސައްކަތް ކުރާނީ ހަމަ ގައިމުވެސް އެކަން ކުރުމުގެ ލައިސަންސް އޮތް ބައެކެވެ. އެ ބަޔަކާ މެދު ފިޔަވަޅު އަޅައި، އެކަން ކުރި ބަޔަކު ހޯދަން ޖެހެ އެވެ. ފަރުވާ ކުޑަކޮށް މިފަދަ މަސައްކަތް ކުރުމުން ހަމަ ގެއްލިގެން ދަނީ މީހުންގެ ފުރާނަ އެވެ. އެއީ ކަރަންޓުގައި ޖެހޭ މީހުންގެ އިހުމާލެއް އޮވެގެން ވާ ކަމެއް ނޫނެވެ.
"ހޮޅިދަނޑިތަކުގައި ގިނަ ފަހަރު ކައުންސިލުތަކުން އީއެލްސީބީ ހަރުނުކުރަނީ އިތުރު ހަރަދުތަކެއް ދާތީ. އަޅުގަނޑުގެ ޕޮއިންޓަކީ ޔޫއާރްއައިއިން އެބަހުރި މިންގަނޑުތަކެއް ކަނޑައަޅާފައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން. އެ މިންގަނޑުތައް ފުރިހަމަނުކޮށް ފެނަކައިން އަސްލު ނުވާނެ ކަރަންޓު ފޯރުކޮށްދީގެން ވެސް،" މުއާޒް ބުންޏެވެ.
ކުޑަކުޑަ ރާއްޖޭގައި މިގޮތަށް ކަރަންޓުގައި ޖެހިގެން މީހުން މަރުވުން އަދި ކަރަންޓުގައި ޖެހުން އިތުރުވަމުން ދާއިރު، އެކަން ނުހިނގާނެ ގޮތަށް އަމަލު ކުރުމުގެ އިތުރުން، ކަރަންޓުގައި ޖެހުމުން އަމަލުކުރާނެ ގޮތް ވެސް ހޭލުންތެރި ކުރުވަން ޖެހެ އެވެ. މިއީ ސްކޫލު ކުދިންނަށް އަދި ޒުވާނުންނަށް ވެސް އެކި ގޮތްގޮތުން ހިންގަން ޖެހޭ ޕްރޮގްރާމެކެވެ. ރާއްޖޭގައި ތިބި ގިނަ މީހުންނަށް ހަމަ ގައިމު ވެސް ކަރަންޓުގައި ޖެހުމުން އަމަލުކުރާނެ ގޮތް ނޭނގޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
ކަރަންޓުގެ ހިދުމަތް ދޭ ކުންފުނިތަކުން މިކަމުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް މުޅި ރާއްޖޭގައި ހިންގުމަކީ ގިނަ ފައިދާތަކެއް ވާނެ ކަމެކެވެ. އަދި ގިނަ ބަޔަކު އެއްފަހަރާ މިގޮތަށް ކަރަންޓުގައި ޖެހުން ވެސް ކުޑަކޮށްދީ، ހިތާމަވެރި ހާދިސާތައް ހިނގުން ވެސް ކުޑަކޮށްދޭނެ އެވެ.
"ކަރަންޓުގައި މީހަކު ޖެހިފައި އޮއްވާ ފެނުމުން ފޮތިގަނޑެއް ނުވަތަ ލައިގެން ހުރި އެއްޗެއް ބާލައިގެން އެމީހެއްގެ ގައިގައި އޮޅާލައިގެން ނެގިދާނެ. ކަރަންޓުގައި ޖެހިފައި އޮތް މީހާ ގައިގައި އަތްލުމުން އެމީހެއް ވެސް ކަރަންޓުގައި ޖެހޭނެ. ދަނޑި ބިރިއަކުން ދުރު ވެސް ކޮށްލެވިދާނެ،" ނާޒިމް ވިދާޅުވި އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ރާއްޖޭގައި ހުރި ކަރަންޓުގެ ނެޓްވޯކްތަކާއި ކަރަންޓާ ގުޅުންހުރި ގިނަ ކަންކަމުގައި ކަންބޮޑުވާ ވަރުގެ މައްސަލަތައް އެބަ ހުއްޓެވެ. އެ ހުރިހާ ކަމެއް ވެސް ރަނގަޅުކުރުމާ ގުޅިފައި ހުރީ ފައިސާގެ މައްސަލަ އެވެ. ނަމަވެސް ފައިސާ ހަރަދުކޮށްގެން ވިޔަސް ރައްޔިތުންގެ ފުރާނައާ ގުޅިފައިވާ މިފަދަ މައްސަލަތައް ހައްލު ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
މުޅި ރާއްޖޭގައި ކަރަންޓުގެ ލީކެއް އެއްވެސް ތަނެއްގައި އުޅޭތޯ ބެލުމަކީ ކަރަންޓު ފޯރުކޮށްދޭ އަދި އެތަނެއް މެއިންޓެއިންކުރާ ބައެއްގެ ޒިންމާއެކެވެ. އެކަން ކަށަވަރު ވެސް ކުރަން ޖެހެ އެވެ. ހަރަދު ކުޑަކުރަން ފަރުވާކުޑަކޮށްގެން ވަމުންދާ އިހުމާލުން ނުރައްކާވަނީ އާންމުންނަށެވެ.
Comment