Advertisement

އެފްކޮންސްގެ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި!

2 ޖޫން 2024 - 19:55 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން، އޯގަސްޓު 16، 2022 ގައި ވިލިމާލެ ފަރަށް އެރި އެފްކޮންސްގެ ޕްލެޓްފޯމު. އެ ހާދިސާއާ ގުޅިގެން ކުރި ޖޫރިމަނާ އަދިވެސް އެ ކުންފުނިން ދައްކައިފައެއް ނުވޭ -- ފޮޓޯ: އަދަދު


އެފްކޮންސްގެ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި!

2 ޖޫން 2024 - 19:55 0

ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ކުރުމަށް އެފްކޮންސް ކުންފުނިން ބޭނުން ކުރަމުންދިޔަ ޕްލެޓްފޯމެއް ބޮޑު ކަޅިއާ ހަމައަށް އޮޔާ ގެންގޮސްފި އެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި އެ ޕްލެޓްފޯމު އޮޔާ ގެންގޮސްފައި ވަނީ އޭތި އޮތް ތަނުން ނަގައިގެން އެހެން ތަނަކަށް ބަދަލު ކުރަން އުޅުމުގެ ތެރޭގައި މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

އެކަމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓަރީއަށް ގުޅުމުން ބުނީ އެފަދަ މައުލޫމާތެއް އަދި ލިބިފައި ނުވާ ކަމަށާއި "ޗެކް ކޮށްލުމަށްފަހު މައުލޫމާތު ދޭނެ" ކަމަށެވެ.

އެހެންނަމަވެސް އެ ޕްލެޓް ފޯމު މިހާރު އޮތް ތަނުން ވީހައިވެސް އަވަހަކަށް ނެގުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިންފްރާސްޓްރަކްޗާ މިނިސްޓަރީއަށް އަންގައިފައި ވާނެ ކަމަށް އެ އޭޖެންސީގެ ޑިރެކްޓާ ޖެނެރަލް، އިބްރާހިމް ނައީމް (ނައީމްބެ) "އަދަދު" އަށް ވިދާޅުވި އެވެ.

"ބޮޑު ކަޅި މަތީގައި އޮންނަ ތިލައެއްގައި އޭތި އެބަހުރި ބަހައްޓާފައި މިހާރު، އެ މައުލޫމާތު އީޕީއޭއަށް ލިބުމުން މިހާރު ވާނީ އެ ސަަރަހައްދުން ވީހައިވެސް އަވަހަކަށް އެ ނަގަން އަންގާފައި،" ނައީމް ވިދާޅުވި އެވެ.

ނައީމް ވިދާޅުވީ އެ ޕްލެޓްފޯމް އޮޔާ ދިޔުމުގެ ސަބަބުން އެއްވެސް ފަރަކަށް ގެއްލުން ލިބުނު ކަމެއް އަދި އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް އެކަން ބަލާނެ ކަމަށް ނައީމް ވިދާޅުވި އެވެ.

ތިލަމާލެ ބުރިޖު އެޅުމަށް ބޭނުން ކުރި ޕްލެޓްފޯމެއް މީގެ ކުރިން ވެސް ވަނީ އޮޔާ ގޮސް ވިލިމާލެ ފަރަށް އަރައިފަ އެވެ. އޯގަސްޓު 16، 2022 ގައި ހިނގި އެ ހާދިސާއާ ގުޅިގެން އެފްކޮންސް އެފަހަރު 69.4 މިލިއަން ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. ނަމަވެސް އެ ފައިސާ މިއަދާ ހަމައަށް ވެސް އެ ކުންފުނިން ދައްކައިފައެއް ނުވެ އެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމު ފުން ކުރެވުނީ 12 ދުވަސްފަހުންނެވެ. އެ ހާދިސާގެ ސަބަބުން ވިލިނގިލި ފަރުގައި ފުންމިނުގައި 10 ފޫޓު ހުންނަވަރުގެ ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވެ އެވެ.

މާލެ-ތިލަފުށި ބުރިޖަކީ މިދިޔަ ސަރުކާރުން ފެށި އެންމެ ބިޔަ ބޮޑު އެއް މަޝްރޫއު އެވެ. އެ މަޝްރޫއުއަށް 7.7 ބިލިއަން ދިވެހި ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މާލޭގެ ހުޅަނގަށް އޮންނަ ވިލިނގިއްޔާއި ގުޅިފަޅާއި ތިލަފުށި އަދި ގިރާވަރުފަޅު ގުޅައިލަދޭ އެ ބުރިޖުގެ މަޝްރޫއުއަށް ހަރަދު ކުރަނީ އިންޑިއާ އެގްޒިމް ބޭންކުން ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.