29 މޭ 2024 - 14:56 0
ނިމާ ހަސަން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް -- ފޮޓޯ: ސޯޝަލް މިނިސްޓްރީ
29 މޭ 2024 - 14:56 0
އުމުރުން ދުވަސްވީ މައިންބަފައިން ކައިރީގައި ގެންގުޅެން ބޭނުންވާ ދަރިންނަށް ހައުސިން މަޝްރޫއުތަކުގައި އިތުރަށް ޕޮއިންޓު ދޭން ނިންމައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި އުމުރުން ދުވަސްވީ މީހުން އާބާދީ އިތުރުވަމުން ދާނެ ކަމަށް އަންދާޒާ ކުރެވޭއިރު, އިސްރަށްވެހިންނަށް އެންމެ ބޮޑަށް ބޭނުން އެއް ކަމަކީ ބޯހިޔާވަހިކަން ކަމަށެވެ.
ދުވަސްވީ އުމުރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދުރު ރާސްތާގެ ޕްލޭނަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ މައިންބަފައިންނާއެކު ދިރިއުޅެން ބޭނުންވެ, އެ ފުރުސަތު ނުލިބި ތިބި މީހުންނަށް ފުރުސަތު ހައުސިން ސްކީމުތަކުގެ ތެރެއިން ފަހިކޮށްދޭން ނިންމާފައިވާ ކަމަށެވެ.
"މިހާރު ޑރ. މުއިއްޒު ނިންމަވާފައި އަދި ކެބިނެޓުން ވެސް ފާސްވެގެން އެޑްވައިސް ކުރައްވާފައި އޮތީ މީގެ ފަހުން ހެދޭ ހައުސިން ސްކީމުތަކުގައި އާއިލާއިން އެމީހުންގެ މައިންބަފައިން ބަލާ ކަމަށް ވެއްޖިއްޔާ އިތުރު ޕޮއިންޓުތަކެއް, ސިސްޓަމްތަކެއް ހެދިގެން އެމީހުންނަށް އިތުރަށް ފައިދާވާ ކަހަލަ ގޮތަކަށް މި ލިސްޓުތަކެއް ހެދިގެން ދިއުން," މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވީ ދުވަސްވީ މައިންބަފައިންނާއެކު ދިރިއުޅެން ބޭނުންވެ, ބޯހިވަހިކަމުގައި ހުރި ޖާގައިގެ ދަތިކަމާހެދި އެ ފުރުސަތު ނުލިބި ތިބި މީހުން އެބަތިބި ކަމަށެވެ.
އެހެންކަމުން އެކަމުގެ ހައްލެއްގެ ގޮތުން ދެން ހަދާ ހުރިހާ ހައުސިން ސްކީމެއްގެ ތެރެއިން އެއް ފްލެޓެއްގައި މައިންބަފައިން އެކޮމޮޓޭޑް ކުރެވޭ ގޮތަށް, ނުވަތަ ދަރިންގެ ފްލެޓާ ޖެހިގެން އިންނަ ފްލެޓެއްގައި ވިޔަސް އެކޮމޮޓޭޑް ކުރެވޭ ކަހަލަ ގޮތަކަށް ޕޮއިންޓް ސިސްޓަމުން ފައިދާތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތަރައްގީ ދިޔަ ދިމާލުން މައިންބަފައިންނާ ވަކިން, ކިޔެވުމާއި ވަޒީފާ އަދާކުރުން ފަދަ ކަންކަމަކަށް ގިނަ ބަޔަކު ހިޖުރަކޮށް, އެތަންތަނުގައި ދިރިއުޅެން ފަށާފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި އޮތީ ހިޖުރަކޮށް, ދިރިއުޅުން ބިނާކުރުމަށްފަހު އެ ހުރިހާ ކަމެއް ދޫކޮށް, އަނބުރާ މައިންބަފައިން ކައިރިއަށް ކުރީގެ މުޖުތަމައަށް ނުވަތަ ރަށަށް ދެވޭ ކަހަލަ ސިސްޓަމެއް ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން, ކުރިން އުޅެހެން ބޮޑެތި އާއިލާތައް އެކުގައި އުޅުމުގެ ބަދަލުގައި މިހާރު އޮތީ ކުދިން ކައިވެނި ކުރުމަށްފަހު ނިއުކްލިއާ އާއިލާތައް ވަކިން ދިރިއުޅުން ބަދަލު ކުރުން ކަމަށެވެ.
Comment