26 މޭ 2025 - 08:16 0
26 މޭ 2025 - 08:16 0
މި އަހަރުގެ އޭޕްރީލް މަހު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 21 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީ އިން އިއްޔެ ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުން އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް އެކި ކަހަލަ ގޯނާ ކުރި މައްސަލަތަކެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ.
ތަފާސްހިސާބުން ދައްކާ ގޮތުގައި ޖިންސީ ގޯނާގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެފަދަ 18 މައްސަލައެއް އޭޕްރީލް މަހު ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ. އަދި ކުޑަކުދިން ގްރޫމް ކުރުމުގެ މައްސަލަ ވެސް ހުށަހަޅާފައި އޮތެވެ.
އޭގެ އިތުރުން، ކުޑަކުދިންނަށް ނަފުސާނީ އަނިޔާ ކުރުމާއި އަޅައިނުލުމާއި ކުޑަކުދިން ކުރިމަތީ އެހެން މީހުންނަށް އަނިޔާ ކުރުމާއި ބުލީ ކުރުމާއި ޅަ ދަރިން ދޫކޮށްލާފައި ދިޔުމާއި ފުރައްސާރަ ކުރުމުގެ މައްސަލަތަކެއް ވެސް އެ މިނިސްޓްރީއަށް އޭޕްރީލް މަހު ހުށަހެޅި އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުޑަކުދިން ސްކޫލަށް ނުފޮނުވުމުގެ ތިން މައްސަލައަކާއި ސްކޫލަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭން ދެކޮޅު ހެދުމުގެ ދެ މައްސަލައަކާއި ވެކްސިން ދިނުމަށް ދެކޮޅު ހެދުމުގެ މައްސަލައެއް ވެސް އޭޕްރީލް މަހު ވަނީ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.
ޖެންޑާ މިނިސްޓްރީއަށް މިދިޔަ އަހަރު ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަސް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 255 މައްސަލައެއް މިދިޔަ އަހަރު އެ މިނިސްޓްރީއަށް ހުށަހެޅި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިފަހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 264 މައްސަލައެއް 2023 ވަނަ އަހަރު ހުށަހެޅި އެވެ. ބިއުރޯގެ ހިސާބުތަކަށް ބަލާއިރު ވެސް އަނިޔާ ލިބޭ ކުޑަކުދިންގެ ތެރެއިން އެންމެ ގިނައީ ޖިންސީ އަނިޔާ ލިބޭ ކުދިންނެވެ.
ޖިންސީ ކުށުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އެންމެ ބޮޑު އެއް މައްސަލަ އެވެ. މި އަހަރުގެ މިހާތަނަށް ވެސް އެފަދަ 92 މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވެ އެވެ. އަދި ހާއްސަކޮށް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ގިނަ އެވެ.
ޔުނިސެފުން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ޖިންސީ ގޯނާއާ އޭނާގެ ހަޔާތުގައި މަދުވެގެން އެއް ފަހަރު ކުރިމަތިލާންޖެހެ އެވެ. ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިން ޖިންސީ ގޯނާގެ ޝިކާރައަށްވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
Comment