Advertisement

އެމްޑީޕީން މަޖިލިސް ރައީސް ކަމަށް ނާޒިލް، ނައިބު ރައީސް ކަމަށް އަހުމަދު ދީދީ

28 މޭ 2024 - 10:48 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނާޒިލް އަދި ދީދީ. ދެ ބޭފުޅުން ވެސް ތަމްސީލުކުރައްވަނީ އައްޑޫ ސީޓީގެ ދާއިރާތަކެއް


އެމްޑީޕީން މަޖިލިސް ރައީސް ކަމަށް ނާޒިލް، ނައިބު ރައީސް ކަމަށް އަހުމަދު ދީދީ

28 މޭ 2024 - 10:48 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންތިހާބު ކުރުމަށް މިއަދު ނަގާ ވޯޓުގައި އިދިކޮޅު އެމްޑީޕީން ވާދަކުރައްވަން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން އަދި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަން ހުށަހަޅައިފި އެވެ.

ނާޒިލް އަދި އަހުމަދު ދީދީގެ ނަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެެ) އެވެ. ނާޒިލްގެ ނަމަށް ތާއީދު ކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. އަހުމަދު ދީދީގެ ނަމަށް ތާއީދު ކުރެއްވީ މާވަށު ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ޝާކިރެވެ.

ވެރިކަންކުރާ ޕީއެންސީން ހުށަހެޅުއްވީ އެ ޕާޓީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމްގެ ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ. ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހެވެ.

ޕީއެންސީން މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހެޅުއްވީ ނާޒިމްގެ ނަމެވެ. ނާޒިމްގެ ނަން ހުށަހެޅުއްވީ ފަލާހެވެ. އެ ނަމަށް ތާއީދު ކުރެއްވީ އަބްދުއްރަހީމެވެ.

އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަން ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ވަނީ ނަގައިފަ އެވެ. ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް، މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، އަދި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް، އެމްޑީއޭގެ ދެ މެންބަރުން، އެމްއެންޕީގެ މެންބަރެއް، އެމްޑީޕީގެ 12 މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނެވެ.