27 މޭ 2024 - 09:13 1
27 މޭ 2024 - 09:13 1
މެލޭޝިއާގައި ކުރިއަށްދިޔަ 66 ވަނަ މެލޭޝިއަން އޯޕަން ސްވިމިންގް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ މުހައްމަދު އާން ހުސެއިން އަދި މުހައްމަދު ރިހާން ޝިހާމް ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފި އެވެ.
މި މުބާރާތުގެ ފިރިހެނުންގެ 1500 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް ރިހާން އާކުރީ 18.03.57 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ 2018 ވަނަ އަހަރު ކުރިއަށްދިޔަ އޭޝިއަން ގޭމްސްގައި މުބާލް އައްޒާމް އިބްރާހީމް އެވެ. އޭނާ ރެކޯޑް ހެދީ 19.24.54 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބަޓަފްލައި އެވެންޓުގެ ގައުމީ ރެކޯޑްވެސް ހަދާފަ އެވެ. މި އިވެންޓުން ރިހާން ގައުމީ ރެކޯޑް ހެދީ 1.00.73 އިން ރެސް ނިންމައިގެންނެވެ. ރިހާން ވަނީ މި އިވެންޓުގެ ފައިނަލް ސީ އަށްވެސް ދަތުރުކޮށްފަ އެވެ.
މި ރެކޯޑް މީގެ ކުރިންވެސް އޮންނަނީ ރިހާން އަތުގަ އެވެ. އެއީ މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްގައި 1.01.60 އިން ރޭސް ނިންމައިގެން އޭނާ ހެދި ރެކޯޑެވެ.
މީގެ އިތުރުން ރިހާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް ވެސް އާކޮށްފަ އެވެ. މި ރެކޯޑް އާކުރީ 02.22.07 އިން ރޭސް ނިންމައިގެންނެވެ. މި ރެކޯޑް މީގެ ކުރިން އޮތީ މުބާލް އަތުގަ އެވެ. އޭނާ ރެކޯޑް ހެދީ 2022 ވަނަ އަހަރު ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގަ އެވެ. އޭނާ ރޭސް ނިންމީ 02.23.69 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން އާން ވެސް ވަނީ މި މުބާރާތުގައި ގައުމީ ރެކޯޑްތަކެއް އާކޮށްފަ އެވެ. އެއީ ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިން ހެދި ރެކޯޑް އެވެ. މި ރެކޯޑް އޭނާ ހެދީ 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ. އާން ވަނީ މި އިވެންޓުގެ ފައިނަލް ބީ އަށްވެސް ދަތުރުކޮށްފަ އެވެ.
މި ރެކޯޑް މީގެ ކުރިންވެސް އޮތީ އާން އަތުގަ އެވެ. އެއީ 2022 ވަނަ އަހަރު ކުރިއަށްދިޔަ ކޮމަންވެލްތް ގޭމްސްގައި އޭނާ ހެދި ރެކޯޑެވެ. އެ ފަހަރު އޭނާ ރެކޯޑް ހެދީ 24.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އާން ވަނީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ރެކޯޑްވެސް ހަދާފަ އެވެ. މި ރޭސް އާން ނިންމީ 54.46 ސިކުންތުން ރޭސް ނިންމައިގެންނެވެ. އާން ވަނީ މި އިވެންޓުގެ ފައިނަލް ސީ އަށްވެސް ދަތުރުކޮށްފަ އެވެ. ފައިނަލުގައި އާންގެ ވަގުތަކީ 54.75 ސިކުންތެވެ.
މި ރެކޯޑް މީގެ ކުރިންވެސް އޮންނަނީ އާން އަތުގަ އެވެ. އެ ފަހަރު އާން ރެކޯޑް ހެދީ 55.11 ސިކުންތުން ރޭސް ނިންމައިގެންނެވެ.
Comment