Advertisement

މައުލޫމާތު ނެތް ކަމަށް ބުނެވުނީ އޮޅުމަކުން، 66 ސިޔާސީ މުވައްޒަފުން އެބަތިބި: ޖެންޑާ މިނިސްޓްރީ

26 މޭ 2024 - 17:58 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމު : އެ ވުޒާރާގައި 66 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފަ - ފޮޓޯ: ރައީސް އޮފީސް


މައުލޫމާތު ނެތް ކަމަށް ބުނެވުނީ އޮޅުމަކުން، 66 ސިޔާސީ މުވައްޒަފުން އެބަތިބި: ޖެންޑާ މިނިސްޓްރީ

26 މޭ 2024 - 17:58 0

މި ސަރުކާރުން މެއި މަހުގެ ފުރަތަމަ ދުވަހާ ހަމައަށް އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދު، ލިޔެކިޔުންތަކެއް ގެއްލިފައިވާތީ، އެނގެން ނެތް ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި އެ މުއްދަތުގައި 66 ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ހުށަހެޅި ހުށަހެޅުމަށް ފުރަތަަމަ ދިން ޖަވާބު މި ނޫހުން ޝާއިއުކުރުމުންނެވެ. އެ ހުށަހެޅުުމުގައި އަދަދުން އެދުނީ ނޮވެމްބަރު 17 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދުމަށެވެ.

ޖެންޑާ މިނިސްޓްރީން ފަހުން ބުނި ގޮތުގައި ފުރަތަމަ ދިން ޖަވާބު އެގޮތަށް ދެވުނީ "އަދަދު" ނޫހުން ފޮނުވި އެހެން އާރުޓީއައި އަކަށް ބަލައިގެންނެވެ. މި ނޫހުން ދެ އާރުޓީއައިއެއް އެ މިނިސްޓްރީއަށް ފޮނުވިއިރު ފުރަތަމަ އާރުޓީއައި ރިކުއެސްޓުގައި އެދުނީ 2013 ގެ މައުލޫމާތުތަކެއް ހޯދުމަށެވެ.

އެ މިނިސްޓްރީން މިހާރު ވަނީ މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުންގެ ލިސްޓު "އަދަދު"އާ ހިއްސާކޮށްފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ އަދަދާއި ލިބޭ މުސާރަ

  • އެއް މިނިސްޓަރު - 58,500ރ.
  • ހަ ސްޓޭޓް މިނިސްޓަރުން - މީހަކަށް 43,500ރ
  • 11 ޑެޕިއުޓީ މިނިސްޓަރުން - މީހަކަށް 31,500ރ.
  • 27 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 25,500ރ.
  • 21 ޕޮލިޓިކަލް ޑިރެކްޓަރުން - މީހަކަށް 20,500ރ.

މި މައުލޫމާތަށް ބަލާއިރު އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދޭން ދައުލަތުން މަހެއްގެ މައްޗަށް 1،785،000 ރ. (އެއް މިލިއަން ހަތް ލައްކަ އަށްޑިހަ ފަސް ހާސް ރުފިޔާ) ހޭދަވެ އެވެ. . އެއީ، އަހަރެއްގެ މައްޗަށް 21,420,000ރ. (އެކާވީސް މިލިއަން ހަތަރު ލައްކަ ވިހި ހާސް ރުފިޔާ) އެވެ.

ރައީސް މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި އެ އަދަދު 107 މިލިއަން ރުފިޔާ ފަހަނައަޅައި ދާނެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ ރިކޯޑު އަދަދަކަށް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ވަކިވަކި މިނިސްޓްރީތަކުން އާރުޓީއައިއަށް ޖަވާބު ދެމުން ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރި ނަމަވެސް ހުރިހާ މިނިސްޓްރީތަކުން އެ މައުލޫމާތު ނުލިބޭތީ އެ އަދަދު ކަށަވަރު ކުރެވިފައި ނުވެ އެވެ.