Advertisement

ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން ދީލައިލުމުން އާންމުންގެ ނުރުހުން

15 މޭ 2024 - 09:36 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ޓެކްސީއެއް މަޑުކޮށްގެން. އާންމު ގޮތެއްގައި ޓެކްސީ ޑްރައިވަރުންގެ ޑިމާންޑުތަކަށް ސަރުކާރުތަކުން ވަނީ ދީލާލާފައި --- ފޮޓޯ: އަދަދު


ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން ދީލައިލުމުން އާންމުންގެ ނުރުހުން

15 މޭ 2024 - 09:36 2

އެއާޕޯޓު ޓެކްސީ ކިއުއިން ޓެކްސީ ނުލިބުމުގެ ޝަކުވާ ސިނަމާލެ ބްރިޖުން ހަތަރު ފުރޮޅުގައި ހުޅުލެއަށް ކާރުތައް ދަތުރުކުރަން ފެށި ހިސާބުން ވެސް އޮވެ އެވެ. ދެ ސަރުކާރެއް ނިމި ތިންވަނަ ސަރުކާރެއް މިހާރު ވެރިކަމުގައި އޮތްއިރު ޓެކްސީތަކާ ގުޅިގެން އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެއީ އެވެ. އެކި އަގު ނެގުމުގެ ސަބަބުން އާންމުންގެ ގިނަ ޝަކުވާތަކެއް ހުއްޓެވެ.

ޓެކްސީ ކިއު ބަލަހައްޓަން ފުލުހުން ނެރޭ ހިސާބަށް ކަންކަން ދިޔައީ އެވެ. ކިއުއެއް ބަލަހައްޓަން ފުލުހުން ނެރެން ޖެހުމަކީ ދުނިޔޭގައި ކަންކަން ހިނގާ ގޮތަށް ބަލާއިރު ލަދުވެތި ކަމެކެވެ. އެކަމަކު އެވަރުން ވެސް އެ މައްސަލަ ހައްލެއްނުވެ އެވެ. މައްސަލަ ވީ އިތުރަށް ގޯހެވެ. އެއަޕޯޓުން ޓެކްސީ ހޯދުންވީ ބޮޑު ތަކުލީފަކަށެވެ.

އެންމެފަހުން, ސަރުކާރުން މިވަނީ ޓެކްސީ ކުރާ އަގުތަކަށް ބަދަލު ގެނެސްފަ އެވެ. ހަ ފަސިންޖަރުންނަށް ވުރެ ގިނަ ފަސިންޖަރުން އެއް ފަހަރާ އުފުލޭ ވަރުގެ ބޮޑެތި އުޅަނދުތަކަށް ޓެކްސީ ކުރަން ހާއްސަ އަގުތަކެއް ކަނޑައަޅައިފި އެވެ. އެ އަގުތަކަށް އަންނަ ހޯމައިން ފެށިގެން އަމަލުކުރާނެ އެވެ. މި އަގުތަކަށް އާންމުންގެ ރުހުން ކުޑަ އެވެ.

އަގުތަކަށް ގެނައީ ކޮން ބަދަލެއް؟

ހަ ސީޓަށް ވުރެ މަދުން ހުންނަ އުޅަނދުތަކަށް އަދިވެސް ދަތުކުރެވެނީ ޓްރާންސްޕޯޓު މިނިސްޓްރީން 2022 ގައި ކަނޑައަޅާފައިވާ އަގުތަކުގަ އެވެ. ނަމަވެސް މިވަރުގެ ޓެކްސީތަކަށް ވެސް ޑޮމެސްޓިކަށް ކުރާ ދަތުރުތަކަށް އިތުރަށް 10ރ. އަދި ލަގެޖަށް ހޯމައިން ފެށިގެން ފައިސާ ނެގޭނެ އެވެ.

ޓްރާންސްޕޯޓުން 10-7 ސީޓުގެ އުޅަނދުތަކަށް ކަނޑައެޅި އަގުތައް

  • އެތެރޭގެ ދަތުރުތައް - 45ރ.
  • މާލެއިން ހުޅުމާލެ އެއްވަނަ ފިޔަވައްސަށް (ފޭސް ވަން) - 130ރ.
  • މާލެއިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް (ފޭސް ޓޫ) - 150ރ.
  • މާލެއިން އެއާޕޯޓަށް - 110ރ.
  • ހުޅުމާލޭ ފޭސް ވަން އިން ފޭސް ޓޫ އަށް - 60ރ.
  • ހުޅުމާލޭ ފޭސް ވަން އިން އެއާޕޯޓަށް - 125ރ.
  • ހުޅުމާލެ ފޭސް ޓޫ އިން އެއާޕޯޓަށް - 155ރ.
  • ޑޮމެސްޓިކް ޓާމިނަލަށް ދަތުކުރާ ނަމަ - އެއާޕޯޓު ދަތުރު އަގުގެ އިތުރަށް 15ރ.
  • ތިން ލަގެޖަށް ވުރެ އިތުރުވާ ކޮންމެ ލަގެޖަކަށް - 5ރ.

ދުނިޔޭގެ ގައުމުތަކުގައި އޮންނަ ގޮތް

ޓެކްސީގެ ހިދުމަތަކީ ދުނިޔޭގެ ގައުމުތަކުގައި އެކި ގޮތް ގޮތަށް ރެގިއުލޭޓް ކުރަމުން އަންނަ މުހިންމު ހިދުމަތެކެވެ. ބައެއް ގައުމުތަކުގައި ސަރުކާރުގެ އޯވާސައިޓް ވަރަށް ބޮޑެވެ. ސަރުކާރަށް އަގުތައް ކަނޑައެޅުމުގެ ފުރުސަތު އޮވެ އެވެ. ނަމަވެސް, ބައެއް ގައުމުތަކުގައި އަގު ކަނޑައަޅަނީ މާކެޓުންނެވެ.

މިހާރު ޓެކްސީގެ ހިދުމަތުގެ ނެޓްވޯކް އެއްކޮށް ޑިޖިޓަލްވެ, ޕޭވްމަންޓު މައްޗަށް ނުކުމެ ޓެކްސީ ހޯދަން 10-15 މިނެޓު ހޭދަކުރަން ޖެހުމުގެ ބަދަލުގައި ގޭގެ ސޯފާގައި އިނދެ ޓެކްސީއަކަށް އޯޑަރު ކުރެވޭއިރު ދުނިޔޭގެ އެންމެ ފުޅާކޮށް މި ހިދުމަތްދޭ އޫބާއިން ވެސް ލަގެޖަށް އިތުރު އަގެއް ނުނަގަ އެވެ.

ފަރަންސޭސިވިލާތުގެ ޓެކްސީތަކުގައި ފަސް ކިލޯއަށްވުރެ ބަރު ކޮންމެ ލަގެޖަކަށް ޔޫރޯއެއް ދެޔުރޯއެއް ދައްކަން ޖެހެ އެވެ. ތައިލޭންޑުގެ ބެންކޮކްގެ ދެ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރު ނަގާ ޓެކްސީތަކުން ވެސް ޗާޖު ނަގަން 2020 ގައި ފާސްކުރި އެވެ. އެއީ 20-100 އާ ދެމެދު ބާތެވެ. އެމެރިކާގެ ބައެއް ސިޓީތަކުގައި ވެސް ލަގެޖަށް ޗާޖު ކުރެ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކާރަށް އަރުވާ ލަގެޖަށް އިތުރަށް ޗާޖެއް ނުކުރެ އެވެ. އިތުރަށް އަރުވާ މީހުންނަށް ވެސް ޗާޖެއް ނުކުރެ އެވެ. އުމުރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން އޭޝިއާގެ ނަމޫނާ ސިންގަޕޫރުގައި ވެސް ލަގެޖަށް އިތުރު ޗާޖެއް ދައްކަން ނުޖެހެ އެވެ. ދުބާއީގައި ވެސް އާންމު ގޮތެއްގައި އިތުރު ޗާޖެއް ނުނަގަ އެވެ.

ކަންމިހެން އޮތް ނަމަވެސް, އާދަޔާ ހިލާފަށް ގިނަ ލަގެޖު އަރުވަން ޖެހިއްޖެނަމަ ދުނިޔޭގެ ކޮންމެ ތަނެއްގައި އަގު ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ޑްރައިވަރުންގެ ޑިމާންޑުތަކަށް ދީލައިލުން ބަލައިނުގަތް!

ފާއިތުވި އަހަރުތަކުގައި ޓެކްސީގެ ހިދުމަތްތަކަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ޑްރައިވަރުންގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައި އެބަހުއްޓެވެ. ޖެހިޖެހިގެން އައި ސަރުކާރުތަކުން ޑްރައިވަރުންގެ ޑިމާންޑުތަކަށް ދީލައިލައިން ޖެހުނުކަން އެއީ ހަގީގަތެވެ.

"ކިއު ބޮޑުވިއަސް ދޫ ދޭކަށް ނުޖެހޭ. އެހެން ގައުމުތަކުގައިވެސް ތިބެންޖެހޭ ޓެކްސީ ނުލިބިގެން. ގަވާއިދު ތަންފީޒް ކުރާ ގައުމަށް ވެގެން ނޫނީ ކަންކަން ހައްލު ނުވާނެ," ހިޔާލު ފާޅުކުރި އެކަކު މީހަކު ލިޔެފައިވެ އެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ އަދި ބޭނުންވާ ނަތީޖާ ނެރޭ ޔޫނިއަނަކީ "ޓެކްސީ ޑްރައިވަރުންގެ ޔޫނިއަން" އެވެ. އަގުތަކަށް ކޮންމެ ސަރުކާރަކުން ބަދަލު ގެނަޔަސް މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކުގެ އަގުތަކާއި ދޭތެރޭ ޑްރައިވަރުންގެ ހިތްހަމަނުޖެހުން އަބަދުވެސް އޮވެ އެެވެ.

"ކުރާ ހަރަދު ކަވަރުވާނެ އަގެއް ނެގީމަ އެވީނުންތޯ! އަރުވާ ލަގެޖަކާ އެއަށް އަރާ ކޮންމެ މީހެއްގެ އަތުން އަގު ނެގުން އެއީ ތަނަކުން ތަނެއް ލައްވާލާ އުސޫލެއް ނޫން," އެކްސްގައި ޝުއޫރު ފާޅުކުރި މީހަކު ލިޔެފައިވެ އެވެ.

"އަގު ބޮޑުކޮށްގެން ޓެކްސީ ހިދުމަތް ރަނގަޅުވާނަމަ ތެޔޮ އަގުބޮޑުވެގެން ޓެކްސީ އަގުބޮޑު ކުރީމަ ރަނގަޅުވީސް. އޭގެ ފަހުން ކުޑައެއް ނުވޭ ތެޔޮ އަގުހެޔޮވީމަ ވެސް."

ޓެކްސީގެ އަގުތަކަށް ސަރުކާރަށް ބަދަލު ގެނެވޭއިރު ކަނޑުދަތުރުފަތުރާއި ވައިގެ ދަތުރުފަތުރުގެ އަގުތައް ކޮންޓްރޯލް ނުކުރެވޭ ކަމަަކީ ވެސް ގިނަ ބައެއްގެ ޝަކުވާއެކެވެ. ރާއްޖޭގެ ބައެއް ސިޓީތަކަށް ދަތުރު ކުރުމަށް ވުރެ އަވައްޓެރި ގައުމުތަކަށް ދިޔުން ވެސް އަގުހެޔޮ ކަމަށް ބުނެ އެ އަގުތައް ކޮންޓްރޯލް ނުކުރަނީ ކީއްވެގެންތޯ އާންމުން ސުވާލު ކުރި އެވެ.

"ސަރުކާރަށް ޓެކްސީ ފީ ކޮންޓްރޯލް ކުރެވެންޏާމު.. މާލޭގެ ކުލި ކޮންޓްރޯލް ނުކުރެވޭންވީ ކީއްވެ؟ ޑޮމެސްޓިކް ފްލައިޓްތަކައި، ޕްރައިވެޓް ފެރީގެ ފީ ކޮންޓްރޯލް ނުކުރެވޭންވީ ކީއްވެ؟ ބޭސްފަރުވާގެ ހިދުމަތުގެ އަގު ކޮންޓްރޯލް ނުކުރެވޭންވީ ކީއްވެ؟," އާންމުންގެ މީހަކު އެކްސަގައި ސުވާލުކުރި އެވެ.

ރައްޔިތުންގެ ތެރެއިން ގިނަ މީހުންގެ ކަންބޮޑުވުމަކަށް ވެފައި އޮތީ އާންމުންނަށް ވުރެ ޓެކްސީ ޑްރައިވަރުންނަށް އަހަންމިއްޔަތުކަން ދޭ ކަމަށް ބުނެ އެވެ. މި ހާލަތުގައި ޓެކްސީއަށް އަރާ މީހާ އާއި ޓެކްސީ ދުއްވާ މީހާއަކީ ވެސް އާންމު ރައްޔިތުން ކަމަށްވާއިރު އެ ދެ މީހުންގެ ހައްގުތައް ވެސް ދައުލަތުން ރައްކާތެރިކޮށްދޭން ޖެހޭނެ އެވެ.

"މި ހައްލުވީ؟ އެ މީހުން ބޭނުންވާ އަގަކަށް ކުރަން ޖެހުނުތާގަ ލަގެޖަށް ވެސް އަގު ދައްކަން ޖެހުނީ؟ މިއަށް ކިޔަނީ ކުޑަކަކޫ ޖެހުން. ކަންކަން މިހެން ހައްލު ނުކުރިއްޔާ ރަނގަޅީ," އާ އަގުތަކާ ގުޅޭގޮތުން "އަދަދު" ގައި ޝާއިއުކުރި ހަބަރުގެ ކޯޓް ޓްވީޓެއްގައި މީހަކު ލިޔުނެވެ.

އަގުތައް ކަނޑައެޅީ ދަތުރުކުރެވޭ ސަރަހައްދާއި ޕެޓްރޯލް ހަރަދާއި އެފަދަ ކަންކަމަށް ރިއާޔަތްކޮށް ޓެކްސީ ޑްރައިވަރުންނާއި ހިދުމަތް ލިބިގަންނަ އާންމު ފަރުދުންގެ މަސްލަހަތަށް ބުރޫނާރާނެ ފަދަ ވިސްނުމެއްގައި ކަމަށް ޓްރާންސްޕޯޓުން ބުނެ އެވެ.